Advertisement

އާ އިމާރާތެއް އަޅައި، މޭނާ ސްކޫލު ބޮޑު ކުރަނީ

19 ޖޫން 2022 - 08:39 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ހޮޅުދޫ މޭނާ ސްކޫލުގެ 75ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާޓުގައި ރައިސް ވާހަކަ ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް


އާ އިމާރާތެއް އަޅައި، މޭނާ ސްކޫލު ބޮޑު ކުރަނީ

19 ޖޫން 2022 - 08:39 0

ނ. ހޮޅުދޫ މޭނާ ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އިތުރު ކެމްޕަހެއް އަޅާދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ހޮޅުދޫ މޭނާ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި އަލިމަސް ޔޫބީލް ޖަލްސާ ޝަރަފުވެރި ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ އަތޮޅުގެ ތައުލީމީ ދާއިރާއަށް ބަލައިލިއަސް މޭނާ ސްކޫލަކީ ތައުލީމީ ދާއިރާއިން އެ އަތޮޅުގައިވެސް އެފަދަ ދެ ވަނައެއް ނެތް ވަރުގަދަ ތަނބެއް ކަމަށެވެ. އެ އަތޮޅުގައި މަތީ ސާނަވީގައި މެދުކެނޑުމެއް ނެތި ދެ ސްޓްރީމަށް ކިޔަވައިދޭ ހަމައެކަނި ތަނަކީ ވެސް މޭނާ ސްކޫލް ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން އެ ސްކޫލުން ކިޔެވި ދަރިވަރުން ހޯދާފައިވާ ރަން ވަނަ ތަކާއި މިހާރުވެސް ހޯދަމުންދާ ކާމިޔާބީ ރައީސް ފާހަގަ ކުރެއްވި އެވެ. އަދި ސަރުކާރުން އެ ރަށު ސްކޫލުގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތަކަށްވެސް އަލި އަޅުއްވާ ލެއްވި އެވެ.

"ޖާގައިގެ ދަތިކަން ހުރުމުން މޭނާ ސްކޫލް މިހާރު ހިންގަނީ ދެ ކެމްޕަހެއްގައި. ނަމަވެސް އެއް ކެމްޕަހަކަށް ސްކޫލް ބަދަލުކުރަން ބޭނުންވާ ޖާގަ އެއްވެސް ކެމްޕަހެއްގައެއް ނެތް. އެކަމަށް އޮތް ހައްލަކީ، އާ ކެމްޕަސް ކައިރީގައި، ޒުވާނުންގެ މަރުކަޒު އެހުރި ބިމުގައި ސްކޫލްގެ އާ އިމާރާތް ބިނާކޮށް ދެ އިމާރާތް ގުޅުވައިލުން،" ރައީސް ވިދާޅުވި އެވެ.

ސްކޫލުން ބޭނުންވެފައި އެ އޮތް ގޮތަށް 22 ކްލާސް ރޫމާއި، އިދާރީ ކަންތައްތައް ކުރުމަށް ބޭނުންވާ އިމާރާތާއެކު އެ މަސައްކަތް ކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ބާ ސްކޫލްގެ ކެމްޕަހަށް ޒުވާނުންގެ މަރުކަޒު ބަދަލުކޮށް، އިންޑޯ ކުޅިވަރުތަކާއި އެކަށީގެންވާ ވަސީލަތްތަކާއެކު ޒުވާނުންގެ މަރުކަޒެއް އެތަނުގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ގާއިމުކޮށްދޭނަން،" ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވި އެވެ.

އެ ރަށުގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމީ ދާއިރާގެ އުމްރާނީ ތަރައްގީއަށް ކުރަމުންދާ މަސައްކަތަކަށްވެސް އެމަނިކުފާނު އަލިއަޅުއްވާ ލެއްވި އެވެ.

މިގޮތުން، ރާއްޖޭގެ އެކި ރަށްރަށުގައި ކްލާސް ރޫމްތައް އިތުރުކުރުމާއި، މަލްޓިޕާޕަސް ހޯލްތައް ބިނާކުރުމާއި، ސައެންސް ލެބޯޓަރީތަކާއި އޮފީސް އިމާރާތްތައް ހެދުމުގެ މަސައްކަތްވެސް އެކި ސްކޫލްތަކުގައި މިހާރުވެސް ކުރިއަށްދާ ކަމަށާއި އެ މަޝްރޫއުތައް ނިމުމުން، ސްކޫލްތަކުގައި ހުރި ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ މޭނާ ސްކޫލްގެ 75 އަހަރުވީ ހަޔާތާ ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފަ އެވެ. އެގޮތުން 75 އަހަރަކީ ކުރު މުއްދަތެއް ނޫން ކަމަށާއި ނަމަވެސް އެ ސްކޫލެއްގެ ކާމިޔާބީ ވަޒަންކުރާ ތިލަފަތަކީ ހާސިލްކުރާ ނަތީޖާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މިންގަނޑުން ބަލާއިރު މޭނާ ސްކޫލަކީ ރާއްޖޭގެ ތައުލީމީ ހަޔާތުގައި ވަރަށް މަތީ މަގާމެއް ހާސިލްކޮށްފައިވާ ސްކޫލެއްކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.