Advertisement

ލަންކާގައި ތެޔޮ ހުރީ އެންމެ ހަތަރު ދުވަހަށް ވާ ވަރަށް

17 ޖޫން 2022 - 17:20 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

އަވަށްޓެރި ސްރީލަންކާގެ ވެރިރަަށް ކޮލަމްބޯގައި ހުންނަ ޕެޓްރޯލްޝެޑެއްގެ ކައިރީ ސިފައިން ފޯރިމަރަނީ. އެގައުމުގައި ތެޔޮ ހުރީ އެންމެ 4 ދުވަހަށް ވާ ވަރަށް.


ލަންކާގައި ތެޔޮ ހުރީ އެންމެ ހަތަރު ދުވަހަށް ވާ ވަރަށް

17 ޖޫން 2022 - 17:20 0

އަވައްޓެރި ސްރީލަންކާއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަމުގެ ސަބަބުން، ތެޔޮ އެތެރެކުރެވޭނެ ގޮތެއް ނެތި، އެ ގައުމުން ތެޔޮ މުޅިން ހުސްވުމާ ދާދި ގާތަށް ހިނގައްޖެ އެވެ.

ލަންކާގެ ޕަވާ އެންޑް އެނާޖީ މިނިސްޓަރު ކަންޗަނާ ވިޖެސޭކަރަ ސީއެންއެންއަށް ވިދާޅުވި ކަމަށް އެ އެޖެންސީން ބުނީ އިއްޔެ އެގައުމުގައި ހުރީ އެންމެ ފަސް ދުވަހަށް ފުދޭހާ ތެޔޮ ކަމަށެވެ. ތެޔޮ އެހާ މަދުވުމުން، ކޮންޓްރޯލްކޮށްގެން ވިއްކާތީ ތެޔޮ ވިއްކާ ތަންތަނުގެ ކައިރީގައި ހަދާފައިވާ ވެހިކަލް ކިއުތައް އެެތައް ކިލޯމީޓަރަކަށް ދެމިފައިވާ ކަމަށް ވެސް ސީއެންއެންގެ ހަބަރުގައި ބުންޏެވެ.

ލަންކާއަށް އެންމެ އަވަހަށް ވެސް ތެޔޮ ޝިޕްމަންޓެއް އެތެރެކުރެވެން އޮތީ އަވަށްޓެރި އިންޑިއާއިން ވައުދުވެފައިވާ 500 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީ ލިބިގެންނެވެ.

ގާތްގަނޑަކަށް 22 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ލަންކާއިން ބޭރު ފައިސާ ހުސްވުމުން އެގައުމަށް މިހާރު ކުރިމަތިވެފައި އޮތީ ހަމަ އެކަނި ތެޔޮ ނުލިބުމުގެ ދަތިކަމެއް ނޫނެވެ. ބޭހާއި މުހިއްމު އެހެން އެތައް ބާވަތެއް އެތެރެކުރަން ވެސް ވަނީ ދަތިވެފަ އެވެ.

ލަންކާގައި މީގެ ކުރިން ވެސް މިހާ ވަރަށް ތެލުގެ ދަތިކަން ކުރިމަތިވި އެވެ. އެ ފަހަރު ސަރުކާރުން ބުނީ އެގައުމުގައި ހުރީ އެންމެ ދުވަހަކަށް ފުދޭހާ ތެޔޮ ކަމަށެވެ.

ލަންކާ ތެލަށް ޖެހުނީ އެގައުމަށް ތެޔޮ ސަޕްލައިކުރާ ފަރާތްތަކަށް ދައްކަން ޖެހޭ 725 މިލިޔަން ޑޮލަރު ދެއްކެން ނެތިގެންނެވެ. ވިޖެ ސޭކަރަ ސީއެންއެންއަށް ވިދާޅުވެފައިވާ ގޮތުގައި އެ ފައިސާ ނުދެއްކި އޮތުމުން، ދަރަންޏަށް ތެޔޮ ހޯދަން ކްރެޑިޓް ލެޓާއެއް ހުޅުވަން ވެސް ވަނީ ދަތިވެފަ އެވެ.

"ތެޔޮ ލިބުން ދަތިވެގެން މިއުޅެނީ އަަޅުގަނޑުމެނަށް ދިމާވެފައިވާ ބޭރުފައިސާގެ ދަތިކަމުގެ ސަބަބުން. ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ މިހާރު ހުރި ޑީސަލާއި ޕެޓްރޯލުން ޖޫން 21 ވަނަ ދުވަހާ ހަމައަށް މެނޭޖްކުރަން. ޑިމާންޑާ އެއްވަރަށް ތެޔޮ ހޯދަން އަޅުގަނޑުމެންނަށް މިވަނީ ވަރަށް ބޮޑަށް ދަތިވެފައި. އަސާސީ ނޫން ދަތުރުތައް ހުއްޓައިނުލާ ނަމަ މާ އަވަހަށް [ޖޫން 21 އަށް ވުރެ އަވަހަށް] ވެސް ހުސްވެދާނެ،" ވިޖެސޭކަރަ ސީއެންއެންއަށް ވިދާޅުވި އެވެ.

އެހެން ނަމަވެސް އޭނާ ވިދާޅުވީ ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ތެޔޮ ޝިޕްމަންޓެއް ލިބޭނެ ކަމަށާއި އަދި ކުރިއަށް އޮތް ދުވަހުގެ ތެރޭގައި އިތުރު ދެ ޝިޕްމަންޓް ލިބޭނެ ކަމަށެވެ.

ލަންކާ މިހާލަތަށް ގޮސްފައި ވާއިރު އެގައުމުން މިހާރު އިންތިޒާރުކުރަމުން ދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޫކުރާނެ ކަަމަށް ބުނެފައިވާ 500 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ރަސްމީކޮށް ހަމަޖެހޭނެ އިރަކަށެވެ. ވިޖެސޭކަރަ ވިދާޅުވި ގޮތުގައި އެ ފައިސާ ބޭނުންކުރާނީ ކުރިއަށް އޮތް ހަފްތާތަކުގައި ގެންނަ ތެޔޮ ޝިޕްމެންޓްތަކަށް އަގު ދެއްކުމަށެވެ.

ލަންކާއަށް މާލީ ކާރިސާ ދިމާވި ފަހުން އެގައުމަށް އެންމެ ބޮޑު އެހީތެރިކަމެއް ދެމުން އަންނަނީ އިންޑިއާއިންނެވެ. އެގޮތުން ގާތްގަނޑަކަށް ތިން ބިލިޔަން ޑޮލަރު އިންޑިއާއިން ވަނީ ލަންކާއަށް ފޯރުކޮށްދީފަ އެވެ. ވިޖެސޭކަރަ ވިދާޅުވީ ތެޔޮ އެެތެރެކުރުމުގެ އިންތިޒާމެއް ހަމަޖެހޭތޯ، ރަޝިޔާ ހިމެނޭ ގޮތުން ގިނަ ގައުމުތަކަކާ އެކު ލަންކާއިން އަންނަނީ މަޝްވަރާކުރަމުންނެވެ.

މާލީ ކާރިސާއިން ސަލާމަތްވުމަށް ޓަކައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ ޕެކޭޖެއް ހޯދަން ލަންކާއިން މިހާރު އަންނަނީ ވާހަކަ ދައްކަމުންނެވެ. އައިއެމްއެފްގެ ވަފުދެއް އެގައުމަށް ދާނެކަމަށް ބެލެވެނީ މިމަހުގެ 20 ގަ އެވެ.