Advertisement

ޕޮގްބާ ބޭނުމީ ޔުނައިޓެޑުން ހެދީ ގޯހެއްކަން ސާބިތުކޮށްދޭން

17 ޖޫން 2022 - 13:17 0


ޕޮގްބާ ބޭނުމީ ޔުނައިޓެޑުން ހެދީ ގޯހެއްކަން ސާބިތުކޮށްދޭން

17 ޖޫން 2022 - 13:17 0

މެންޗެސްޓާ (ޖޫން 17) - ހިލޭ ޓްރާންސްފާއެއްގައި ދެ ވަނަ ފަހަރަށް މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލާފައިވާ ޕައުލް ޕޮގްބާގެ އަމާޒަކީ އޭނާ އަށް ރަނގަޅު ކޮންޓްރެކްޓެއް ނުދީ ޔުނައިޓެޑުން ހެދީ ގޯހެއް ކަން ސާބިތުކޮށްދިނުން ކަމަށް ބުނެފި އެވެ.

ޔުނައިޓެޑްގެ ޔޫތު ޓީމުގައި މޮޅު ކުޅުމެއް ދައްކައި، ޕޮގްބާ 2012 ވަނަ އަހަރު ސީނިއާ ޓީމަށް ޕްރޮމޯޓްވި ނަމަވެސް އެ އަހަރު ވަނީ ހިލޭ ޓްރާންސްފާއެއްގައި ޔުވެންޓަސް އަށް ބަދަލުވެފަ އެވެ. ޕޮގްބާ، 30، ޔުނައިޓެޑާ އަލުން ގުޅުނީ 2016 ވަނަ އަހަރު، އޭރު ދުނިޔޭގެ ރެކޯޑު ފީއެއް ކަމަށްވާ 118 މިލިއަން ޑޮލަރަށެވެ. މި ސީޒަނުގެ ނިޔަލަށް ޔުނައިޓެޑްގެ ކޮންޓްރެކްޓްގައި ހުރި ޕޮގްބާ ވަނީ މިހާރު އެ ޓީމު ދޫކޮށްލައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން މިދިޔަ ސީޒަނުގައި ޔުނައިޓެޑަށް ކޯޗުކޮށްދިން އޮލެ ގުނަ ސޯލްޝެއާގެ ލަފާގެ މަތިން ޕޮގްބާގެ ކޮންޓްރެކްޓް އާ ކުރަން ޔުނައިޓެޑުން ބޭނުންވި އެވެ. އަދި ޔުނައިޓެޑުން ވަނީ ޕޮގްބާ އަށް ހަފްތާ އަކު 368،000 ޑޮލަރު ލިބޭ ދެ އަހަރުގެ ކޮންޓްރެކްޓެއް ދީފަ އެވެ. އެއީ ދެ ފަރާތުން އެއްބަސްވާނަމަ އިތުރު އެއް އަހަރަށް މަޑުކުރެވޭ ގޮތަށެވެ. އެކަމަކު، ޕޮގްބާ އަށް އެ މުސާރަ ކުޑަވުމުން ކޮންޓްރެކްޓް އާ ނުކުރި އެވެ.

އެމޭޒަން ޕްރައިމްގައި މިއަދު ރިލީސްކުރާ ޕޮގްބާގެ ޑޮކިއުމެންޓްރީގައި އޭނާ ބުނެފައިވަނީ ޔުނައިޓެޑުން އޭނާ އަށް ރަނގަޅު ކޮންޓްރެކްޓެއް ނުދީ ހެދީ ގޯހެއްކަން ސާބިތުކޮށްދޭން ބޭނުންވާ ކަމަށެވެ.

"ޔުނައިޓެޑުން އަހަންނަށް ރަނގަޅު ކޮންޓްރެކްޓެއް ނުދީ ހެދީ ގޯހެއްކަން ދައްކައިދޭން ބޭނުން،" ޕޮގްބާ ބުނެފައިވެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ޕޮގްބާ ވަނީ އަލުން ޔުވެންޓަސް އަށް ބަދަލުވާން ނިންމައިފަ އެވެ. ޕޮގްބާ ރެއާލް މެޑްރިޑާއި ޕީއެސްޖީއާ އެކު މަޝްވަރާކުރި ނަމަވެސް އެންމެ ފަހު ވަގުތު ނިންމާފައިވަނީ ޔުވެންޓަސްއާ ގުޅުމަށް ކަމަށް އިޓަލީގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ،

ޔުވެންޓަސްއާ އެކު ކެރިއަރުގައި އާ އުސްމިނަކަށް ދިޔަ ޕޮގްބާ ވަނީ އެ ޓީމާ އެކު ޖެހިޖެހިގެން ހަތަރު ފަހަރު އިޓާލިއަން ލީގާއި އިޓާލިއަން ކަޕް (ކޮޕަ އިޓާލިއާ) ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. ޕޮގްބާ އަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވާ އެއް ސަބަބަކީ ޔުވެންޓަސްގައި ދެއްކި ކުޅުން ޔުނައިޓެޑްގެ ޖޯޒީގައި ނުދެއްކުމެވެ.