Advertisement

ވީއޭއެމް އެސޯސިއޭޝަން ކަޕް: ގުޑީސް އަތުން އުނދަގޫ މޮޅެއް ހޯދައި ވެމްކޯ އަށް ހަމަަޖެހުމެއް

17 ޖޫން 2022 - 00:40 0

ވެމްކޯގެ ކެޕްޓަން ކުޑަކާއްޓޭ މިރޭގެ މެޗުގެ ތެރެއިން އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ވީއޭއެމް އެސޯސިއޭޝަން ކަޕް: ގުޑީސް އަތުން އުނދަގޫ މޮޅެއް ހޯދައި ވެމްކޯ އަށް ހަމަަޖެހުމެއް

17 ޖޫން 2022 - 00:40 0

ވީއޭއެމް އެސޯސިއޭޝަން ކަޕްގައި މިރޭ ކުޅުނު މެޗުން ގުޑީސް ސްޕޯޓްސް ކްލަބް އަތުން 3-2 ސެޓުން، އުނދަގޫ މޮޅެއް ހޯދައި، ކްލަބް ވެމްކޯ އިން ގަދަ ތިން ޓީމުގެ ތެރޭގައި ހިމެނި ފައިނަލުގެ ޖާގައެއް ހޯދުމަށް އިތުބާރު ހޯދައިފި އެވެ.

ފުރަތަމަ ދެ މެޗުން އޮއްފު އެފްސީ އާއި ސްޕޯޓްސް ކްލަބް ސިޓީ އަތުން 3-1 ސެޓުން މޮޅުވި ނަމަވެސް ތިން ވަނަ މެޗުގައި ސީދާ ތިން ސެޓުން ދިވެހި ސިފައިންގެ ކްލަބް އަތުން ބަލިވި ކްލަބް ވެމްކޯ އިން ވަނީ މިރޭ 3-2 ސެޓުން ގުޑީސް ބަލިކޮށްފަ އެވެ.

މިރޭގެ މޮޅާ އެކު ވެމްކޯ މި ވަގުތު އެއް ވަނައިގައި އޮތީ ހަތަރު މެޗުން އަށް ޕޮއިންޓް ހޯދައިގެންނެވެ. ލީގު ބުރުގައި ވެމްކޯ އަށް ބާކީ އޮތީ ހޮނިހިރު ދުވަހުގެރޭ ޕޮލިސް ކްލަބާ ބައްދަލުކުރާ މެޗެވެ. ފުލުގައި ވިއްދާފައި އޮތް ސިފައިންނާއި ފުލުހުންނަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ހަތަރު ވަނައިގައި އޮތް ސިޓީ އަށް ވަނީ ތިން މެޗުން ހަ ޕޮއިންޓް ލިބިފަ އެެވެ. ގަދަ ތިން ޓީމު ތެރޭގައި ހިމެނުމުގެ ފުރުސަތު އޮތީ މި ހަތަރު ޓީމަށެވެ.

މިރޭގެ މެޗުގެ ތެރެއިން ވެމްކޯ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ފަސް ވަނައިގައި އޮތް އޮއްފު އާއި ހަ ވަނައިގައި އޮތް ގުޑީސް އަށް ފައިނަލް ބުރަށް ދިއުމުގެ ދޮރު އޮތީ ބަންދުވެފަ އެވެ. އޮއްފު އަށް ހަތަރު މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ގުޑީސް އަށް ވަނީ ހަތަރު މެޗުން ދެ ޕޮއިންޓް ލިބިފަ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭ ކުުޅުނު މެޗާ ކުރިމަތިލިއިރު، އަނިޔާގެ މައްސަލަތައް ގުޑީސް އާއި ވެމްކޯ އަށް ވެސް އޮތީ ކުރިމަތިވެފަ އެވެ. ފުރަތަމަ ޕޮލިސް އަތުން ބަލިވި މެޗުގައި ގުޑީސްގެ ކެޕްޓަން، ހުސެއިން ވިޝާމް (ބުޅިކެ) އަށް އަނިޔާވިއިރު، ދެން އެ ޓީމުން ކުޅުނު ދެ މެޗުގައި އޭނާ ނުކުޅެ އެވެ. މިރޭގެ މެޗުގައި ވެމްކޯއާ ދެކޮޅަށް ކުޅުނު ނަމަވެސް ބުޅިކެ އެއްކޮށް ފިޓްނޫނެވެ. އަނެއްކޮޅުން އެންމެ ފަހުން ސިޓީއާ ކުޅުނު މެޗުގައި ގުޑީސްގެ ގޮނިބީދޫ ސިޔާމްސުންދަރު އަށް އަނިޔާވި އެވެ.

ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ، އަމިތުސިންހު ކަޕްތާންސިންހް އަށް ވެސް ފުރަތަމަ މެޗުގައި އަނިޔާވެ، ވަނީ މުބާރާތް ނިމިފަ އެވެ.

ވެމްކޯގެ ފައިރޫޒް (ވ) އާއި ފާޒިލް (ވ) ކައިރިން ގުޑީސްގެ ނިލާމް ބޯޅައެއް ފޮނުވާލަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ވެމްކޯގެ ސެޓަރު، ރަންޖިތު ސިންހާއި ސެންޓަ ބްލޮކަރު އަޝްވަލް ރާއީ މިރޭ ރަނގަޅަށް ކުޅުނުއިރު، މެޗުގައި ތަފާތު ދެއްކީ އެ ޓީމުގެ ކެޕްޓަން، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އެވެ. ފުރަަތަމަ ސެޓު 25-12 އިން ވެމްކޯ ގެންދިޔަ ނަމަވެސް، ގުޑީސް ތިބީ ފަސޭހައިން ދޫކުރާ ގޮތަކަށް ނޫނެވެ. ގުޑީސްގެ ހަަސަން ނިލާމް (ޕާޓޭ) އާއި ބިދޭސީ ކުޅުންތެރިޔާ، ރިޔާޒުއްދީން މޮޅަށް ކުޅެގެން، ދެ ވަނަ ސެޓު، 18-25 އިން ގުޑީސް އަށް ގެންގޮސްދިނެވެ.

ތިން ވަނަ ސެޓުގައި ވެމްކޯގެ ފަރާތުން ފެނުނީ ފޯކަސް ކުޅުމެކެވެ. ޑިފެންސް ބޯޅަތަކުގައި ފަރުވާ ބަހައްޓައިގެން ކުޅެ، ސެޓު ގެންދެވޭނެ ވަރަށް މަސައްކަތުގެ ރޭޓް ދެމެހެއްޓި އެވެ. އެ ގޮތުން ތިން ވަނަ ސެޓު 25-20 އިން ގެންގޮސް، ހަމަޖެހިލި އެވެ. އެކަމަކު، މުހިންމު ވަގުތުތަކުގައި ހަތަރު ވަނަ ސެޓުގައި ވެމްކޯ އަށް ގޯސްތަކެއް ހެދި، ގުޑީސް އިން އޭގެ ފައިދާ ނެގި އެވެ. ނަތީޖާ އަކަށްވީ ގުޑީސް އިން ހަތަރު ވަނަ ސެޓު، 23-25 އިން ގެންގޮސް މެޗު ފަސް ސެޓަށް ގެންދިއުމެވެ.

ނަތީޖާ ނެރެން ކުޅުނު ސެޓުގެ ކޮންޓްރޯލް ނެގީ ވެމްކޯ އިންނެވެ. މާ ބޮޑު ހާސްކަމެއް ނެތި، އެ ޓީމުން ވަނީ 15-09 އިން ސެޓު ގެންގޮސް މެޗުން މޮޅުވެފަ އެވެ.

މުބާރާތުގައި މާދަމާ އޮތީ އެންމެ މެޗެކެވެ. މާދަމާރޭ ކުޅޭ މެޗުގައި ޕޮލިސް ބައްދަލުކުރާނީ ސްޕޯޓްސް ކްލަބް ސިޓީއާ އެވެ. މި މެޗުން މޮޅުވާ ޓީމަކަށް ގަދަ ތިނެއް ޔަގީންވާނެ އެވެ.