Advertisement

ސްރީ ލަންކާގެ އިގްތިސާދު ކުރިއަރުވަން އެމެރިކާއިން 120 މިލިއަން ޑޮލަރުގެ ލޯނު

އެމެރިކާއިން ލަންކާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޖޫލީ ޗުންގް. -- ފޮޓޯ: އަޑަޑެރަނަ


ސްރީ ލަންކާގެ އިގްތިސާދު ކުރިއަރުވަން އެމެރިކާއިން 120 މިލިއަން ޑޮލަރުގެ ލޯނު

ކޮލޮމްބޯ، ސްރީލަންކާ (ޖޫން 15) - ސްރީލަންކާގެ އިގްތިސާދު ކުރިއަރުވައި އެހީވުމުގެ ގޮތުން 120 މިލިއަން ޑޮލަރުގެ ލޯނު ފޯރުކޮށްދޭން އެމެރިކާގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕޮރޭޝަން (ޑީއެފްސީ)ގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފި އެވެ.

"ފާއިތުވި ހަތްދިހަ އަހަރު އެމެރިކާއިން ވަނީ ހިލޭ އެހީ އާއި ލޯނާއި ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދީ ސްރީ ލަންކާގެ އިގްތިސާދު ފުޅާކޮށް ލަންކާ ރައްޔިތުންނަށް އެއްބާރުލުން ދީފައި،" އެމެރިކާގެ ސަފީރު ޖޫލީ ޗުންގް ވިދާޅުވި އެވެ.

"މިއަދުގެ މި ނިންމުމަކީ އަމިއްލަ ވިޔަފާރިތަކަށް އުފާވެރި ހަބަރެއް. ޑީއެފްސީން ފާސްކުރި އާ 120 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިދާކޮށް، ވަޒީފާ އާއި މުސްތަގްބަލް ބިނާ ކުރަން އެހީއަކަށް ވާނެ."

ބުދަ ދުވަހު އިއުލާނު ކުރި މަޝްރޫއުތަކުގެ ތެރޭގައި ކޮމާޝަލް ބޭންކް އޮފް ސިލޯނަށް 100 މިލިއަން ޑޮލަރުގެ ލޯނެއް ހިމެނެ އެވެ. އޭގެ އިތުރުން ބީޕީޕީއެލް ހޯލްޑިންގްސް ކުންފުންޏަށް 15 މިލިއަން ޑޮލަރުގެ ލޯނަކާއި އެމްއޭޒް ޓްރޮޕިކަލް ފުޑް ޕްރޮސެސިން ޕްރައިވެޓް ލިމިޓެޑަށް ފަސް މިލިއަން ޑޮލަރުގެ ލޯނެއް ހިމެނެ އެވެ.

އެމެރިކާގެ ޑީއެފްސީއިން ފާއިތުވި ދެ އަހަރުގެ ތެރޭގައި ސްރީލަންކާގެ އެކި މަޝްރޫއުތަކަށް 300 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވެ އެވެ. -- ނިއުސްވަޔާ --