Advertisement

ޔޫކްރެއިނަށް އިތުރު ބަރު ހަތިޔާރު ފޯރުކޮށްދޭން ނޭޓޯއިން ގޮވާލައިފި

ނޭޓޯގެ ސެކެޓްރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް. -- ފޮޓޯ: ރޮއިޓާޒް


ޔޫކްރެއިނަށް އިތުރު ބަރު ހަތިޔާރު ފޯރުކޮށްދޭން ނޭޓޯއިން ގޮވާލައިފި

ދަ ހޭގް، ނެދަލޭންޑްސް (ޖޫން 15) - ހުޅަނގުގެ ގައުމުތަކުން ޔޫކްރެއިން ފޮނުވާ "ބަރު ހަތިޔާރު" އިތުރު ކުރަން ނޭޓޯގެ ސެކެޓްރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް ގޮވާލައްވައިފި އެވެ.

ނޭޓޯގައި ހިމެނޭ ޔޫރަޕްގެ ހަތް ގައުމެއްގެ ވެރިންނާ ބައްދަލުކުރެއްވުމަށް ފަހު ސްޓޮލްޓެންބާގް ނޫސްވެރިންނަށް ވިދާޅުވީ ޔޫކްރެއިނަށް ފޮނުވާ ބަރު ހަތިޔާރު އިތުރު ކުރަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ ނޭޓޯއިން ފޮނުވާ ތަކެތި "އިތުރު ކުރަމުންދާ" ކަމަށާއި ބުދަ ދުވަހު އޮފިޝަލުން ބްރަސެލްސްގައި ބައްދަލުކޮށް އިތުރު އެހީއާ ބެހޭ ނިންމުންތައް ނިންމާނެ ކަމަށެވެ.

ޔޫކްރެއިނުން މީގެ ކުރިން ވަނީ ބަރު ހަތިޔާރު ފޯރުކޮށްދިނުމަށް ތަކުރާރުކޮށް އެދިފަ އެވެ. އަދި ބައެއް ޔޫރަޕްގެ ގައުމުތަކުން ހަތިޔާރު ދިނުމުގައި ފަސްޖެހޭ ކަމަށް ބުނެ، ފާޑުކިޔާފައިވެ އެވެ.

ޕޮލޭންޑްގެ ބޮޑު ވަޒީރު މެޓިއުޒް މޮރަވިއެކީ އަންގާރަ ދުވަހު ވިދާޅުވީ "ޔޫކްރެއިނަށް އެހީވުމަށް" އެކަށީގެންވާ މަސައްކަތް ހުޅަނގުން ކުރަމުން ނުދާ ކަމަށެވެ.

"ޔޫކްރެއިންގެ ދިފާއުގައި އެކަށީގެންވާ މަސައްކަތެއް އަދި ނުކުރެވޭ. ޔޫކްރެއިން ރައްޔިތުންނާއި އެ މީހުންގެ މިނިވަންކަމާއި އިސްތިގްލާލް ހިމާޔަތް ކުރަން އެންމެ އެކަށޭނަ އެހީ ފޯރުކޮށެއް ނުދެވޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަނގުރާމައިގައި ޔޫކްރެއިން ބަލިވެއްޖެ ނަމަ ހުޅަނގުގެ ގައުމުތަކުގެ އެއްވެސް އިތުބާރެއް ނޯންނާނެ ކަމަށެވެ.

"އެކަން ވާނީ މުޅި ޔޫރަޕިއަން ޔޫނިއަން އާއި ނޭޓޯ އަދި އަޅުގަނޑުމެން ގެންގުޅޭ ވިސްނުންތަކަށް ބޮޑު ކާރިސާއަކަށް،" އޭނާ ވިދާޅުވި އެވެ. -- އޭއެފްޕީ --