Advertisement

ރަޝިއާގައި ޔޫކްރެއިން ކުދިން އެޑޮޕްޓް ކުރުމާ ދެކޮޅަށް އދ. ގެ އިންޒާރު

އިރުމަތީ ޔޫކްރެއިންގެ ސިޓީއަކުން ކުދިންތަކެއް އިވެކުއޭޓް ކުރަނީ. -- ފޮޓޯ: އޭއެފްޕީ


ރަޝިއާގައި ޔޫކްރެއިން ކުދިން އެޑޮޕްޓް ކުރުމާ ދެކޮޅަށް އދ. ގެ އިންޒާރު

އދ، އެމެރިކާ (ޖޫން 15) - ރަޝިއާގައި ޔޫކްރެއިން ކުދިން އެޑޮޕްޓް ކުރުމާ ދެކޮޅަށް އދ. ގެ އިސް އޮފިޝަލަކު އިންޒާރު ދެއްވައިފި އެވެ.

"އަޅުގަނޑުމެން ތަކުރާރުކޮށް މި ދަންނަވަނީ އެމެޖެންސީ ހާލަތްތަކުގައި އެޑޮޕްޝަން ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށް،" ޔޫރަޕާއި މެދުތެރޭ އޭޝިއާއަށް ހާއްސަ ޔުނިސެފްގެ ޑައިރެކްޓަރު އަސްފާން ހާން ވިދާޅުވި އެވެ.

"އެފަދަ ކުދިންނަކީ ޔަތީމުން ކަމުގައި ބެލެވިގެން ނުވާނެ. އެފަދަ ކުދިން އެއް ތަނުން އަނެއް ތަނަށް ބަދަލު ކުރަން ވާނީ އެ ކުދިންނަށް އެންމެ ރަނގަޅު ގޮތް ވިސްނައިގެން އެއްވެސް މަޖުބޫރު ކަމެއް ނެތި،" ޔޫކްރެއިނަށް ކުރެއްވި ދަތުރަކަށް ފަހު އޭނާ ނޫސްވެރިންނަށް ވިދާޅުވި އެވެ.

"ރަޝިއާއަށް ގެންގޮސްފައިވާ ކުދިންނާ ގުޅޭ މައުލޫމާތު ސާފު ކުރުމަށް އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން،" މި ވަގުތު އެ ކުދިން ކައިރިއަށް ދެވޭނެ ގޮތެއް ނެތްކަން ފާހަގަކުރަމުން ހާން ވިދާޅުވި އެވެ.

ރަޝިއާގައި ޔޫކްރެއިން ކުދިން އަމިއްލަ އިހްތިޔާރެއް ނެތި އެޑޮޕްޝަންގައި ހިމެނުމުގެ ނުރައްކާ އޮތުމާ އެކު މިދިޔަ މާޗް މަހުގެ ތެރޭގައި އދ. އިން ކަންބޮޑުވުން ފާޅުކުރި އެވެ.

މިދިޔަ ފެބްރުއަރީ މަހު ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށި އިރު، 91،000 ކުދިން އުޅެމުން ދިޔައީ ޔޫކްރެއިންގެ ބޯޑިން ސްކޫލްތަކާއި ކުދިން ބަލަހައްޓާ ގެތަކުގަ އެވެ.

ގިނަ އަދަދެއްގެ ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުން ވެސް "ރަހީނުކޮށްގެން" ރަޝިއާއަށް ގެންގޮސްފައިވާ ކަމަށް މީގެ ކުރިން ޔޫކްރެއިން ސަރުކާރުން ތުހުމަތު ކުރި އެވެ. -- އޭއެފްޕީ --