Advertisement

ނޭޝަންސް ލީގު: ހަންގޭރީން އިންގްލެންޑް ލަދުގަންނުވާލައިފި، އިޓަލީ އަތުން ޖަރުމަަނަށް ބޮޑު މޮޅެއް

15 ޖޫން 2022 - 02:03 0

އިންގްލެންޑް ކޮޅަށް ގޯލު ޖެހުމަށް ފަހު ހަންގޭރީ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ނޭޝަންސް ލީގު: ހަންގޭރީން އިންގްލެންޑް ލަދުގަންނުވާލައިފި، އިޓަލީ އަތުން ޖަރުމަަނަށް ބޮޑު މޮޅެއް

15 ޖޫން 2022 - 02:03 0

ވުލްވްސް (ޖޫން 15) - ޔުއެފާ ނޭޝަންސް ލީގުގައި މިރޭ ހަންގޭރީން 4-0 އިން އިންގްލެންޑް ލަދުގަންނުވާލިއިރު، ޔޫރަޕްގެ ޗެމްޕިއަން އިޓަލީ އަތުން 5-2 އިން ޖަރުމަނު ބޮޑު މޮޅެއް ހޯދައިފި އެވެ.

ޔުއެފާ ނޭޝަންސް ލީގުގެ ޑިވިޝަން އެކެެއްގެ ގްރޫޕް ސީގައި ކޮންމެ ޓީމެއް ހަތަރު މެޗު ކުޅެފައިވާއިރު، އެއް ވަނައިގައި ހަންގޭރީ އޮތީ ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޖަރުމަނަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އިޓަލީ އޮތީ ފަސް ޕޮއިންޓް ހޯދައިގެންނެވެ. އެންމެ ފުލުގައި އޮތީ މޮޅެއް ނުލިބި ދެ ޕޮއިންޓާ އެކު އޮތް އިންގްލެންޑް އެވެ. އިންގްލެންޑަށް ވަނީ މިރޭގެ ބައްޔާ އެކު ފައިނަލް ބުރަށް ދިއުމުގެ ދޮރު ބަންދުވެފަ އެވެ.

ހަންގޭރީން ވަނީ މި މަހު ހަތަރު ވަނަ ދުވަހު ބުޑަޕެސްޓްގައި ކުޅުނު މެޗުން 1-0 އިން އިންގްލެންޑް ބަލިކޮށްފަ އެވެ. އެކަމަކު، މިރޭ އިންގްލެންޑްގެ ވުލްވްސްގެ މޮލިނެއުކްސް ސްޓޭޑިއަމްގައި ބޮޑު ތަފާތަކުން ހަންގޭރީ މޮޅުވިއިރު، އިންގްލެންޑުން މެޗު ނިންމާލީ ޖޯން ސްޓޯންސްގެ ރަތް ކާޑާ އެކު އެއް ކުޅުންތެރިއަކު މަދުކޮށެވެ. މިރޭގެ ނަތީޖާއާ އެކު މިއީ، އިނގިރޭސި ފުޓްބޯޅަ ތާރީހުގައި ވެސް އަމިއްލަ ދަނޑުގައި ލަނޑެއް ނުޖެހި މިހާ ތަފާތުކޮށް ބަލިވި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން އެ ޓީމު ހަތަރު ގޯލުގެ ތަފާތަކުން އަމިއްލަ ދަނޑުގައި ބަލިވީ 1928 ވަނަ އަހަރު ސްކޮޓްލެންޑް އަތުން 5-1 އިންނެވެ.

ހަންގޭރީގެ ނާގީ ކައިރިން ބޯޅަ ހިފައިގެންދާން އިންގްލެންޑްގެ ސްޓާލިން މަސައްކަތްކުރަނީ.--- ފޮޓޯ: އޭއެފްޕީ


ހަންގޭރީން މިރޭ ލީޑުނެގީ ފުރަތަމަ ހާފު ފަށައިގެން 15 ވަނަ މިނިޓްގައި ރޮލާންޑް ސަލާއި ޖެހި ގޯލުންނެވެ. ސަލާއި ޖެހި ބޯޅަ ގޯލަށް ވަނީ އިންގްލެންޑްގެ ކީޕަރު އާރޮން ރަމްސްޑޭލް އަތުގައި ޖެހިފަ އެވެ. ކައުންޓަ އެޓޭކުގައި ސަލާއި ވަނީ މެޗުގެ 70 ވަަނަ މިނިޓްގައި ހަންގޭރީ އަށް ލީޑުފުޅާކޮށްދީފަ އެވެ. އޭގެ ފަހުން، ސޯލްޓް ނެގީ ހަންގޭރީގެ ތިން ވަނަ ގޯލު ޖަހާފައިވަނިކޮށް، އިންގްލެންޑްގެ ސްޓޯންސަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކި އެވެ. އޭގެ ފަހުން ހަންގޭރީން ވަނީ ހަތަރު ވަނަ ގޯލެއް ޖަހައިފަ އެވެ. މި ލަނޑު ޖެހީ ޑެނިއަލް ގަޒްޑާގް އެވެ.

ޖަރުމަނު ދަނޑުގައި ކުޅުނު މެޗުގައި މިރޭ އެ ޓީމުގެ ގޯލުތައް ޖެހީ، ޔޯސުއާ ކިމިކާއި، ޕެނަލްޓީ އަކުން އިލްކާއި ގުންޑޮގާން، ތޯމަސް މުލާގެ އިތުރުން ޓިމޯ ވާނާ ދެ ގޯލެވެ. އިޓަލީގެ ގޯލުތައް ޖެހީ، ސްވިޒަލެންޑްގެ ޒިއުރިކް ޓީމަށް ކުޅޭ 18 އަހަރުގެ ވިންގް، ވިލްފްރިއެޑް ޖިއޯންޓޯ އާއި ޑިފެންޑަރު އަލެސަންދްރޯ ބަސްޓޯނީ އެވެ.

ޖަރުމަނުގެ ގްނަބްރީ (ކ) އާއި ޓީމޯ ވާނާ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


މިއީ މި ފަހަރުގެ ނޭޝަންސް ލީގުގައި ޖަރުމަނުގެ ފުރަތަަމަ މޮޅެވެ. ޖަރުމަނުން ފުރަތަމަ ތިން މެޗު ވެސް ވަނީ އެއްވަރުވެފަ އެވެ. ޖަރުމަނުގެ ކޯޗުކަމާ ހަންސީ ފްލިކް ހަވާލުވި ފަހުން އެ ޓީމު މި ވަނީ ބަލިނުވެ، 13 މެޗު ފުރިހަމަކޮށްފަ އެވެ.

ނޭޝަންސް ލީގުގެ ޑިވިޝަން އެކެއްގެ ގްރޫޕް ޑީގައި މިރޭ ފޯރިގަދަ މެޗަކަށް ފަހު ނެދަލެންޑްސް ވަނީ 3-2 އިން ވޭލްސް ބަލިކޮށްފަ އެވެ. ނޮއެލް ލޭންގްގެ ގޯލުން ނެދަލެންޑްސް ލީޑުނަގައިފައިވަނިކޮށް، ކޯޑީ ގަކްޕޯ ވަނީ އެ ޓީމަށް ދެ ވަނަ ގޯލެއް ޖަހައިދީފަ އެވެ. ވޭލްސް އަށް އުންމީދެެއް ލިބުނީ ބްރެނަން ޖޯންސަން ޖެހި ގޯލުންނެވެ. މެޗުގެ އިތުރު ވަގުތުގައި ގަރެތު ބޭލްގެ ޕެނަލްޓީން ވޭލްސް އެއްވަރުކުރިއިރު، މެޗު އެ ގޮތަށް ނިމޭނެ ކަމަށް ބަލައިގެން ހުއްޓައި، މެމްފިސް ޑިޕާއި ވަނީ ގޯލެއް ޖަހައި، ނެދަލެންޑްސް މޮޅުކޮށްދީފަ އެވެ.

މިޝީ ބަޓްޝުއާޔީގެ ހަމައެކަނި ގޯލުން މިރޭ ރަށުންބޭރުގައި ކުޅުނު ބެލްޖިއަމް ވަނީ 1-0 އިން ޕޮލެންޑް ބަލިކޮށްފަ އެވެ.