Advertisement

ކޮންމެ ގޮތެއް ހެދިޔަސް އީވާ ވިދާޅުވަނީ ބަހުސް ނުކުރެވޭ ވިޕްލައިންތަކަށް ތަބާނުވާނެ ކަމަށް

14 ޖޫން 2022 - 14:36 2

ނާޒިމް ހަސަން

ނާޒިމް ހަސަން

އީވާ އަބްދުالله: ކޮންމެ ގޮތެއް ހެދިޔަސް, ބަހުސް ކުރަން ފުރުސަތު ނޯންނަ ވިޕްލައިންތަކަށް ތަބާނުވާނެ ކަމަށް އީވާ ވިދާޅުވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ކޮންމެ ގޮތެއް ހެދިޔަސް އީވާ ވިދާޅުވަނީ ބަހުސް ނުކުރެވޭ ވިޕްލައިންތަކަށް ތަބާނުވާނެ ކަމަށް

14 ޖޫން 2022 - 14:36 2

ފިޔަވަޅު އެޅިޔަސް, ބަހުސްކުރުމުގެ ފުރުސަތު ނުލިބޭ ވިޕްލައިންތަކަށް ތަބާނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން މިފަހުން ނެރޭ ވިޕްލައިންތަކާ ހިލާފަށް ވޯޓު ދޭން އިއްޔެ, ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހުންނަވައި 18 މެންބަރަކު ވަނީ އެއްބަސްވެ, އެކަން އިއުލާން ކުރައްވާފަ އެވެ. އެއާއެކު އެ މެންބަރުންނާމެދު ފިޔަވަޅު އެޅުމުގެ އަޑު ގަދަވި އެވެ.

އެ 18 މެންބަރުންގެ ތެރޭ ހިމެނޭ އީވާ މިއަދު ޕާލިމެންޓްރީ ގްރޫޕުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މެޖޯރިޓީއަށް ތަބާވުމަކީ ޑިމޮކްރަސީގެ އެއް ސިފަ ކަމަށާއި ޑިމޮކްރަސީއަކީ މެޖޯރިޓީއަށް ތަބާވުމާއެކު މައިނޯރިޓީއަށާއި މައިނޯރިޓީގެ ބަހަށް ޖާގަ އޮތުން ކަމަށެވެ.

"...އެއީ ޕާޓީގެ އެތެރޭގައި ވިޔަސް, ކޮމިޓީއެއްގައި ވިޔަސް, ކޮންމެ ބަހުސެއްގަ ވިޔަސް, މެޖޯރިޓީ އޮތަސް މައިނޯރިޓީ އަދި އެހެން ހިޔާލުތަކަށް ޖާގަ އޮތުން," އީވާ ވިދާޅުވި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު ވިދާޅުވި ގޮތުގައި, މެޖޯރިޓީއަށް ތަބާވުމަކީ އެމްޑީޕީގެ އަސާސްތަކާއި މަޖިލިސްގެ އަސާސްތަކާ ހިލާފަށް, މަޝްވަރާ އާއި ބަހުސަށް ޖާގަ ބަންދު ކުރުމެއް ނޫނެވެ.

"އަޅުގަނޑު ހަމަ ގައިމް ވެސް ބަހުސަށް ޖާގަ ނުދޭ ވިޕްލައިންއަކަށް ތަބާވާކަށް ބޭނުމެއް ނޫން, ހަދާނެ އެއްޗެއް ހަދާ, އަޅުގަނޑު އިންތިހާބު ކުރީ ބަހުސްކުރަން, އެޅިހާ ބަތަކަށް ރިހަވާކަށް ނޫން," އީވާ ވިދާޅުވި އެވެ.

"...އެއީ އެމްޑީޕީ އެތެރޭން ވިޔަސް,"

ކޮންމެ ފިޔަވަޅެއް އެޅިޔަސް ވިޕްލައިންތަކާ ހިލާފުވާނެ ކަމަށް އީވާ ވިދާޅުވިއިރު, ވިޕްލައިންތަކާ ހިލާފުވާނަމަ, ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ ދެއްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޕާޓީ ޕާލިމެންޓްރީ ގްރޫޕްގެ މެޖޯރިޓީން ނިންމާ ނިންމުންތަކަށް، ވިޕްލައިންތަކަށް އަމަލު ނުކުރަން ނުކުތުމަކީ، ޕާޓީއެއް ތެރޭ މަސައްކަތް ކުރާއިރު ކުރާނެ އެންމެ ހުތުރު އަމަލެވެ. އެހެންވެ, އެ ނިންމުންތަކާ ހިލާފުވެއްޖެނަމަ ގަވާއިދުގައި އޮންނަ ގޮތަށް ފިޔަވަޅު އަޅާނެކަން އަސްލަމް ފާހަގަކުރެއްވި އެވެ.

މިގޮތުން ވިޕްލައިނާ ހިލާފުުނުވާން މެންބަރުންނަށް ނަސޭހަތް ދިނުމާއި، ޕާޓީތަކުގެ މަގާމުތަކަށް ކުރިމަތިނުލެވޭ ގޮތަށް ވަކި މުއްދަތަކަށް ސަސްޕެންޑް ކުރުން އަދި ފަހު ފިޔަވަޅެއްގެ ގޮތުގައި ޕާޓީން ވަކިކުރުން ވެސް ހިމެނެ އެވެ. އަޅާނެ ފިޔަވަޅެއް ނިންމާނީ އެ މައްސަލައެއް ބެލުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ވެސް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ވިޕްލައިނާ ހިލާފުވެގެން މެންބަރުން ވަކިކޮށްފައިވެ އެވެ. ނަމަވެސް ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ލިބި، މި މަޖިލީހަށް ފަހު އެފަދަ ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

ނަޝީދު އިސްކޮށް ހުންނަވައި, ވިޕްލައިންތަކާ ދެކޮޅަށް މެންބަރުންތަކެއް އިއްޔެ ނުކުތީ ދަރަނި ރީސްޓްރަކްޗާ ކުރުމަށް ބޭނުންވާ ކަންކަން ތަރުތީބު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ގަރާރެއް ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް ފޮނުވުމުން އެ ގަރާރު ހުށަހަޅަން ތާއީދު ނުކުރަން ގިނަ މެންބަރުން ވޯޓު ދެއްވުމާއެކު އެވެ.

އޭގެއިތުރުން ހައިކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ, މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ޗެއާ ކުރައްވާ ޖުޑިޝަރީ ކޮމިޓީން އަނބުރާ ފޮނުވާލަން ނިންމާފައިވަނިކޮށް ޕާލިމެންޓްރީ ގްރޫޕުން ވަނީ ތަޅުމުން ފަނޑިޔާރުން ވަކިކުރުމަށް ވޯޓު ދޭން ވިޕްލައިން ނެރެފަ އެވެ.

އޭގެފަހުން ކީރިތި ރަސޫލާއަށް އިންޑިއާގެ ބީޖޭޕީގެ މެންބަރަކު ފުރައްސާރަކުރި މައްސަލަ ކުށްވެރިކުރަން އިދިކޮޅުން ހުށަހެޅި ގަރާރު ބޭރުކޮށްލަން ވެސް އެމްޑީޕީން ވިޕްލައިން ނެރުނެވެ. މި ދެ ވިޕްލައިންއާ ގުޅިގެން އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑަށް ހިތްހަމަނުޖެހުންތައް އޮތެވެ. ހާއްސަކޮށް އެކަމާ ދެކޮޅަށް ނަޝީދަށް ތާއިދު ކުރައްވާ މެންބަރުން އަޑު އުފުއްލެވި އެވެ.

"މިހާރު ވިޕް އޮންނަނީ މާ ވަރުގަދަ ބައެއްގެ އަތުގައި، ސަރުކާރު އަތުގައި ވިޕް އޮންނަނީ، ރައްޔިތުންގެ މަޖިލީހާއި ސަރުކާރާއި ބާރުތައް ވަކިކުރެވިފައި ވަނީ އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ ބާރުތައް އެއްވެފަ މި އޮތީ، ސަރުކާރުން އަންގާ ގޮތަކަށް ވިޕް ނެރެނީ،" މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެފައިވެ އެވެ.