14 ޖޫން 2022 - 14:02 0
މުހައްމަދު ނަސީމް
14 ޖޫން 2022 - 14:02 0
އަގުބޮޑުކޮށް ގޭސް ވިއްކާ ބައެއްގެ އަތުން ގޭސް ގަންނާތީ، އެކަން އެގޮތަށް ނުކުރަން ރައްޔިތުންގެ މަޖިލީހުން ލާފާ ދިން ނަމަވެސް މޯލްޑިވް ގޭހުން އެކަން ކުރިއަށް ގެންދާތީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިން އެކަން ބަލަން ފަށައިފި އެވެ.
އެސްއޯއީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްުޔާސް ލަބީބު ވިދާޅުވީ، މަޖިލީހުގެ ނިންމުމަކާ ހިލާފަށް މޯލްޑިވް ގޭހުން، ތްރީޑީއެޗް އިންޓަނޭޝަނަލް ނަމަކަށް ކިޔާ ކުންފުންޏަކުން ގޭސް ގަންނަ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ނުވަވަނަ ދުވަހު އެވެ.
މަޖިލީހަށް އެ މައްސަލަ ހުށަހެޅުމުން، އެ މައްސަލަ ބަލަން އެސްއޯއީ ކޮމިޓީއާ ހަވާލުކުރީ އޭނާ ވިދާޅުވި ގޮތުގައި މާޗް 14 ގަ އެވެ. އެހެން ނަމަވެސް އެއީ ކޮން ފަރާތަކުން ހުށަހެޅި މައްސަލައެއް ކަމެއް އިލްޔާސް ވިދާޅެއް ނުވެ އެވެ.
އެސްއޯއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އޮތީ އެ މައްސަލައާ ގުޅޭ ގޮތުން މޯލްޑިވް ގޭހުގެ އިސް ބޭފުޅުންނާ ސުވާލުކުރުމެވެ. އެކަން ކުރިއަށް ގެންދިޔައީ ސިއްރުން ކަމަށް ވާތީ ތަފްސީލެއް އަދި ނުލިބެ އެވެ.
އަގުބޮޑުކޮށް ގޭސް ގަންނަ މައްސަަލައިގާ މޯލްޑިވް ގޭހުގެ އިސް ބޭފުޅުންނާ ސުވާލުކުރުމުގެ މަރުހަލާ ސިއްރުކުރަން ހުށަހެޅުއްވީ ކޮމިޓީގެ މެމްބަރު އަދި މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދެވެ.
Comment