Advertisement

ޕެރޫ ކަޓުވާލައި އޮސްޓްރޭލިއާ އިން ވޯލްޑް ކަޕްގެ ޖާގަ ހޯދައިފި

14 ޖޫން 2022 - 02:41 0

ޕެނަލްޓީ ޖަހައިގެން މޮޅުވުމުން އޮސްޓްރޭލިއާ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ޕެރޫ ކަޓުވާލައި އޮސްޓްރޭލިއާ އިން ވޯލްޑް ކަޕްގެ ޖާގަ ހޯދައިފި

14 ޖޫން 2022 - 02:41 0

ދޯހާ، ގަތަރު (ޖޫން 13) - އިންޓަ ކޮންޓިނެންޝިއަލް ޕްލޭއޮފްްގައި މިރޭ ޕެނަލްޓީ ޖަހައިގެން 5-4 އިން ޕެރޫ ބަލިކޮށް އޮސްޓްރޭލިއާ އިން މި އަހަރު ފަހުކޮޅު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕުން ފުރުސަތު ހޯދައިފި އެވެ.

ގަތަރުގައި އަންނަ ނޮވެމްބަރާއި ޑިސެމްބަރުގައި ބާއްވާ ވޯލްޑް ކަޕްގައި އޮސްޓްރޭލިއާ ހިމެނޭނީ ފްރާންސާއި ޑެންމާކާއި ޓިއުނީޝިއާއާ އެކު ގްރޫޕް ބީގަ އެވެ. ވޯލްޑް ކަޕްގެ ފަހު ޖާގައަށް ވާދަކުރަނީ ނިއު ޒީލެންޑާއި ކޮސްޓަ ރީކާ އެވެ.

ދޯހާގެ އަހްމަދު ބިން އަލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ 120 މިނިޓްގެ ކުޅުން ނިމުނުއިރު، ދެ ޓީމު އޮތީ 0-0 އިން އެއްވަރުވެފަ އެވެ. ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ދެ ޓީމުން ވެސް އޮތީ ވަރަށް ބޮޑު ޕްރެޝަރެއްގަ އެވެ.

އޮސްޓްރޭލިއާ އިން ފުރަތަމަ ޕެނަލްޓީ ފޮނުވާލި މާޓިން ބޮއިލް އަށް ކާމިޔާބެއްނުވި އެވެ. އެކަމަކު، ދެން އެ ޓީމުން ފޮނުވާލި ޕެނަލްޓީތައް ކާމިޔާބުކުރި އެެވެ. ޕެނަލްޓީތައް ފޮނުވާލީ އާރޮން މޫއީ، ކްރެއިގް ގުޑްވިން، އަޖްޑިން ރުސްޓިޗް، ޖޭމީ މެކްލަރެން އަދި އައްވާރު މާބިލް އެވެ.

ޕެރޫ އިން ފުރަތަމަ ފޮނުވާލި ދެ ޕެނަލްޓީ، ޖިއަންލޫކާ ލަޕަޑުއްލާ އާއި އަލެކްސަންޑާ ކަލެންސް ކާމިޔާބުކުރި ނަމަވެސް ތިން ވަނަ ޕެނަލްޓީ ލުއިސް އަޑްވިންކޫލާ ފޮނުވާލިއިރު، އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ދެން އެ ޓީމުން ފޮނުވާލި، ދެ ޕެނަލްޓީ ރެނާޓޯ ޓާޕިއާ އާއި އެޑިސަން ފްލޮރެސް ކާމިޔާބުކޮށްފައިވަނިކޮށް ހަ ވަނަ ޕެނަލްޓީ ފޮނުވާލި އަލެކްސް ވަލޭރާ އަތުން ނާކާމިޔާބުވުމުން އޮސްޓްރޭލިއާ މޮޅުވި އެވެ.

މިއީ ދުނިޔޭގެ ރޭންކިންގެ 42 ވަނައިގައި އޮތް އޮސްޓްރޭލިއާ އިން ވޯލްޑް ކަޕްގައި ކުޅޭ ހަ ވަނަ ފަހަރެވެ. އަދި ޖެހިޖެހިގެން ވޯލްޑް ކަޕްގައި ކުޅޭ ފަަސް ވަނަ ފަހަރެވެ.

އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި ހޯސްޓްކުރި ވޯލްޑް ކަޕްގައި ޕެރޫ އިން ވަނީ ގްރޫޕް ސްޓޭޖުގައި 2-0 އިން އޮސްޓްރޭލިއާ ބަލިކޮށްފަ އެވެ. އެކަމަކު، މި ފަހަރު ޕްލޭއޮފްގައި އޮސްޓްރޭލިއާ އަތުން ބަލިވެ، ވޯލްޑް ކަޕްގެ ފުރުސަތު ގެއްލުނީ އެވެ.