Advertisement

ބާރަށް ދުއްވާ ފެރީ ނިޒާމު ވެގެންދާނީ ތަރައްގީގެ މައިބަދައަށް

14 ޖޫން 2022 - 09:23 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރީޖަނަލް ޓްރާންސްޕޯޓު ލިންކުގައި ބޭނުންކުރާ ބައެއް ފެރީތައް. ރާއްޖޭގެ 26 އަތޮޅުގައިވާ 188 ރަށް މި ލިންކުން ގުޅާލާނެ.


ބާރަށް ދުއްވާ ފެރީ ނިޒާމު ވެގެންދާނީ ތަރައްގީގެ މައިބަދައަށް

14 ޖޫން 2022 - 09:23 0

ގައުމެއް ތަރައްގީވެ ކުރިއަރައި ދިޔުމުގައި ވަކި ހާއްސަ ކަންތައްްތަކެއް ފުރިހަމަވާން ޖެހެ އެވެ. ވަކި ކަންތައްތަކެއް ވަކި ވަގުތުތަކެއްގައި ކުރާން ޖެހެ އެވެ. ރައްޔިތު މީހާގެ ދިރިއުޅުމަށް ސީދާ އަސަރު ކުރާނެ ކަންކަން ނިންމަން ޖެހެ އެވެ. އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ ރައްޔިތު މީހާ އަށް ދެވޭ މިނިވަން ކަމެވެ. އެ މީހަކު ދޫކޮށްލުމެވެ. ހިފަހައްޓާފައި ނުބޭތިއްބުމެވެ.

ޒަމާނުއްސުރެ ދިވެހިރާއްޖެއަށް ދިމާވެފައި އޮތް ބޮޑު ގޮންޖެހުމަކީ ގުދުރަތީ ގޮތުން މި ގައުމު އުފެދިފައި އޮތް ގޮތެވެ. މި ބުނާ ރައްޔިތު މީހާއަށް މިނިވަންކަމާ އެކު ކަންކަން ކުރެވޭނެ މަގު ކޮށިފައި ނުވުމެވެ. ތެދެކެވެ. ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަން ކަމާއި އަދި އެ ނޫންވެސް އެތައް ހައްގެއް، ކޮންމެވެސް ވަރަކަށް ލިބިފައިވާ ކަމަށް ބުނެވިދާނެ އެވެ.

އެކަމަކު، މިނިވަންކަމާ އެކު ރަށު ބަންދުން ވީއްލި އެއްތަނުން އަނެއް ތަނަށް ދަތުރުކުރުމުގެ އުފާ ލިބެނީ މި ގައުމުގެ މަދު ބަޔަކަށެވެ. އެއީ، ވިޔަފާރި ބޭނުމަށް ނުވަތަ ސިއްހީ ބޭނުމަށް ކަމަށް ވިޔަސްމެ އެވެ. ނުވަތަ، ތައުލީމު ހާސިލްކުރުމަށް ކަމަށް ވިޔަސްމެ އެވެ.

އެ ފުރުސަތު ލިބެނީ ފުދުންތެރި މަދު ބަޔަކަށެވެ؛

ދުއްވާ އުޅަނދުތަކުގައި ފަސިންޖަރުންނާއި މުދާ އުފުލައިގެން ކުރިއަރައި ދަނީ ވިޔަފާރިތަކެވެ. އެއް އަތުން އަނެއް އަތަށް ފައިސާ އާއި ތަކެތި ބަދަލުވެ ހިނގާ ކޮންމެ ވިޔަފާރީގެ މުއާމަލާތަކުން އެ ހިއްސާކުރަނީ ގައުމީ ތަރައްގީގެ ބަޔެކެވެ. އެހެންކަމުން، ތަރައްގީގެ ނާރެހަކީ އެއް ތަނުން އަނެއް ތަނަށް ދަތުރުކުރެވޭނެ ފުރިހަމަ ދަތުރުފަތުރުގެ ނިޒާމެކެވެ. ލާމަރުކަޒީ ނިޒާމެއްގެ މައިބަދައަކީ ވެސް ހުއްޓުމެއް ނެތި ހިނގާ ދަތުރުފަތުރެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެންމެ އިސްކަމެއް ދެއްވައިގެން ކުރީ އެ މަސައްކަތެވެ. ރާއްޖޭގެ 26 އަތޮޅުގައިވާ 188 ކުދި ޖަޒީރާ ގުޅާލުމުގެ މުހިންމު މަސަައްކަތެވެ. އެ ވެރިކަން ނިމި އެ ނިޒާމުގެ ކުރި ވެސް މަރުވީ އެވެ.

އެކަމަކު، އެމްޑީޕީ އެނބުރި އައިސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ނިޒާމު އޮވާހޯލްކޮށް އޮޑި ދޯނިފަހަރުގައި ކުރި ދަތުރުތައް، ހައި ސްޕީޑު ލޯންޗު ފެރީ އަށް ބަދަލުކޮށް ދަތުރުތައް އެވަނީ ފަށާފަ އެވެ.

ރާއްޖެ ޓްރާންސްޕޯޓު ލިންކަކީ ކޮބާ؟

މިއީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުން އަދި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، ނޭޝަނަލް ސްޕެޝަލް ޕްލޭން ގައި ހިމެނޭ ތިން ޒޯން އާއި ހަ ރީޖަނެއް ގުޅުވައި ދިނުމަށް ފަރުމާ ކޮށްފައިވާ ވިއުގައެކެވެ. މި ލިންކް ހިންގާނީ ސަރުކާރުގެ ޓްރާންސްޕޯޓު ކުންފުނި އެމްޓީސީސީންނެވެ.

އެ ފެރީ ނެޓްވޯކުން ހަ ސަރަހައްދުގައިވާ ހުރިހާ ރަށްތަކެއް ގުޅުވައިލާ އިރު، އެއް ސަރަހައްދު އަނެއް ސަރަހައްދާ ވެސް ގުޅުވައިލާނެ އެވެ. ފަސިންޖަރުން އުފުލާ ފެރީ ގުޅުވައި ލާނީ ތަފާތު ތިން ގޮތަކަށެވެ. އެއީ "ކޮމިއުޓް ލިންކް،" "ނަން-ކޮމިއުޓް ލިންކް،" އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ.

މި ނެޓްވޯކުގެ ފުރަތަމަ މަރުހަލާގެ ދަށުން ފެރީގެ ހިދުމަތް ދޭން އެ ފެށީ ރާއްޖޭގެ އެންމެ އުތުރުން ހއ. އާއި ހދ. އަތޮޅުގަ އެވެ. ބައެއް ރަށްރަށުގެ ފެރީ ޓާމިނަލްގެ މަސައްކަތްތައް ވެސް އެމްޓީސީސީން ވަނީ ނިންމާލާފަ އެވެ.

"އެންމެ އިސްކަމެއް ދޭނީ ސަލާމަތާއި ރައްކާތެރިކަމާއި ފަސޭހަކަމާ އެކު އެ މީހެއްގެ ރަށަށް ވާސިލްވެވޭނެ އަވަސް ނިޒާމަކަށް،" ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވި އެވެ.

ފެރީ ނިޒާމުގައި ބޭނުންކުރާ ގަލްފް ކްރާފްޓުގެ އުޅަނދެއް: މިއީ އެންމެ ޒަމާނީ ފެރީތަކެއް --- ފޮޓޯ: އެމްޓީސީސީ


ރާއްޖެ ޓްރާންސްޕޯޓު ލިންކުގައި ބޭނުންކުރަނީ ގަލްފް ކްރާފްޓް މޯލްޑިވްސް އިން ބަންނަ 50 މީހުންގެ ޖާގައިގެ ފެރީ އެވެ. އެ ފެރީތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އިންތިޒާމްތަކެއް ވެސް ވަނީ ގާއިމުކޮށްފަ އެވެ. އަދި، އެފަދަ މީހުންނާއި ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް ހިލޭ ދަތުރުކުރެވެ އެވެ.

ދަތުރުފަތުރުގެ ހިދުމަތް ދޭން އެމްޓީސީސީން ބޭނުންކުރާ އުޅަނދުތަކަށް ވުރެ ތިން ގުނަ ބާރަށް މި ފެރީތައް ދަތުރުކުރާނެ އެވެ. މިއީ، ގަޑިއިރަކު 30 ނޮޓު ބާރުމިނުގައި ދުވާ ހަލުވި ފެރީތަކެކެވެ.

"މި ދަތުރުފަތުރުގެ ނިޒާމާ ނުލައި އަޅުގަނޑުމެން މި ތިބި ހިސާބުން އިތުރަށް ރާއްޖެ ތަރައްގީ ކުރުމަށް އުނދަގޫވާނެ،" ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ފާހަގަކުރެއްވި އެވެ.

އެ ފެރީތަކުން ދަތުރު ކުރުމަށް ޓިކެޓު ނަގަން ހާއްސަ ވެބްސައިޓަކާއި އެޕްލިކޭޝަނެއް ސަރުކާރުން ވަނީ ގާއިމުކޮށްފަ އެވެ. ކޮންމެ ތަނަކު ހުރެ ވެސް ޓިކެޓު ނެގޭ ގޮތަށް ފަރުމާކޮށްފައިވާ އާރްޓީއެލް މޯބައިލް އެޕްލިކޭޝަން މިހާރު އެޕަލް އެޕް ސްޓޯރާއި ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އެވެ. މި އެޕްލިކޭޝަނާއި ވެބްސައިޓުން ޓިކެޓު ނަގާއިރު، ދަތުރު ކުރަން ބޭނުންވާ ތާރީހާއި ގަޑީގެ އިތުރުން ފެރީގައި އިށީންނާނެ ގޮނޑި ވެސް ހިޔާރުކުރެވެ އެވެ.

ރައްޔިތުންގެ ޖީބަށް ބޮޑު ލުޔެއް

ހއ. ތުރާކުނުން ފެށިގެން އައްޑޫ އަތޮޅުގެ ރައްޔިތުން ވެސް މާލެއަށް އެންމެ ގިނައިން ދަތުރުކުރަނީ ބޭސްފަރުވާއަށެވެ. އެކަމަށް އަމިއްލަ ޖީބުން ބޮޑެތި ހަރަދުތަކެއް ކޮންމެ ފަހަރަކު ވެސް ކުރަން ޖެހެ އެވެ. މަދު ވަގުތުކޮޅެއްގެ ތެރޭގައި މާލެ އިން ހެދޭ ޓެސްޓުތައް ހެދުމަށް ފޮށިތަންމަތި ބަނދެގެން ދިގު ދަތުރުތައް ކުރެ އެވެ.

ބޭސްފަރުވާއަށް މާލެ އަންނަން ޖެހޭ ޖެހުން ނިމުމަކަށް ގެނައުމުގެ އަމާޒުގައި ހާއްސަ އަހަންމިއްޔަތު ކަމެއް ދީގެން ރާއްޖޭގެ ފަސް ސަރަހައްދެއްގައި އަންނަނީ ޓާޝަރީ ހޮސްޕިޓަލްތައް ތަރައްގީކުރަމުންނެވެ. އެ ޕްރޮޖެކްޓުތަކުގެ ނަތީޖާ ވެސް ރަނގަޅެވެ. ފަސް ރީޖަނުގައި ހުރި ހޮސްޕިޓަލްތަކަށް ދަތުރުކުރާ މީހުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

"އަޅުގަނޑުމެން މި ދޭ ހިދުމަތްތައް ވަރަށް ލުއިވެގެންދާނެ، އަދި ވަރަށް ފަސޭހަވެގެންދާނެ. ރައްޔިތުންގެ ޖީބަށް ވަރަށް ލުއިގޮތްތަކެއް ހަމަޖެހިގެންދާނެ،" މި ނިޒާމުގެ މުހިންމުކަމާ ގުޅޭގޮތުން ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވި އެވެ.

ފެރީ ނިޒާމުގެ ޓެސްޓު ބުރުގައި ވެސް އެންމެ ގިނަ މީހުން ދަތުރުކުރީ ބޭސްފަރުވާއަށެވެ.

ހެލްތު މިނިސްޓަރު ދެކެވަޑައިގަންނަވާ ގޮތުގައި މި ސިއްހީ ނިޒާމު އެހެން ހަރުފަތަކަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

އިގްތިސާދީ ހެޔޮ ބަދަލުތަކެއް އަންނާނެ

ރާއްޖޭގައި އިގްތިސާދީ ހަރަކާތްތައް ފުޅާކޮށް އިތުރުކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ގުޅިލާމެހިފައި ނެތުމެވެ. އެކަހެރިކަމެވެ. ވަކިވަކި ރަށްތަކެއްގެ މައްޗަށް ބިނާވެފައި އޮތުމެވެ. އިގްތިސާދީ ގޮތުން އެ ރަށް އަނެއް ރަށާ ގުޅިފައި ނެތުމެވެ.

ރާއްޖެ ޓްރާންސްޕޯޓު ލިންކުން އެކަން މުޅިން ކަހަލަ ގޮތަކަށް ބަދަލުކޮށްލާނެ އެވެ. މުދަލާއި ފައިސާ އެއް ރަށުން އަނެއް ރަށަށް ގެންދަން މިވަނީ ދޮރު ހުޅުވިފަ އެވެ. ދަނޑުވެރިކަން ކުރާ ރަށްތަކުގައި ހައްދާ ތަކެތި މަސްވެރި ރަށްތަކަށް ގެންގޮސް، މާކެޓުކޮށް ވިއްކޭނެ ގޮތް ފެރީ ނިޒާމުން ހޯދައިދޭނެ އެވެ.

"މި ޖަޒީރާތަކުގެ އެއް ރަށް އަނެއް ރަށާ ގުޅި، އިޖްތިމާއީ އަދި އިގްތިސާދީ އެކަހެރިކަން ފިލައި، ހުރިހާ ރަށެއްގެ އިގްތިސާދު، ގައުމީ އިގްތިސާދާ ލާމެހި ތަނަވަސްވާނީ މި ފެށި⁩ ނިޒާމުން. މިއީ އަޅުގަނޑުމެން އެދޭ ލާމަރުކަޒީ ތަރައްގީގެ މައިބަދަ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖެ ޓްރާންސްޕޯޓު ލިންކާ ގުޅޭގޮތުން ވިދާޅުވެފައިވެ އެވެ.

ލޯންޗު ފެރީން ދަތުރުކުރި ބަޔެއްގެ މުދާތައް ކްރޫއަކު ބާލަނީ: މި ނިޒާމުން ގިނަ ވަޒީފާގެ ފުރުސަތުތައް އުފެދިގެންދާނެ --- ފޮޓޯ: ޕްލޭނިން މިނިސްޓްރީ


އިންޑިއާ ކަނޑުގެ އުތުރުން ދެކުނަށް 510 މޭލަށް ފެތުރިފައިވާ މި ޖަޒީރާ އިގްތިސާދު ފެރީގެ ނިޒާމުން އެއްވެގެންދާނެ އެވެ.

"ކުދިކުދި މާކެޓުތަކެއް ކުރިން ހުރި ހުރުން، އެއް މާކެޓަކަށް އޭގެ ޒާތުގައި ބަދަލުގެން މިދަނީ. މީގެ ފޮނި މީރުކަން އަޅުގަނޑުމެންގެ އިގްތިސާދަށް ވަރަށް އަވަސް މުސްތަގުބަލެއްގައި ފެނިގެންދާނެ. މުޅި ރާއްޖެ ގުޅިގެންދާނެ މަންޒަރު ވެސް ފެނިގެންދާނެ،" މި ނިޒާމާ އެކު އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެކަން ފާހަގަކުރައްވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވި އެވެ.

އޭގެ އިތުރުން، ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ގިނަ ވަޒީފާތަކެއް މި ވިއުގައާ އެކު އުފެދިގެންދާނެ އެވެ. އެގޮތުން، ފުރަތަމަ ފިޔަވައްސަށް ވެސް 34 އޮޕަރޭޓަރުންނާއި 36 ފަޅުވެރިންނާއި 11 އެޑްމިން މުވައްޒަފުން ނެގި އެވެ. އެއީ، އުތުރު ޒޯނަށް އިތުރުވި 81 ވަޒީފާ އެވެ.

އިގްތިސާދީ ހަބްތަކުގެ ގޮތުގައި ތަރައްގީކުރަމުންދާ ރަށްތަކަށް ވެސް އިތުރު ފުރުސަތުތަކެއް މިއާއެކު ފަހިވެގެންދާނެ އެވެ. އާ ވިޔަފާރިތައް އުފެދިގެންދާނެ އެވެ.