13 ޖޫން 2022 - 15:01 1
ފާތިމަތު އަޖްފާން
ލ.މާމެންދޫ އިންޖީނުގެ-- ފޮޓޯ: މާމެންދޫ ކައުންސިލް
13 ޖޫން 2022 - 15:01 1
"އެ ހިސާބު ގެ ތަކުގެ ބައެއް ކުޑަކުދިން އުޅުނު ކަމަށްވަނީ ނުނިދިގެން. އަޑު މަޑުވީމަ. އަނެއް ބަޔަކު މާ ބާރަށް ވާހަކަ ދެއްކޭތީ. މާ ދުރުގަ ތިބޭ މީހުންނަށްވެސް އަޑުއިވޭ ކިތަންމެ މަޑުން ބުނާ އެއްޗެއްވެސް،" ލ. މާމެންދޫގެ މެދުގައި ހުރި 35 އަހަރުވީ އިންޖީނުގެ އިއްޔެ ނިއްވާލާ ރަށުގެ މީހުން ނޫޅޭ ހިސާބުގައި އަލަށް އެޅި އިންޖީނުގެ ބޭނުން ކުރަން ފެށުމުން އާންމުންގެ ފަރާތުން ދެކެވުނު ވާހަކަތައް އެ ރަށު ކައުންސިލްގެ ރައީސް ހަސަން ރަމީޒް ހިއްސާ ކުރި އެވެ.
ހިތްގައިމު ބިޔަ އާ އިމާރާތަކަށް މާމެންދޫގެ ކަރަންޓުގެ ހުރިހާ މަސައްކަތެއް ބަދަލުކޮށް، 400 ކިލޯވޮޓުގެ ޖަނަރޭޓަރެއް ބޭނުންކޮށްގެން އެރަށަށް ކަރަންޓުގެ ހިދުމަތް ފެނަކަ ކޯޕަރޭޝަނުން ދޭން ފެށުމާއެކު، އެ ރަށުގެ ގިނަ ބަޔަކު ތިބީ އެ މަސައްކަތާ ދޭތެެރޭ ހިތްހަމަޖެހިގެން ކަމަށް ރަމީޒް ވިދާޅުވި އެވެ.
"އާ އިންޖީނުގޭގަ ބޭނުން ކުރުމަށް ގެނައި 400 ކިލޯވޯޓުގެ ޖަނަރޭޓަރުގެ އިތުރުން މީގެ ކުރިން ބާ އިންޖީނު ގޭގައި ބޭނުން ކުރަމުން އައި ޖަނަރޭޓަރުތަކުގެ ތެރެއިންވެސް އެއް ޖަނަރޭޓަރު އެކޮޅަށް ގެންދާ ގޮތަށް އިނީ،" ޒަމީޒް ވިދާޅުވީ މި ބަދަލާ އެކު ކުރިން އެ ރަށޫގެ ރައްޔިތުން ކުރަމުން އައި ތަޖުރިބާތަކަށް ނިމުމެއް އަންނާނެ ކަމަށެވެ.
ލ. މާމެންދޫގައި ކުރިން ބޭނުން ކުރަމުން އައި އިންޖީނުގެ-- ފޮޓޯ: މާމެންދޫ ކައުންސިލް
އިންޖީނުތައް ރަށުގެ މެދުގައި ހުރުމުން، އަޑުގެ އުނދަގުލުން މީހުންނަށް ނިދަން އުނދަގޫވެ، އެ ޖަނަރޭޓަރުތަކުން ނުކުންނަ ކަޅު ދުމުގެ ސަބަބުން އެތައް އުނދަގޫތަކެއް ރައްޔިތުން އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރިކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެއް ބަޔަކަށް އިންޖީނުގެއިން އަޑު ކެނޑުމުން ނުނިދުނު ނަމަވެސް އެ ހިސާބުގައި ދިރިއުޅޭ ގެ އެއްގެ މީހަކު ބުނީ އަޑު މަޑުކަމުން ނިދުނު ގޮތްވެސް ނޭނގޭ ކަމަށެވެ.
މާމެންދޫގައި ކުރިން ބޭނުން ކުރަމުން އައި އިންޖީނުގެ-- ފޮޓޯ: މާމެންދޫ ކައުންސިލް
"ރޭގަ ނިދުނު ގޮތަށް ނުވެސް ހޭލެވުނީ. އެހެން ނޫނީ ފަތިސް ނަމާދަށް ހޭލެވޭނެ. ރޭގަ ނިދާފަ ބަންގިއަށްވެސް ހޭ ނުލެވުނު،" އޭނާ ބުންޏެވެ.
2019 ވަނަ އަހަރުގެ ސެޕްޓެމަބަރު މަހު ފެށި މާމެންދޫ އިންޖީނުގޭގެ މަސައްކަތް ނިމި ކަރަންޓު ދޭން ފަށާފައިވާ ނަމަވެސް މީހުން ނުޅޭ ހިސާބަކަށްވުމުން، އިންޖީނުގެއާ ދުރު ހިސާބުތަކަށް ކަރަންޓު ދިނުމުގައި ދަތިތައް ހުންނަ ކަމަށް ރަމީޒް ވިދާޅުވި އެވެ.
ނަމަވެސް ރަމީޒް ވިދާޅުވީ އުންމީދަކީ ވީ އެންމެ އަވަހަކަށް ނެޓްވޯކް ރަނގަޅު ކުރެވި، މިހާރަށްވުރެ ރަނގަޅަށް ކަރަންޓު ލިބިގެން ދިއުން ކަމަށެވެ.
Comment