Advertisement

މަދަނީ އިޖުރާއަތު؛ ބާގަނޑުތަކާއެކު ގޮންޖެހުންތައް ގިނަ

20 ޖޫން 2022 - 09:56 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ިސިވިލް ކޯޓު ފަދަ ޖުޑިޝަރީގެ މުހިންމު އޮފީސްތައް ހުންނަ ޖަސްޓިސް ބިލްޑިން އިމާރާތް - ފޮޓޯ: އަދަދު ފައިލް


މަދަނީ އިޖުރާއަތު؛ ބާގަނޑުތަކާއެކު ގޮންޖެހުންތައް ގިނަ

20 ޖޫން 2022 - 09:56 0

އަދުލުގެ ނިޒާމަށް އާންމުންގެ އިތުބާރު ދިޔައީ ހަމަ ކުޑަވަމުންނެވެ. ފައިސާ އާއި މުދަލުގެ ވިޔަފާރިއެއްގައި ހިމެނޭ ދެ ފަރާތެއްގެ ދެމެދު އުފެދޭ ދެބަސްވުންތަކުގައި ޝަރީއަތަށް އިންސާފު ހޯދަން އެތައް ބަޔަކު އާދެ އެވެ. ތަރިކަ އާއި ގޯތި ގެދޮރުގެ މައްސަލަތަކާއި ދިރިއުޅެން ކުއްޔަށް ހިފި ތަނެއްގެ މައްސަލަ އާއި، ލިބެން ޖެހޭ ފައިސާއެއް ނުލިބިގެން ވެސް މައްސަލަ ހުށަހަޅަ އެވެ. މަދަނީ މައްސަލަތައް ފުނިޖެހިފަ އެވެ. އިންސާފު ނުލިބި، ކޯޓުން ގޮތެއް ކަނޑަނޭޅި އެތައް އަހަރެއް ހިނގައިދެ އެވެ.

މީގެ ކުރިން އެ ކަމުގައި ބަލާނެ، އަމަލު ކުރާނެ، ކުރިއަށް ގެންދިއުމުގައި ރިއާޔަތް ކުރާނެ ވަކި ހާއްސަ އުސޫލުތަކެއް ނެތެވެ. އިޖުރާއަތްތަކެއް ނެތެވެ. އިޖުތިމާއީ މައްސަލަތަކުގެ އިތުރަށް ވިޔަފާރިވެރިންނާއި އިންވެސްޓަރުންނަށް ވެސް ނިޒާމާ މެދު އިތުބާރު ގެއްލި، އިގްތިސޯދަށް ވެސް އޭގެ ނުރަނގަޅު އަސަރު ދިޔައީ ކުރަމުންނެވެ. އެއަށް ބޭނުންވާ ހައްލު ކަމަށްވާ މަދަނީ އިޖުރާއަތްތައް ހިމެނޭ ގާނޫނީ އޮނިގަނޑު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ތަސްދީގުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ. އެ އިޖުރާއަތްތަކަށް އަމަލު ކުރަން ފެށީ މި ހިނގާ ޖޫން މަހުގެ 16 ވަނަ ދުވަހުން ފެށިގެންނެވެ.

"ދެބަސްވުންތަކަށް ހައްލު ނުހޯދެތީވެ، ދައުލަތުން ފޯރުކޮށްދީފައި އޮންނަ ނިޒާމު ބޭނުން ނުކޮށް، އެހެން ގޮތްގޮތުން ހައްލު ހޯދަން އެބަ މަސައްކަތް ކުރޭ، ގޭންގްތައް ބޭނުންކޮށްގެން ފައިސާ ހޯދުމުގެ ސަގާފަތެއް ވެސް އުފެދިފައި އޮތީ، އެއީ ގޭންގްތަކުން ފޯރުކޮށްދޭ ހިދުމަތެއް، އެ ހިސާބަށް ކަންކަން ދިޔައީ ސިވިލް ކޯޓަށް މައްސަލަތައް އެކަށީގެންވާ ވަރަށް ނުބެލޭތީ، މި އައީ [މަދަނީ އިޖުރާއަތްތައް] ވަރަށް އިންތިޒާރު ކުރަމުން ދިޔަ ކަމެއް،" ރާއްޖޭގައި ފުޅާ ދާއިރާގައި ވިޔަފާރިކުރާ މީހަކު ނަން ނުޖަހާ ގޮތަށް ކިޔައިދެމުން ބުންޏެވެ.

އެހެންވިޔަސް ގާނޫނުގައި ހިމެނޭ ބައެއް މާއްދާތަކަށް އެފަދަ މައްސަލަތަކުގައި މަސައްކަތް ކުރާ ވަކީލުންގެ ކަންބޮޑުވުން މިހާރު ވެސް ވަނީ އުފެދިފަ އެވެ. ވަރަށް ގިނަ ހައްލުތައް ހިމެނިގެން ގާނޫނު އައި ނަމަވެސް އެ ތަންފީޒު ކުރެވިދާނެ ކަމަށް ނުބެލެވޭ އެތައް މާއްދާއަކާއި ގާނޫނުގައި މަފްހޫމް އޮޅިގެންދާ ގޮތަށް އެތައް ބާގަނޑު ނުވަތަ "ލޫޕްހޯލްސްތައް" ހުރި ކަމަށް ވަރަށް ގިނަ ވަކީލުން ދެކެ އެވެ. އޭގެ ސަބަބުން މައްސަލަ އަވަސް ކުރަން އޮތް ނިޔަތަށް ވާސިލް ނުވެދާނެ ކަމުގެ ކަންބޮޑުވުން ވެސް އެފެދިފައިވެ އެވެ.

އާންމުން އަހުލުވެރިކުރަން އެއްވެސް ކަމެއް ނެތް

މަދަނީ މައްސަލަތަކުގައި މަސައްކަތް ކުރަމުންދާ ބައެއް ވަކީލުންގެ ކަންބޮޑުވުން އެންމެ ބޮޑަށް އޮތް ކަމަކީ މުޅި ޕްރޮސެސްއަށް ބޮޑު ބަދަލެއް އައި އިރު، އެ ކަމަށް އާންމުންނާއި ވަކީލުން ވެސް ހޭލުންތެރިކުރަން މާ ބޮޑު މަސައްކަތްތަކެއް ކަމާ ބެހޭ މުއައްސަސާތަކުން ކޮށްފައި ނެތުމެވެ.

މަދަނީ ގިނަ މައްސަލަތަކެއްގައި މަސައްކަތް ކުރައްވަމުން ގެންދަވާ ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ ވިދާޅުވީ ވަރަށް ގިނަ މުއްދަތުތަކާއި ލިމިޓޭޝަންތައް ހިމެނޭ ގޮތަށް މުޅި ޕްރޮސެސްއަށް ބޮޑު ބަދަލެއް އަންނައިރު އާންމުން ހޭލުންތެރިކޮށްފައި ނެތުމުން މަދަނީ މައްސަލަތައް ކުރިއަށް ގެންދިއުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

"އާންމު ރައްޔިތުން އަހުލުވެރި ކުރުމުގެ މާ ބޮޑު ޕްރޮގްރާމްތަކެއް ހިންގާފައެއް ނެތް. ވަކީލުންނާ އެކު ވެސް އެޓާނީ ޖެނެރަލްގެ އޮފީހުން ބޭއްވީ އެންމެ ބައްދަލުވުމެއް، މުޅި ހޯލް ޕްރޮސެސް ބަދަލުއިރު، ނެތް އެ ކަމަށް އާންމު ރައްޔިތުން އެ ވަރަށް އަހުލުވެރި ކުރެވިފައެއް،" ޝުނާނާ ވިދާޅުވި އެވެ.

ޝުނާނާގެ އެ ވާހަކަތަކަށް ތާއީދު ކުރައްވަމުން ގާނޫނީ ވަކީލު ހަމްޒާ ލަތީފް އިތުރަށް ވިދާޅުވީ އެންމެ ބޮޑު އާބާދީއެއް އޮތް މާލެ ސަރަހައްދުގައި ވެސް އާންމު ރައްޔިތުން ހޭލުންތެރިކުރަން މާ ބޮޑު މަސައްކަތެއް ކުރެވިފައި ނެތް ކަމަށެވެ. ކުޑަމިނުން އާންމުންގެ ހައްގުތަކާ ގުޅިފައި އޮތް ގާނޫނުގެ ބައިތައް ވެސް ސާފުކޮށްދެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތަރިކަ އާއި ވަސިއްޔަތާއި އާންމުންގެ އަސާސީ އެތައް ހައްގެއް ގުޅިފައި އޮތް ކަމެއް އެއީ، ދަރަނި ހޯދަން ދެން އެބަ ޖެހޭ ވަރަށް އަވަސް ފިޔަވަޅުތަކެއް އަޅަން، ނާޅައިފިނަމަ މުޅި ދައުވާ ބަލައިނުގަންނާނެ ކޯޓުން ދެން، އެ ވަރުގެ ބޮޑެތި ބަދަލުތަކެއް އަންނައިރު ތިމާ ތިމާގެ ހައްގު ހޯދަން ކުރަން ޖެހޭ މަސައްކަތެއް ކުރަން އޮންނަ މުއްދަތު ވެސް ނެތް އާންމުންނަށް އެންގިފައެއް ނެތް،" ހަމްޒާ ވިދާޅުވި އެވެ.

މަދަނީ އިޖުރާތްތަކުގެ ގާނޫނަށް އާންމުން އަހުލުވެރިކުރަން ޔޫއެންޑީޕީއާ ގުޅިގެން ޕްރޮގްރާމްތަކެއް ހިންގަން ތައްޔާރު ވަމުންދާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މީގެ ކުރިން ބުނެފައިވެސްވެ އެވެ. އެކަމަކު ގާނޫނު ތަސްދީގުކޮށް އަމަލު ކުރުމާ ދެމެދު ހިނގި ހަ މަސް ދުވަހުގެ މުއްދަތުގައި އޭގެ މާ ގިނަ ހަރަކާތްތަކެއް ނުފެނެ އެވެ.

ކޮންމެ ކޯޓަކަށް ވަކި ގަވާއިދެއް، ތައްޔާރުވެވުނުތަ؟

ވަކީލު ހަމްޒާ ލަތީފް ވިދާޅުވި ގޮތުގައި ގާނޫނަށް އަމަލު ކުރަން ފެށުނު އިރު ސިވިލް ކޯޓު ވެސް އެ ކަމަށް އެކަށީގެންވާ ގޮތަކަށް ތައްޔާރުވެފައެއް ނެތެވެ. ސުޕްރީމް ކޯޓުން ކޯޓުތަކުން ބޭނުން ކުރެވިދާނެ ނަމޫނާ ގަވާއިދެއް އުފެއްދި ނަމަވެސް އޭގެ ގޮންޖެހުންތައް ގިނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ވަގުތަށް ސުޕްރީމް ކޯޓުން ހަދާފައި މޮޑެލް ގަވާއިދު އަދި ގިނަ ކޯޓުތަކަކުން އެންޑޯޒް ކުރި ކަމަށް ވިޔަސް، އެންޑޯޒް ކުރުމަކީ އޭގެ ސަބަބުން އަދި އެއް ހަމަވުމެއް ނޫން، ދެން އެއާ އަދި މާ ތަފާތު ގަވާއިދެއް ހަދަން ސިވިލް ކޯޓުން މަސައްކަތް ކުރާ ތަން އަޅުގަނޑުމެންނަށް ފެންނަނީ،" ހަމްޒާ ވިދާޅުވި އެވެ.

ދުއިސައްތައަށް ވުރެ ގިނަ މެޖިސްޓްރޭޓް ކޯޓު އޮތް އިރު، އެއިން ކޯޓެއްގެ ގަވާއިދާ ގުޅޭ ގޮތުން ހައިކޯޓުން ގޮތެއް ކަނޑައެޅިއަސް އެ އަދި އެހެން ކޯޓުތަކަށް ރިއާޔަތް ނުކޮށް އެ ކޯޓުގެ ގަވާއިދު ތަފާތު ކަމަށް ކަނޑައެޅުމުގެ ފުރުސަތެއް އެބަ އޮވެ އެވެ. އެހެންވެ އަމަލުކުރަންވީ ސީދާ ގޮތެއް ސާފުނުވެ މައްސަލަތައް ކުރިމަތި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކި ކޯޓުތަކުގައި އެކި ގަވާއިދު ހަދައި އަމަލު ކުރަން ފަށާނެ ކަމަށް އަޅުގަނޑުމެންނަށް ތަސައްވުރު ކުރެވޭތީ އެއީ ވެސް ހަގީގަތުގައި އުފެދިފައި އޮތް ބޮޑު ބިރުވެރިކަމެއްގެ ގޮތުގައި ސިފަކުރެވެނީ،" ހަމްޒާ ވިދާޅުވި އެވެ.

ވަކީލު ޝުނާނާ ވެސް ވިދާޅުވީ ކޮންމެ މެޖިސްޓްރޭޓް ކޯޓަކުން ވަކި ގަވާއިދެއް އޮންނަ ގޮތަސް އޮތުމަކީ ވެސް އޭގެ ގިނަ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ. އެހެންވިޔަސް އެކި ރަށްރަށުގައި ގާއިމްކޮށްފައިވާ ކޮންމެ މެޖިސްޓްރޭޓް ކޯޓަކަށް ހާއްސަ ކަންކަން ހުންނާނެތީ އެ ގޮތަށް ދޫކޮށްލަން ވެސް ޖެހޭ ކަމަށް ޝުނާނާ ގަބޫލު ކުރައްވަ އެވެ.

"މެޖިސްޓްރޭޓް ކޯޓުތަކުން ބަލާނެ ނަމޫނާ ހާއްސަ ގަވާއިދެއްގެ މޮޑެލްއެއް އޮވެފައި ދެން އެ ކޯޓަކަށް ހާއްސަ ކަންކަން ހިމެނިދާނެ، ކޮންމެ ކޯޓަކަށް ވެސް އެ ކޯޓަކަށް ހާއްސަ ކަންކަން ވެސް އޮންނާނެ، ކޯޓުތަކުން ދެން ކޮންމެ ވެސް ވަރަކަށް މި ކަމަށް ތައްޔާރު ވަމުން އެބަދޭ، އެހެންވެ ކޮންމެ ވެސް ވަރަކަށް ނުކުންނަން އޮތް މައްސަލަތައް ކުޑަވެފަ އޮތް ކަމަށް އެބަ ބެލެވޭ،" ޝުނާނާ ވިދާޅުވި އެވެ.

ބާގަނޑުތައް ގިނަ، ތަންފީޒު ކުރެވިދާނެތަ؟

ދެހާސްސަތާރަވަނަ އަހަރު ޖިނާއީ އިޖުރާއަތުގެ ގާނޫނު ވުޖޫދު ކުރިއިރު ވެސް މައިގަނޑު ބޭނުމަކަށް އޮތީ މައްސަލަތައް މަޑުޖެހި ހުއްޓިފައި އޮތް އޮތުމަށް ހައްލެއް ގެނައުމެވެ. ކޮންމެ މައްސަލައެއް ވެސް ހިންގުމުގައި ބަލާނެ ވަކި ހާއްސަ އުސޫލުތަކާއި އިޖުރާއަތްތަކެއް ކަނޑައެޅި، މުއްދަތުތަކެއް ލާޒިމުކުރުމުން މައްސަލަތައް އަވަހަށް ނިންމޭނެ ކަމުގަ އެވެ. އެކަމަކު ފަސް އަހަރު ވެގެން ދިޔައިރު އެ ގާނޫނުން ކުރިމަތިވި ގޮންޖެހުންތައް މަދަނީ އިޖުރާއަތްތަކުގެ ގާނޫނަށް އަމަލު ކުރުމުގައި ވެސް ކުރިމަތިވާނެ ކަމަށް ބައެއް ގާނޫނީ ވަކީލުން ދެކެވަޑައިގަންނަވަ އެވެ.

"ވަރަށް ފަހުން، އައިޝަތު އާޒިމާ ޝުކޫރުގެ މައްސަލާގައި، ސުޕްރީމް ކޯޓުން މާނަކޮށްދިނީ ޖިނާއީ އިޖުރާއަތްތަކުގެ ގާނޫނުގައި ބަޔާންކުރާ ޝަރީއަތުގެ އިބްތިދާއީ މަރުހަލާ، އޭގައި ނިންމާ ބައެއް ނިންމުންތައް އިސްތިއުނާފް ނުކުރެވޭނެކަން، އެކަމަކު ގާނޫނަށް އަމަލު ކުރާތާ މިދިޔަ ފަސް ހަ އަހަރު އަމަލު ކުރީކީ މުޅިން އެހެނެއް ނޫން،" ވަކީލު ހަމްޒާ ވިދާޅުވި އެވެ.

ހަމްޒާ ފާހަގަ ކުރެއްވި ގޮތުގައި މި ގާނޫނަކީ އިނގިރޭސިވިލާތުގައި އަމަލުކުރަމުންދާ މަދަނީ އިޖުރާއަތްތަކުގެ ގާނޫނުގެ ތަރުޖަމާއެކެވެ. އެހެން އެ ގޮތަށް އޮތުމުން މަފްހޫމް އޮޅިގެންދާ އެތައް މާއްދާއެއް އޭގައި ހިމެނެ އެވެ. އެހެންވެ ގާނޫނު ތަންފީޒު ކުރުމުގައި ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

"މަދަނީ މައްސަލަތައް ނުބެލި ދިގުލައިގެންދާ ހާލަތެއްގައި އޮތް އިރު، އެ ކަންކަން އިސްލާހު ކުރަން ގެނައި ގާނޫނުން އެ ކަންކަން އިސްލާހު ނުވެ، ހައްތަހާ އިތުރު ސުވާލުތަކެއް އުފެދި، އިތުރު މައްސަލަތަކެއް ފެންމަތިވެގެން، ގާނޫނު މާނަ ނުކުރެވި އެތައް އެތައް އަހަރެއްް ދިއުމުން، ދައުލަތުން ފޯރުކޮށްދީފައި އޮންނަ އަދުލުގެ ނިޒާމާ މެދު އިތުބާރު ގެއްލިގެން ދާނެ،" ހަމްޒާ ވިދާޅުވި އެވެ.

ގާނޫނަށް އަމަލު ކުރުމުގެ ކުރިން މަދަނީ މައްސަލަތަކުގައި ރިއާޔަތް ކުރަމުން ދިޔަ ގަވާއިދު އުވިގެން ދާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އެކަމަކު ގާނޫނަށް އަމަލު ކުރަން ޖެހޭނީ ގާނޫނަށް އަމަލު ކުރަން ފެށި ފަހުން ހުށަހެޅޭ މައްސަލަތަކުގައި ކަމަށް ވެސް ގާނޫނުގައިވެ އެވެ. އެހެންވެ މައްސަލަތަކުގައި ދެން އަމަލުކުރަންވީ ސީދާ ކޮން އުސޫލަކާ މެދު ސުވާލު އުފެދޭ ކަމަށް ހަމްޒާ ވިދާޅުވި އެވެ.

ގާނޫނުގައި ހިމެނޭ މިފަދަ ގިނަ ބާގަނޑުތައް ވަކީލު ޝުނާނާ ވެސް ފާހަގަ ކުރެއްވި އެވެ. ގާނޫނުގައި ހިމެނޭ ބައެއް ކަންކަން ވަކީލުންނަށް ފަހުމު ވަނީ ވެސް އެކި ފަހަރު މަތިން ކިޔައިލުމުން ކަމަށް ވިދާޅުވި އެވެ. އަދި މަފްހޫމް އޮޅޭ ގޮތަށާއި އެކި މާއްދާ އަނެއް މާއްދާއާ ފުށު އަރާ ބައެއް ކަންކަން ވެސް ހުރި ކަމަށް ވިދާޅުވި އެވެ.

"ބައެއް މާއްދާތަކުގައި އެބަ އޮތް ފަނޑިޔާރުންނާއި ގާޒީންނަަށް މާ ބޮޑަށް ބާރުތަކާއި އިހްތިޔާރުތައް ދޫކޮށްލާފައި ވެސް، އެކި ގޮތްގޮތަށް އެ އިހްތިޔާރުތައް މާނަ ކުރެވޭ ގޮތަށް ވެސް ބައެއް މާއްދާތައް އެބަ ހުރި، އެހެންކަމުން އޭގެ ބޭނުން ނުރަނގަޅު ގޮތުގައި ބޭނުން ކުރެވިދާނެ، އެބިއުޒް ކުރެވިދާނެ އެތައް މާއްދާއެއް އެބަ އުޅޭ، މީގެ ކަންބޮޑުވުން ހަމަ އެބަ ހުރި،" ޝުނާނާ ވިދާޅުވި އެވެ.

ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ދެކެވަޑައިގަންނަވާ ގޮތުގައި ގާނޫނުތައް މާނަކުރުމުގައި ބަލަން އޮންނާނީ ގާނޫނުތައް މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނަށެވެ. އެހެންކަމުން މާނަ ކުުރުމުގައި މައްސަލައެއް ކުރިމަތިވެދާނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ. ނަމަވެސް ތަންފީޒު ކުރަން ދަތި އެތައް ކަމެއް އޭގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިއަށް އޮތް މަދު މަސްތަކެއްގައި ގިނަ މައްސަލަތައް ހަމަ ފެންމަތިވާނެ، މަޖިލީހުން ގާނޫނަށް އިސްލާހުތައް ވެސް ގެންނަން ޖެހޭނެ ކަމަށް ގަބޫލު ކުރެވޭ، ރާއްޖޭގައި މައްސަލައަކީ ގާނޫނީ ގޮތުން އެކަޑަމިކް ދިރާސާއެއް ކުރުމެއް ނެތި ގާނޫނުތައް ފަރުމާ ކުރާތީ، މި ގާނޫނު ވެސް މި ފެންނަނީ މާ ބޮޑު ދިރާސާއެއް، ތަންފީޒުވާނެ މިންވަރު ބެލުމެއް ނެތި ފަރުމާ އޮތް ކަން،" ގާނޫނުގެ ބޮޑު ބަޔަކީ އިނގިރޭސިވިލާތުގެ ގާނޫނުގެ ތަރުޖަމާއެއް ކަން ފާހަގަ ކުރައްވަމުން ނިޝާން ވިދާޅުވި އެވެ.

ގިނަ މައްސަލަތައް ފެންމަތިވާނީ ގާނޫނަށް އަމަލު ކުރަން ފަށާތާ މަސްތަކެއް ފަހުން ކަމުގައި ގިނަ ގާނޫނީ ވަކީލުން ގަބޫލު ކުރައްވަ އެވެ. ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި އެޓާނީ ޖެނެރަލްގެ އޮފީހުގެ އިތުރަށް ވަކީލުން ތަމްސީލް ކުރައްވާ ބާ ކައުންސިލް ގުޅިގެން އެ ކަންކަން ހައްލު ކުރެވިދާނެ ކަމަށް ވެސް ވަކީލުން ދެކެވަޑައިގަންނަވަ އެވެ. އަދި ފެންނަން އޮތީ މަދަނީ މައްސަލަތައް ގެންދިއުމުގައި އަދިވެސް ގިނަ ހުރަސްތަކާއި ގޮންޖެހުންތައް ގިނަ ކަމެވެ. ގާނޫނުގައި އެހާ ބާގަނޑު ގިނަ އެވެ.