Advertisement

މިޓްޗެލް: މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީގެ އަތުގައި ނުޖެހުނު، މޮޅުވީ މޮނާކޯ!

11 ޖޫން 2022 - 09:08 0


މިޓްޗެލް: މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީގެ އަތުގައި ނުޖެހުނު، މޮޅުވީ މޮނާކޯ!

11 ޖޫން 2022 - 09:08 0

އިނގިރޭސި ކްލަބްތަކުގެ ތެރެއިން ފައިސާގެ ހައިބަތުން ބަލާއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ އަކީ ނަން ހިނގާ ދެ ކްލަބެވެ. ހަމައެކަނި އިނގިރޭސި ކްލަބްތަކުގެ މެދުގައި އެކަންޏެއް ނޫނެވެ. މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު ވެސް ޗެލްސީ އާއި ޔުނައިޓެޑަކީ ފުޓްބޯޅައިގެ ވިޔަފާރީގައި "ނުފޫޒުގަދަ" ދެ ކްލަބެވެ.

އެކަމަކު، ކުރިއަށް އޮތް ސީޒަނަށް ޔުނައިޓެޑާއި ޗެލްސީން ކްލަބް ހިންގުމަށް ގެންނަން ބޭނުންވި ބަދަލުގައި، އިސް މޭސްތިރިއެއްގެ ރޯލަށް ގެންނަން ބޭނުންވި މީހާ ނުހޯދުނެވެ. މޮނާކޯގައި މި ވަގުތު ހުރި މަޝްހޫރު ފުޓްބޯޅައިގައި ސްޕޯޓިން ޑިރެކްޓަރު، ޕޯލް މިޓްޗެލް ގެންދަން ޗެލްސީ އާއި ޔުނައިޓެޑުން ކެނޑިނޭޅި މަސައްކަތްކުރި ނަމަވެސް އަލިމަގެއް ނުފެނުނެވެ. ޖެހުނީ މަޑުކޮށްލާށެވެ.

މިޓްޗެލް ނިންމީ މަދުވެގެން އިތުރު އެއް އަހަރު މޮނާކޯގައި މަޑުކުރާށެެވެ.

މިޓްޗެލް އަކީ ކާކު؟

ޔޫތު ކެރިއަރެއް ނިންމާލައި، އިނގިރޭސި ވަރުގަދަ ކްލަބެއްގައި ކުޅުމުގެ ހުވަފެން ދެކެމުން އައި މިޓްޗެލް އަށް އެކަމެއް ނުވި އެވެ. ވިގަން އެތުލެޓިކަށް ކުޅުނު މިޓްޗެލް، ފުޓްބޯޅަ ކެރިއަރު، އުމުރުން އެންމެ 27 އަހަރުގައި ނިންމާލަން ޖެހުނީ ސީރިއަސް އަނިޔާ އަކުން ރިކަވާނުވެގެންނެވެ. އެ ގޮތުން 2009 ވަނަ އަހަރު ފުޓްބޯޅަ ކެރިއަރު ނިންމާލުމަށް ފަހު، މިޓްޗެލް ހަވާލުވީ އޭނާ އެންމެ ފަހުން ކުޅުނު ކްލަބް، އެމްކޭ ޑޯންސްގެ އެމްބަސަޑަރެއްގެ ގޮތުގަ އެވެ. އެ ކްލަބްގެ ޓެކްނިކަލް ޓީމަށް އެހީވުމަކީ ވެސް އޭނާ އަށް އޮތް ޒިންމާ އެކެވެ.

އެމްބަސަޑަރެއްގެ ގޮތުގައި ހުރެ، މިޓްޗެލް ކުރި މަސައްކަތް ރަނގަޅުވުމުން އޭނާ 2010 ވަނަ އަހަރު އެމްކޭ ޑޯންސް އަށް ކުޅުންތެރިން ރެކްރޫޓް (ހޯދުމުގެ) ކުރުމުގެ ޒިންމާއާ ހަވާލުވި އެވެ. މިހާރު އެވަޓަން އަށް ކުޅެމުން އަންނަ، ޑެލެ އަލީ، އެމްކޭ ޑޯންސްގެ ސީނިއާ ޓީމަށް ޕްރޮމޯޓްކުރަން ލަފާދިނީ މިޓްޗެލް އެވެ. އަދި އިނގިރޭސި ދަށް ޑިވިޝަންތަކުގެ ޓީމުތަކުން ފެންވަރު ރަނގަޅު ކުޅުންތެރިން ދަށް އަގެއްގައި، އެމްކޭ ޑޯންސަށް ގެނައުމުގައި މިޓްޗެލް ރަނގަޅު މަސައްކަތްކެއް ކުރި އެެވެ.

އޭގެ ފަހުން، 2012 ވަނަ އަހަރު ސައުތެމްޓަންގެ ކޯޗަކަށް ހުރި މައުރީސިއޯ ޕޮޗެޓީނޯގެ އެދުމަށް ސައުތެމްޓަންގެ ހެޑް އޮފް ރެކްރޫޓްމަންޓްގެ ގޮތުގައި މިޓްޗެލް އެ ޓީމާ ގުޅުނެވެ. އެ ގޮތުން އެ ޓީމަށް ކުޑައަގެއްގައި ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް ގެނެސް، ޕްރިމިއާ ލީގުގައި ކުޅެވޭނެ ރަނގަޅު ޓީމެއް ބިނާކުރި އެވެ.

ސައުތެމްޓަންގައި ޕޮޗެޓީނޯއާ އެކު މިޓްޗެލް ކުރި މަސައްކަތް ރަނގަޅުވުމުން، ޕޮޗެޓީނޯ 2014 ވަނަ އަހަރު ޓޮޓެންހަމް ހޮޓްސްޕާސްއާ ގުޅުނުއިރު، އޭނާއާ އެކު މިޓްޗެލް ވެސް ފަހުން ބަދަލުވި އެވެ. އެކަމަކު، ސައުތެމްޓަންގެ އާ ކޯޗު ރޮނާލްޑް ކޫމަން އަށް ބޭނުންވާ ޓްރާންސްފާތައް ފުރިހަމަކޮށްދޭން ނޯޓިސް ޕީރިއަޑެއްގައި ސައުތެމްޓަނަށް މިޓްޗެލް މަސައްކަތް ކޮށްދިނެވެ.

ފުޓްބޯޅައިގައި މި ވަގުތު ހުރި އެންމެ ޑިމާންޑް ބޮޑު ސްޕޯޓިން ޑިރެކްޓަރުންގެ ތެރޭގައި މިޓްޗެލް ހިމެނޭ: ތިން ގައުމެއްގައި އޭނާ ވަނީ މިހާތަނަށް ތަފާތު ދައްކާފައި.


އެ މުއްދަތުގައި މިޓްޗެލްގެ އިސްނެގުމުގެ މަތިން. ސައުތެމްޓަނަށް ގަނެދިން ކުޅުންތެރިންގެ ތެރޭގައި، ސަޑިއޯ މާނޭ، ގްރަޒިއާނޯ ޕެލޭ އަދި ޑޫސާން ޓަޑިޗް ހިމެނެ އެވެ. އެ ފަހަރު، ސައުތެމްޓަނުން ލީގުގެ ހަތް ވަނައިގައި ނިންމިއިރު، ކޫމަން ވަނީ މިޓްޗެލް ޓީމެއް ބިނާކުރަން ކުރި މަސައްކަތަށް ޝުކުރު އަދާކޮށްފަ އެވެ.

މިޓްޗެލްގެ ސްޕޯޓިން ޑިރެކްޓަރުކަމުގެ ދަށުން ކުރި މަޝްވަރާތަކާއި އޭނާގެ ރެކްރޫޓްމަންްޓްގެ އެހީގައި ޓޮޓެންހަމް އިން ވަނީ ޑެލެ އަލީ، ޓޯބީ އަލްޑަވައިރަލްޑް، ސޮން ހެއުން މިން، ކިއެރަން ޓްރިޕިއޭ އަދި ވިކްޓަ ވަންޏާމާ ގެނެސްފަ އެވެ. އެކަމަކު، 2016 ވަނަ އަހަރު ޓޮޓެންހަމްގެ ޗެއާމަން އެ ކްލަބްގެ ޓްރާންސްފާތަކުގެ ބާރު އަމިއްލަ އަތަށް ނަގަން ނިންމައި، މިޓްޗެލްގެ އަތުން ޓްރާންސްފާގެ ބާރުތަކާއި ކުޅުންތެރިންނާ އެކު ނެގޯޝިއޭޓްކުރުމުގެ ބާރު ވެސް ނަގަން ފެށުމާ އެކު އޭނާ އެ ޓީމާ ވަކިވާން ނިންމި އެވެ.

ޓޮޓެންހަމުން ވަކިވުމަށް ފަހު މިޓްޗެލް އިންތިޒާރު ކުރަމުން ދިޔައީ ރަނގަޅު ޕްރޮޖެކްޓަކަށެވެ.

މިޓްޗެލް އަށް ދެން ހުށަހެޅުން ލިބުނީ 2018 ވަނަ އަހަރު، ޖަރުމަނުގެ އަރަމުން އަންނަ ކްލަބް، ރެޑްބުލް ލައިޕްޒިގުންނެވެ. ލައިޕްޒިގުގެ އިންޓަވިއުގައި މިޓްޗެލްގެ އޮތީ އެންމެ ސުވާލެކެވެ. މިޓްޗެލް ލައިޕްޒިގުގެ ވެރިން ގާތުގައި އެހީ ޔޫތު ކުޅުންތެރިން ހޯދަން ސްކައުޓިން ނެޓްވޯކެއް ގާއިމްކުރާއިރު، "ހުރިހާ ގައުމަކުން ކުޅުންތެރިން ގެނެވޭނެ" އުސޫލެއް ހަދައިދޭށެވެ. އެއީ ފުޓްބޯޅައިގެ ހުނަރު އެކި ހިސާބުތަކުން ހޯދޭނެ ކަމުގެ ޔަގީންކަން މިޓްޗެލް އަށް އޮތުމުންނެވެ.

"ކުޅުންތެރިއަކު ހޯދާއިރު އަހަރެމެން ހުރިހާ ކަމަކަށް ބަލަން، ކުޅުންތެރިން ހޯދުމަކީ ގެޔެއް ގަތުން ކަހަލަ ކަމެއް. މިއީ ދިގު ރާސްތާ ޕްލޭނެއްގެ ދަށުން ކުރާ ފައިނޭންޝިއަލް އިންވެސްޓްމަންޓެއް. ގެޔެއް ގަންނައިރު ވެސް އަހަރެމެން ހުރިހާ ކަމެއް ބަލާނެ. ހުރިހާ ދިރާސާއެއް ކުރަން، އެއް ކުޅުންތެރިއަކު ގެނެސްގެން ޑިވެލޮޕްކުރެވޭނެ ހުރިހާ ޑާޓާއެއް އެއްކުރަން،" ކުޅުންތެރިން ރެކްރޫޓް ކުރުމާ ބެހޭގޮތުން މިޓްޗެލް ބުނެފައިވެ އެވެ.

މިޓްޗެލް ސްޕޯޓިން ޑިރެކްޓަރަކަށް ހުއްޓައި، ޖަރުމަނު ލީގުގައި އެއް ސީޒަނުގައި ވާދަކުރި ލައިޕްޒިގު ޓީމުގެ އެވްރެޖް އުމުރަކީ 24 އަހަރެވެ. މިއީ ޖަރުމަނު ލީގުގައި ވެސް ރެކޯޑެެކެވެ. ލައިޕްޒިގުގައި މިޓްޗެލް ކުރި މަސައްކަތް ރަނގަޅުވުމުން، ލައިޕްޒިގު ހިންގާ މުޅި ނެޓްވޯކް، ރެޑްބުލް ގްލޯބަލް ސޮކާ ޑިވިޝަންގެ ހެޑް އޮފް ރެކްރޫޓްގެ މަގާމު އޭނާ އަށް ދިނެވެ.

ލައިޕްޒިގުގައި މިޓްޗެލް ހުރެ، އެ ޓީމަށް ގެނައި ކުޅުންތެރިންނަށް ބަލާއިރު، ނޯޑީ މުކިއޭލޭ، ޑެނީ އޮލްމޯ، ޕެޓްރިކް ޝިކް، މަޓެއުސް ކޫންޏާ އަދި ހަނެސް ވޮލްފް ހިމެނޭއިރު، ލޯން އުސޫލެއްގެ ދަށުން އިންގްލެންޑްގެ ދެ ކުޅުންތެރިން ކަމަށްވާ، އެމީލް ސްމިތު ރޯވް އާއި އަޑެމޯލާ ލުކްމަން ވަނީ ލައިޕްޒިގަށް ކުޅެފަ އެވެ. ލައިޕްޒިގަށް އިނގިރޭސި ޒުވާން ކުޅުންތެރިން ގެނެސް ކާމިޔާބު ހޯދާ މޮޑެލް ފެނުމުން އެ ވިސްނުން ޖަރުމަނުގެ ގަދަ ދެ ބާރު ޑޯޓްމަންޑާއި ބަޔާން މިއުނިކުން ވެސް "ކޮޕީ" ކުރި އެވެ. އެ ދުވަސްވަރު، ޑޯޓްމަންޑުން ވަނީ ޖޭޑަން ސަންޗޯ އާއި ޖޫޑް ބެލިންހަމް އެ ޓީމަށް ގެންގޮސްފަ އެވެ. ބަޔާނުން ވަނީ ޗެލްސީގައި ހުރި ޖަމާލް މުސިއާލާ ގެންގޮސްފަ އެވެ.

ރެޑްބުލް ނެޓްވޯކްގެ ހުރިހާ ކްލަބެއްގައި މިޓްޗެލްގެ މޮޑެލް އަށް ކުޅުންތެރިން ހޯދުމުގެ ކަންކަން ހިނގަން ފެށުމާ އެކު އަނެއްކާ ވެސް އޭނާގެ ޑިމާންޑް ބޮޑުވި އެވެ. އެ ގޮތުން އޭނާގެ ސޮއި ހޯދަން އެންމެ އަވަސްވެގަތީ މޮނާކޯ އިންނެވެ. އެ ގޮތުން 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު މިޓްޗެލް ވަނީ މޮނާކޯގެ ސްޕޯޓިން ޑިރެކްޓަރުގެ މަގާމަށް ގޮސްފަ އެވެ. މިޓްޗެލް އަށް އެ ފަހަރު މެންޗެސްޓާ ސިޓީގެ ހުށަހެޅުމެއް ވެސް ލިބިފައި އޮތް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މޮނާކޯ އިން މިޓްޗެލް ގެންނަން އެންމެ ބޭނުންވި ސަބަބަކީ 2017 ވަނަ އަހަރު ފްރެންޗް ލީގުގެ ޗެމްޕިއަންކަން ހޯދި މޮނާކޯ ޓީމުގެ ކުޅުންތެރިން ވިއްކާލަން ޖެހި ކްލަބް ބޮޑު އަޑިގަނޑަކަށް ވެއްޓެން ދިއުމުންނެވެ. އަލުން ކްލަބް ކޮޅަށް ޖަަހަން މޮނާކޯ އިން ބޭނުންވީ ޒަމާނީ މޮޑަލަށެވެ. އެ ގޮތުން، މިޓްޗެލް ހަވާލުވިި ފަހުން މޮނާކޯ އިން ކުރިމަތިލި ފުރަތަމަ ޓްރާންސްފާ ވިންޑޯ އައިއިރު، މޮނާކޯގައި ކޮންޓްރެކްޓްގައި 77 ކުޅުންތެރިން ތިބި އެވެ. އެކަމަކު، މިޓްޗެލް ވަނީ އެ އަދަދު 39 އަށް ކުޑަކޮށްފަ އެވެ. އޭގެ ތެރެއިން 10 ކުޅުންތެރިން ނިސްބަތްވަނީ އެކެޑަމީ އަށެވެ. އެއީ ކްލަބަށް މުސްތަގުބަލެއް ހޯދައިދޭން ޒުވާން ކުޅުންތެރިންނަށް ފުރުސަތު އޮތްކަން ދައްކައިދޭށެވެ.

މިޓްޗެލްގެ އިސް ފޯކަސް އަކީ މި ވަގުތު މޮނާކޯ: ބޮޑު މުސާރައެއް ދިނަސް އިތުުރު ހުށަހެޅުމަކަށް އޭނާ ނުވިސްނާނެ.


ބަޔާންގެ ކޯޗުކަމުން ވަކިކޮށްފައި ހުރި ނިކޯ ކޮވަޗްއާ މޮނާކޯ ހަވާލުކޮށް، އެ ޓީމަށް ބޭނުންވާ ކުޅުންތެރިން ހޯދުމުގައި އިސް މޭސްތިރިއަކީ މިޓްޗެލް އެވެ. އެ ގޮތުން، މިޓްޗެލް ވަނީ ކުޑަ ފީއެއްގައި ކެވިން ވޮލަންޑާއި ކައިއޯ ހެންރީކޭ ގެނެސްފަ އެވެ. ކޮވަޗްގެ ކޯޗުކަމުގައި އެ ކުޅުންތެރިން މޮޅު ކުޅުމެއް ދެއްކިއިރު، މޮނާކޯ ސީޒަން ނިންމާލީ ތިން ވަނައިގަ އެވެ. މިއީ ކުރިއަށް އެޅި ފިޔަވަޅެކެވެ.

އޭގެ ފަހުން މިޓްޗެލްގެ ބެލުމުގެ ދަށުން ބިނާކުރީ، ކީ ޕާފޯމަންސް އިންޑިކޭޓާ (ކޭޕީއައި) އެކެވެ. އޭގެއިން ކުޅުންތެރިންނާ ބެހޭ ހުރިހާ ޑާޓާ އެއް ވަގުތުން ވަގުތަށް ލިބޭއިރު، ކޯޗިން ޓީމުން ކުޅުންތެރިން ޑިވެލޮޕްކުރަން ޖެހޭ ކަންކަން ކުޅުންތެރިންނަށް ކިޔައިދޭން ފަސޭހަވެ އެވެ. އަދި ސްޕޯޓްސް ސައިންސް އެކުލެވޭ ޒަމާނީ މޮޑެލަށް މޮނާކޯގެ ޑިވެލޮޕްމަންޓް ކަންކަން ބަދަލުކުރަން ވެސް މިޓްޗެލް ނިންމި އެވެ.

ދާދި ފަހުން ރެއާލް މެޑްރިޑުން 105 މިލިއަން ޑޮލަރު ދީފައި މޮނާކޯ އިން ގަތް ޒުވާން މިޑްފީލްޑަރު، އައުރެލިއަން ޗުއަމެނީ ޑިވެލޮޕްވަމުން އައީ މި ކޭޕީއައިގެ އެހީގައި މޮނާކޯ އިިން ކުޅުންތެރިން އެނަލައިސްކުރަން ފެށި ފަހުންނެވެ.

ޗެލްސީ އާއި ޔުނައިޓެޑުން މިޓްޗެލް ބޭނުންވީ ކީއްވެ؟

ޔުނައިޓެޑުން ފާއިތުވި ދެ ތިން އަހަރު ދިޔައީ ރަނގަޅު ސްޕޯޓިން ޑިރެކްޓަރެއް ހޯދަން އަތްފުނާ އަޅަމުންނެވެ. ސެވިއްޔާގައި ހުރި މޮންޗީ ގެންނަން ވެސް އުޅުނެވެ. އެކަން، ކާމިޔާބެއް ނުވި އެވެ.

ޔުނައިޓެޑްގެ ކޯޗުކަމާ މިދިޔަ އަހަރު ފަހުކޮޅު ހަވާލުވެ، މި ސީޒަނުގެ ނިޔަލަށް އެ ޓީމަށް ކޯޗުކޮށްދިން ރަލްފް ރަންގްނިކް ވަނީ އެ ކްލަބް ހިންގަން ޖެހޭ މޮޑަލް ބަދަލުކޮށް، ސްޕޯޓިން ޑިރެކްޓަރެއް ގެންނަން ކޮންމެހެން ޖެހޭނެ ކަމަށް ބުނެފަ އެވެ.

އެ ގޮތުން ރަންގްނިކް ޔުނައިޓެޑަށް ހުށަހެޅި ނަމަކީ މިޓްޗެލް އެވެ. އެއީ ރެޑްބުލް ނެޓްވޯކްގައި މިޓްޗެލް ކޮށްފައިވާ މަސައްކަތް ރަންގްނިކް އަށް ފެނިފައިވާތީ އެވެ. އަދި އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތެމްޓަން އާއި ޓޮޓެންހަމްގައި ކުޑަ އަގެއްގައި ޓްރާންސްފާތައް މެނޭޖްކޮށް، މޮޅު ޓީމެއް ބިނާކުރަން މިޓްޗެލް ކޮށްފައިވާ މަސައްކަތުން ނަތީޖާ ވެސް ފެންނަން އޮތުމުން، މިޓްޗެލް ގެންނަން ރަންގްނިކް ޔުނައިޓެޑަށް އެންގި އެވެ.

އެކަމަކު، ޔުނައިޓެޑުން އެކި ގޮތްގޮތުން މިޓްޗެލް ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވީ އެވެ.

އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީ އިސްވެ، އުފައްދާފައިވާ ކޮންސޯޓިއަމް ގްރޫޕުން ޗެލްސީ ގަތުމަށް ފަހު އެ ކްލަބްގެ ޓްރާންސްފާ ކަންކަން ހަރުދަނާ ރެކްރޫޓްމަންޓް ސިސްޓަމެއްގެ ތެރެއިން ހިންގަން ރަނގަޅު ސްޕޯޓިން ޑިރެކްޓަރެއް ގެންނަން ކުރި މަސައްކަތުގައި ޝައުގުވެރިވީ މިޓްޗެލް އަށެެވެ.

ޕްރިމިއާ ލީގަށް އެންމެ ރަނގަޅު ކުޅުންތެރިން ނެރެދޭ އެކެޑަމީއެއްގެ ގޮތުގައި މަޝްހޫރުވެފައި އޮތް ޗެލްސީގެ އެކެޑަމީގެ ކުޅުންތެރިން ސީނިއާ ޓީމުގައި ބޭނުންހިފޭނެ ގޮތެއް ހޯދަން، މިޓްޗެލް އަކީ އެންމެ ރަނގަޅު މީހާ ކަމަށް ބޯލީގެ ގްރޫޕަށް ބެލެވުނެވެ.

ޕީޓަ ޗެކްއާ އެކު ޓްރާންސްފާ މާކެޓްގައި ޗެލްސީން ބޭނުންވާ ކުޅުންތެރިން ގަންނަން ލީޑުކުރާނެ ފަރާތަކަށް، ބޯލީގެ ލީޑަޝިޕުން ނިންމީ މިޓްޗެލް ކަމުގައި ވިޔަސް އޭނާ ހުރިހާ އޮފާ އަކަށް އިންކާރުކުރީ އެވެ. މިޓްޗެލް މި ވަގުތު އެންމެ ބޮޑު ފޯކަސްއެއް ކޮށްގެން ކުރަމުން އަންނަ މަސައްކަތަކީ މޮނާކޯ އެވެ. މޮނާކޯގައި ފަށާފައިވާ ޕްރޮޖެކްޓްގެ އެއް ބައި ނިންމާލާފައި މައިދާން ދޫކޮށް ދާން މިޓްޗެލް ބޭނުމެއް ނުވީ އެވެ.

"މޮނާކޯގެ ޕްރޮޖެކްޓަށް ފޯކަސް ކުރަން މަދުވެގެން އިތުރު އެއް އަހަރު ވިޔަސް ހުންނަން ބޭނުން،" މުސްތަގުބަލާ ބެހޭގޮތުން ލަ ޕެރީސިއަން އަށް ދާދި ފަހުން މިޓްޗެލް ބުނެފައިވެ އެވެ.