Advertisement

ނޭޝަންސް ލީގު: ޕޮލެންޑް އަތުން ބޮޑު މޮޅެއް ހޯދައި ބެލްޖިއަމުން މާޔޫސްކަން ފިލުވާލައިފި

9 ޖޫން 2022 - 10:16 0

ބެލްޖިއަމްގެ ތަރި ޑިބްރޭނާ ގޯލެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


ނޭޝަންސް ލީގު: ޕޮލެންޑް އަތުން ބޮޑު މޮޅެއް ހޯދައި ބެލްޖިއަމުން މާޔޫސްކަން ފިލުވާލައިފި

9 ޖޫން 2022 - 10:16 0

ބްރުސެލްސް، ބެލްޖިއަމް (ޖޫން 9) - ނޭޝަންސް ލީގުގައި ރޭ ޕޮލެންޑް އަތުން 6-1 އިން މޮޅުވެ، ބެލްޖިއަމުން، ނޭޝަންސް ލީގުގެ ފުރަތަމަ މެޗުގައި މިދިޔަ ހަފުތާގައި ބަލިވި ބަލިވުމުގެ މާޔޫސްކަން ފިލުވާލައިފި އެވެ.

މި ފަހަރުގެ ނޭޝަންސް ލީގުގެ ފުރަތަމަ މެޗުގައި މިދިޔަ ހަފްތާގައި ބެލްޖިއަމް އަމިއްލަ ދަނޑުގައި 4-1 އިން ނެދަލެންޑްސް އަތުން ބަލިވިއިރު، ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އޭގެ އަށް ޖަވާބު ދިނީ ރޭ ފަހަތުން އަރައި ޕޮލެންޑް އަތުން މޮޅުވެގެންނެވެ.

ރޭގެ މެޗުގެ 28 ވަނަ މިނިޓްގައި ޕޮލެންޑްގެ ކެޕްޓަން ރޮބަޓް ލެވަންޑޯސްކީ އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް، ފުރަތަމަ ހާފު ނިމުމުގެ ކުރިން އަކްސެލް ވިޓްސެލް ވަނީ ބެލްޖިއަމަށް އެއްވަރުކޮށްދީފަ އެވެ. ބެލްޖިއަމް މޮޅުވީ ދެ ވަނަ ހާފުގައި ފަސް ގޯލު ޖަހައިގެންނެވެ. އެ ޓީމުން ލީޑުނެގީ 59 ވަނަ މިނިޓްގައި ކެވިން ޑިބްރޭނާ ޖެހި ގޯލުންނެވެ.

އަނެއް ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ލެއަންޑްރޯ ޓްރޮސާޑް އެވެ. އަނެއް ދެ ގޯލު ޖެހީ ލެއަންޑްރޯ ޑެންޑޮންކާ އަދި އިކޯމާ ލޮއިސް އޮޕެންޑާ އެވެ.

ބެލްޖިއަމުން ރޭގެ މެޗުގައި ބޭނުންކުރީ އެ ގައުމުގެ އަންހެން ޓީމުގެ މޮޑެލްގެ ޖޯޒީ އެވެ. މިއީ އަންނަ މަހު ފަށާ ޔޫރޯ އަންހެން މުބާރާތަށް ތައްޔާރުވަމުން އަންނަ ބެލްޖިއަމްގެ އަންހެން ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރި ކަމެކެވެ. މި ހަފްތާގައި ނޭޝަންސް ލީގުގައި ޖަރުމަނުން ވެސް ބޭނުންކުރީ އަންހެން މޮޑަލުގެ ޖޯޒީ އެވެ. އެއީ އަންހެން ޓީމަށް ތަރުހީބު ދިނުމުގެ ގޮތުންނެެވެ.

ނޭޝަންސް ލީގުގައި ރޭ ނެދަލެންޑްސް ކުޅުނު މެޗުން ވަނީ ރަށުންބޭރުގައި 2-1 އިން ވޭލްސް ބަލިކޮށްފަ އެވެ. ޓެއުން ކޫޕްމެނިއާސް 50 ވަނަ މިނިޓްގައި ޖެހި ގޯލުން ނެދަލެންޑްސް ލީޑުނަގާފައިވަނިކޮށް، އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގައި ވޭލްސްގެ ރީސް ނޮރިންޓަން-ޑޭވިސް ވަނީ ގޯލެއް ޖަހައި އެއްވަރުކޮށްފަ އެވެ. އެކަމަކު، މެޗުގެ ފަހު ވަަގުތު ނެދަލެންޑްސްގެ ވައުޓް ވެގްހޯސްޓް ވަނީ ގޯލެއް ޖަހައި އެ ޓީމު މޮޅުކޮށްދީފަ އެވެ.

ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ނޭޝަންސް ލީގުގެ ޑިވިޝަން އެކެއްގެ ހަތަރު ވަނަ ގްރޫޕްގެ އެއް ވަނައިގައި ނެދަލެންޑްސް އޮތީ ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބެލްޖިއަމަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ޕޮލެންޑްގެ ވެސް ތިން ޕޮއިންޓް އޮތްއިރު، ފުލުގައި އޮތް ވޭލްސް އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.