9 ޖޫން 2022 - 00:22 0
މާޒިޔާގެ ކެޕްޓަން އައިދާން (ކ) އާއި ސަސްގެ ކެޕްޓަން ޝައްފާން ބޯޅަ ހޯދަން މަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
9 ޖޫން 2022 - 00:22 0
އެފްއޭއެމުން މިހާރު ކުރިއަށްގެންދާ 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި މިރޭ ކުޅުނު މެޗުން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން 1-0 އިން ބަލިކޮށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) މޮޅަކުން މުބާރާތް ނިންމާލައިފި އެވެ.
މިއަދު ހަވީރު ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް އަތުން 6-0 އިން މޮޅުވެ، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ސެމީ ފައިނަލުން ފުރުސަތު ހޯދުމާ އެކު، މާޒިޔާ އާއި ސަސް މެޗު ނުފަށަނިސް ދެ ޓީމަށް އޮތީ މުބާރާތުގައި ކުރިއަށްދިއުމުގެ ދޮރު ބަންދުވެފަ އެވެ. އެއީ ފުރަތަމަ ދެ މެޗުން މޮޅުވެ، ޓީސީ މިއަދުގެ މެޗަށް ނުކުތްއިރު ވެސް ސެމީން ޖާގަ ހޯދާފައިވާއިރު، ޔުނައިޓެޑް ވިކްޓްރީ އަނެއް ޖާގަ ކަށަވަރުކުރުމުންނެވެ.
ހަތަރު ޓީމު ވާދަކުރި ގްރޫޕް އޭގެ އެއް ވަނަ ހޯދި ޔުނައިޓެޑް ވިކްޓްރީ އަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ދެ ވަނަ އަށް ދިޔަ ޓީސީ އަށް ހަ ޕޮއިންޓް ލިބުނުއިރު، ސަސް އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. އަދި މާޒިޔާ ނިންމާލީ ތިން މެޗުން ބަލިވެ، ޕޮއިންޓެއް ވެސް ނުލިބި އެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި ސަސްގެ ހަމައެކަނި ގޯލު ޖަހައިދިނީ މެޗުގެ 22 ވަނަ މިނިޓްގައި ޓީމުގެ ކެޕްޓަން ޝައްފާން މުހައްމަދު އެވެ. މެޗުގެ މޮޅު ކުުޅުންތެރިޔާގެ މަގާމު ހޯދީ ވެސް ޝައްފާން އެވެ.
މާޒިޔާގެ ކުޅުންތެރިއަކު ކައިރިން ސަސްގެ އަފްޒަލް ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ސެމީ ފައިނަލުގައި ޓީސީ ކުޅޭނީ ގްރޫޕް ބީގެ އެއް ވަނަ ހޯދާފަައިވާ ކްލަބް ވެލެންސިއާއާ އެވެ. ގްރޫޕް ބީގެ ފަހު މެޗުގައި މާދަމާ ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް ކުޅޭނެ އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ސެމީގެ ފަހު ޖާގަ ލިބޭނެ އެވެ. މެޗު އެއްވަރުވެއްޖެނަމަ ސެމީން ފުރުސަތު ލިބޭނީ އީގަލްސް އަށެވެ. އެ ގްރޫޕުން ސެމީ އަށް ހޮވޭ ޓީމެއް، ފައިނަލުގެ ޖާގައެއް ހޯދަން ކުޅެން ޖެހޭނީ ޔުނައިޓެޑް ވިކްޓްރީއާ އެވެ.
ސޯޅަ އަހަރުން ދަށަށް ހާއްސަކޮށް އެފްއޭއެމުން ޔޫތު މުބާރާތެއް ބޭއްވުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ މި އަހަރު އޮކްޓޫބަރު މަހު އޮތް 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން އަށް ސްކޮޑެއް އެކުލަވާލުމެވެ. އެ ގޮތުން 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން ސައުދީ އަރަބިއްޔާގައި ކުރިއަށްދާއިރު، އެ ޓީމާއި ރާއްޖޭގެ އިތުރުން ދެން އެ ގްރޫޕްގައި އޮތީ އިންޑިއާ، މިޔަންމާ އަދި ކުވޭތެވެ.
Comment