8 ޖޫން 2022 - 19:22 0
ގޯލު ޖެހުމަށް ފަހު ޔުނައިޓެޑް ވިކްޓްރީގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
8 ޖޫން 2022 - 19:22 0
އެފްއޭއެމުން މިހާރު ކުރިއަށްގެންދާ 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބް 6-0 އިން ބަލިކޮށް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ސެމީން ފުރުސަތު ހޯދައިފި އެވެ.
ސެމީގައި ޔުނައިޓެޑް ވިކްޓްރީ ކުޅެން ޖެހޭނީ ގްރޫޕް ބީގެ ދެ ވަނަ ހޯދާ ޓީމާ އެވެ. ޓީސީ ކުޅެން ޖެހޭނީ ގްރޫޕް ބީގެ އެއް ވަނައިގެ ގޮތުގައި ސެމީން ފުރުސަތު ހޯދާފައިވާ ކްލަބް ވެލެންސިއާއާ އެވެ.
ގްރޫޕް އޭ އިން އެންމެ ފުރަތަމަ ސެމީގެ ފުރުސަތު ހޯދީ ޓީސީ އެވެ. އެއީ ފުރަތަމަ ކުޅުނު ދެ މެޗުން މޮޅުވެގެންނެވެ. އެކަމަކު، މިއަދު ޔުނައިޓެޑް ވިކްޓްރީން ހޯދި މޮޅާ އެކު ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދިޔައީ އެ ޓީމެވެ. އެއީ ތިން މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ޓީސީ އަށް ދެ ވަނަ ލިބުނީ ހަ ޕޮއިންޓް ހޯދައިގެންނެވެ.
ޔުނައިޓެޑް ވިކްޓްރީ އާއި ޓީސީ މިއަދު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ތިން ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ދެ މެޗުން ޕޮއިންޓެއް ލިބިފައިވާއިރު، ފުލުގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް އަދި ޕޮއިންޓެއް ލިބިފައިނުވާއިރު، އެ ޓީމު ވަނީ މުބާރާތުން ކަޓައިފަ އެވެ. ސަސް އާއި މާޒިޔާ މިރޭގެ މެޗަށް ނުކުންނައިރު، ދެ ޓީމަށް ވެސް މިއީ މުބާރާތުގެ ފަހު މެޗެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ހާފުގައި ޔުނައިޓެޑް ވިކްޓްރީން ވަނީ ގޯލެއް ޖަހައި، ލީޑުނަގައިފަ އެވެ. އެ ޓީމުގެ ގޯލު ޖެހީ މެޗުގެ 17 ވަނަ މިނިޓްގައި މުހައްމަދު ރަޒާން އެވެ.
ދެ ވަނަ ހާފްގައި ޔުނައިޓެޑް ވިކްްޓްރީން އިތުރު ފަސް ގޯލު ޖެހިއިރު، މި ލަނޑުތައް ޖެހީ އަހުމަދު އަޒުލާން އަލީ، އަހުމަދު އަލްތަފް އަޒީމް، މުހައްމަދު އަރުޝަދު ސަލީމް، ރަޒާން އަދި މުހައްމަދު މާޔަން ނިޔާޒް އެވެ.
ސަސް އާއި މާޒިޔާ ކުޅޭ މެޗު ފަށާާނީ މިރޭ 20:30 ގަ އެވެ.
Comment