Advertisement

ކެނެރީގެ ފާރުގައި "އިންޑިއާ އައުޓް" ލިޔުނު މައްސަލާގައި މީހަކު ހައްޔަރުކޮށް ހަތް ދުވަހަށް ބަންދު

7 ޖޫން 2022 - 17:49 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކެނެރީގެ ފާރުގައި އިންޑިއާ އައުޓް ލިޔެފައި: މި މައްސަލާގައި މީހަކު ހައްޔަރުކޮށް ބަންދަށް ހަތް ދުވަސް ޖެހި - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ކެނެރީގެ ފާރުގައި "އިންޑިއާ އައުޓް" ލިޔުނު މައްސަލާގައި މީހަކު ހައްޔަރުކޮށް ހަތް ދުވަހަށް ބަންދު

7 ޖޫން 2022 - 17:49 0

ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ ފާރުގައި "އިންޑިއާ އައުޓް" ލިޔުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް އޭނާގެ ބަންދަށް ހަތް ދުވަހުގެ މުއްދަތެއް ކޯޓުން ދީފި އެވެ.

މިދިޔަ މަހުގެ ފަހުކޮޅު ކެނެރީގޭ ފާރުގައި "އިންޑިއާ އައުޓް" ލިޔެފައިވާ މައްސަލާގައި 28 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް ހަތް ދުވަހަށް ބަންދުގެ މުއްދަތެއް ކޯޓުން ދިން ކަން ފުލުހުން ކަށަވަރުކޮށްދެ އެވެ.

"އެ މައްސަލާގައި މީހަކު ހައްޔަރު ކުރީ އާދީއްތަ ދުވަހު، ބަންދުގަ ބަހައްޓައިގެން ތަހުގީގު ކުރަން ބަންދު މުއްދަތު ކަނޑައަޅަން ކޯޓަށް ހާޒިރުކުރީ އިއްޔެ،" ފުލުހުންގެ މީޑިއާ އޮފިޝަލް މި ނޫހަށް ވިދާޅުވި އެވެ.

ކެނެރީގެއަކީ ނަޝީދު އުޅުއްވާ ވަގުތުތަކުގައި ސެކިއުރިޓީ ވަރަށް ވަރުގަދަ ސަރަހައްދެކެވެ. އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު އެ މަގުގައި ޕާކް ނުކުރެވޭ ގޮތަށް ވެސް ވަނީ ހަދާފަ އެވެ. އަދި އެމަނިކުފާނު ކެނެރީގެއަށް ވަޑައިގަންނަވާއިރު ނިލޯފަރުމަގު މިހާރު ބަންދު ވެސް ކުރެ އެވެ.

އާންމު ގޮތެއްގައި ސެކިއުރިޓީ ވަރުގަދަ ސަރަހައްދެއްގައި ހުރި ގެޔެއްގެ ފާރަށް "އިންޑިއާ އައުޓް" ސްޕްރޭ ކުރުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް މީހުން ދަނީ ސެކިއުރިޓީއާ މެދު ސުވާލު އުފައްދަމުންނެވެ. ނަޝީދަކީ އެ ކެމްޕޭނާ ދެކޮޅަށް އެންމެ ގިނައިން ވާހަކަ ދައްކަވާ އެކަކެވެ.

"އިންޑިއާ އައުޓް" އަކީ ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބުމާއި މި ސަރުކާރުން އިންޑިއާގެ އަސްކަރީ އެހީ ހޯދަން ގެންގުޅޭ ސިޔާސަތުތަކާ ދެކޮޅަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

"އިންޑިއާ އައުޓް" ކެމްޕެއިނު ރާއްޖޭގައި މަނާކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޭޕްރީލް، 27، ގައި ނެރުއްވި ރިޔާސީ ގަރާރަކުންނެވެ. އޭގެ ފަހުން ފުލުހުން ދިޔައީ "އިންޑިއާ އައުޓް" ބެނާއެއް މާލޭގައި ދެމިޔަސް އެތަކެތި އަތުލަމުންނެވެ. އަދި ފާރުތަކުގައި އެ ޝިއާރު ލިޔާ މީހުނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް މީގެ ކުރިން ފުލުހުން ދީފައިވެ އެވެ.

އެގޮތަށް ރައީސް ނިންމެވީ އެ ހަރަކާތަކީ ރާއްޖޭގެ ގާނޫނުލްްއުގޫބާތުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި މަނާކޮށްފައިވާ އަމަލުތަކުގެ ތެރެއިން ވަކި ނަސްލަކަށް ނުވަތަ ނަސަބަކަށް ވީތީ ދަތިކޮށް ފުރައްސާރަކޮށް ތަފާތުކުރުންފަދަ އަމަލެއް ކަމުގައި ކަނޑައެޅުއްވުމަށް ފަހުގަ އެވެ.

މި ރިޔާސީ ގަރާރު ބާތިލްކުރަން އިދިކޮޅުން ވަނީ ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ. އިދިކޮޅުން ދެކެނީ އެއީ ޣައިރު ގާނޫނީ ގަރާރެއްގެ ގޮތުގަ އެވެ. އެއީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމާއި ސިޔާސީ ހަރަކާތް ހިންގުމުގެ ހައްގު ހަނި ވެގެންދާތީ އެވެ.