7 ޖޫން 2022 - 12:45 0
ވޭލްސްގެ މެޗެއްގެ ތެރެއިން ބޭލް: އޭނާ ހޯދަން ވޭލްސްގެ ކާޑިފް ޝައުގުވެރިވޭ.--- ފޮޓޯ: އޭއެފްޕީ
7 ޖޫން 2022 - 12:45 0
ލަންޑަން (ޖޫން 7) - ވޭލްސްގެ ކެޕްޓަން ގަރެތް ބޭލް ގެނައުމުގެ ޝައުގުވެރިކަން އިންގްލެންޑްގެ ދެ ވަނަ ޑިވިޝަންގައި ކުޅެމުން އަންނަ ވޭލްސް އަށް ނިސްބަތްވާ ކްލަބް، ކާޑިފް ސިޓީ އިން ފާޅުކޮށްފި އެވެ.
ބޭލް 32، އެންމެ ފަހުން ކުޅުނު ކުލަބު ރެއާލް މެޑްރިޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް މިދިޔަ ސީޒަންގެ ނިޔަލަށް ހަމަވިއިރު، އޭނާ މިހާރު ވަނީ އެ ކުލަބުގެ ސަޕޯޓަރުންނަށްވެސް އަލްވަދާއު ކިޔައިފަ އެވެ. ނުވަ އަހަރު ރެއާލަށް ކުޅުމަށް ފަހު އެ ކުލަބުގައި ބޭލް، ދެން މަޑު ނުކުރާނެކަން ކުލަބުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.
މި ވަގުތު ކުލަބެއްގައި ބޭލްގެ ކޮންޓްރެކްޓެއް ނެތެވެ. ބޭލް އަންނަ ސީޒަންގައި ފެނުން ގާތީ އެމެރިކާ ލީގުން ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެކަަމަކު، ބޭލް އަލުން ޓޮޓެންހަމަށް ބަދަލުވުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. ރެއާލަށް 2013 ވަނަ އަހަރު ބަދަލުވުމުގެ ކުރިން ޓޮޓެންހަމަށް ކުޅުނު ބޭލް ވަނީ މީގެ އެއް އަހަރު ކުރިން ލޯން ޑީލެއްގެ ދަށުން ވެސް ޓޮޓެންހަމަށް ކުޅެފަ އެވެ.
ބޭލް ހޯދުމަށް އޭނާ އުފަން ގައުމު ވޭލްސް އަށް ނިސްބަތްވާ ކާޑިފް ސިޓީ އިން މަސައްކަތް ކުރަމުން އަންނަކަން މީޑިއާތަކުން ރިޕޯޓްކުރަމުން އަންނައިރު، އެ ކުލަބުގެ ޗެއާމަން މެހެމެޓް ޑަލްމާން މިހާރު ހުރީ މަޝްވަރާތަށް ކުރުމަށް އިނގިރޭސިވިލާތުގެ ލަންޑަނުގަ އެވެ.
ކާޑިފް ސިޓީ އަށް ބޭލް ގެންދަން ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކަށްވާނީ އޭނާގެ މުސާރަ އެވެ. އެންމެ ފަހުން ރެއާލް މެޑްރިޑްގައި ބޭލްއަށް ހަފްތާ އަކު ހަ ލައްކަ ޕައުންޑުގެ މުސާރައެއް ލިބުނުއިރު، މިއީ ކާޑިފްގެ ސީނިއާ ޓީމްގެ މުޅި ސްކޮޑުގެ ހަފްތާއެއްގެ ޖުމްލަ މުސާރަ އަށް ވުރެ ވެސް ބޮޑު އަދަދެކެވެ. އެހެންކަމުން، ބޭލް އެ ކުލަބާ ގުޅެން ޖެހޭނީ ކުޑަ މުސާރަ އަކަށެވެ.
ބޭލް، ކާޑިފް އަށް ގުޅިއްޖެ ނަމަ އެ ކުލަބަށް މާކެޓްކުރުމަށް ފަސޭހަތަކެއް ލިބިގެންދާނެ އެވެ. އަދި ސްޕޮންސަރުންގެ އަތުން ބޮޑު އަދަދެއް ހޯދަން ވެސް ފުރުސަތު ލިބޭނެ އެވެ. އަނެއްކޮޅުން އަނބުރާ ޕްރިމިއާ ލީގަށް އަންނަން ކާޑިފް ކުރަމުން އަންނަ މަސައްކަތަށް ވެސް ބޮޑު ހިތްވަރެއް ލިބޭނެ އެވެ.
ކާޑިފް އަށް އުފަންވި ކަމުގައިވިޔަސް ބޭލް ޔޫތު ކެރިއަރުގައި ކުޅުނީ ސައުތަމްޓަން އަށެވެ. ފުޓްބޯޅަ ކެރިއަރުގައި ވޭލްސްގެ ކްލަބަކުން މިހާތަނަށް ބޭލް ނުފެނެ އެވެ.
ކުރިމަގާއި ގުޅޭގޮތުން އެންމެ ފަހުން ބޭލް އެންމެ ފަހުން ވާހަކަދައްކާފައިވަނީ ވޯލްޑްކަޕް ކޮލިފައިން ޕްލޭއޮފްގައި ޔޫކްރެއިންއާ ވާދަކުރި މެޗުގެ ކުރިންނެވެ. ބޭލް އޭރު އޭނާ ބުނީ ހުރިހާ ވިސްނުމެއް ހުރީ ވޭލްސް ވޯލްޑްކަޕަށް ކޮލިފައި ކޮށްދިނުމަށް ކަމަށެވެ.
ބޭލްގެ އެހީތެރިކަމާ އެކު ޔޫކްރެއިން 1-0 އިން ބަލިކޮށް 64 އަހަރުގެ ފަހުން ވޭލްސް ވަނީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތްކަމަށްވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވެފަ އެވެ.
Comment