Advertisement

ނޭޝަންސް ލީގު: ރޮނާލްޑޯގެ ދެ ގޯލާ އެކު ޕޯޗުގަލަށް މޮޅެއް، ސްޕެއިން ސަލާމަތްވެއްޖެ

6 ޖޫން 2022 - 02:00 0

ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


ނޭޝަންސް ލީގު: ރޮނާލްޑޯގެ ދެ ގޯލާ އެކު ޕޯޗުގަލަށް މޮޅެއް، ސްޕެއިން ސަލާމަތްވެއްޖެ

6 ޖޫން 2022 - 02:00 0

ޕްރާގު، ޗެކް ރިޕަބްލިކް (ޖޫން 6) - ޔުއެފާ ނޭޝަންސް ލީގުގައި މިރޭ ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ގޯލާ އެކު 4-0 އިން ޕޯޗުގަލް އިން ސްވިޒަލެންޑް ބަލިކުރިއިރު، ފަހު ވަގުތު ސްޕެއިނުން ގޯލެއް ޖަހައި 2-2 އިން ޗެކް ރިޕަބްލިކާ އެއްވަރުކޮށް ބަލިނުވެ ސަލާމަތްވެއްޖެ އެވެ.

ނޭޝަންސް ލީގުގައި ސްޕެއިން ކުޅުނު ފަހު މެޗުން ވަނީ މިދިޔަ ހަފްތާގައި ޕޯޗުގަލްއާ އެއްވަރުވެފަ އެވެ. ޗެކް ރިޕަބްލިކް އިން ވަނީ ފުރަތަމަ މެޗުގައި ސްވިޒަލެންޑް ބަލިކޮށްފަ އެވެ. މިރޭ، ސްޕެއިން ބަލިކުރުމާ ގާތަށް ޗެކް ރިޕަބްލިކުން ޖެހިލި ނަމަވެސް ސްޕެއިން ފަހު ވަގުތު ގޯލު ޖެހީ އެވެ. ނޭޝަންސް ލީގުގެ އެއް ވަނަ ޑިވިޝަނުގެ ގްރޫޕް ބީގެ އެއް ވަނައިގައި އޮތް ޕޯޗުގަލް އާއި ދެ ވަނައިގައި އޮތް ޗެކް ރިޕަބްލިކަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ސްޕެއިން ތިން ވަނައިގައި އޮތީ ދެ ޕޮއިންޓް ހޯދައިގެންނެވެ. ފުލުގައި އޮތް ސްވިޒަލެންޑަށް ދެ މެޗު ކުޅުނުއިރު، ޕޮއިންޓެއް ނުލިބެ އެވެ.

ޕޯޗުގަލް ދަނޑުގައި މިރޭ ހަ ވަނަ މިނިޓްގައި ސްވިޒަލެންޑްގެ ހަރިސް ސެފެރޯވިޗް ގޯލެއް ޖެހި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެ ގޯލު ބަލައިނުގަންނަން ނިންމި އެވެ. ޕޯޗުގަލް އިން ލީޑުނެގީ މެޗުގެ 15 ވަނަ މިނިޓްގައި ވިލިއަމް ކަވާލިއޯ ޖެހި ގޯލުންނެވެ. މިއީ ރޮނާލްޑޯ ދިން ބޯޅައަކުން ޖެހި ގޯލެކެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕޯޗުގަލް އިން އިތުރު ދެ ގޯލު ޖެހިއިރު، މި ދެ ގޯލު ވެސް ޖެހީ ރޮނާލްޑޯ އެވެ. ދެ ގޯލު ޖަހަން ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ޑިއޯގޯ ޖޮޓާ އެވެ. މި ދެ ގޯލާ އެކު ރޮނާލްޑޯ ގައުމީ ޓީމަށް ޖަހައިދިން ގޯލުގެ ޖުމްލަ އަދަދު ވަނީ 117 އަށް އަރައިފަ އެވެ. ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ ރޮނާލްޑޯ އަތުގަ އެވެ.

ދެ ވަނަ ހާފުގައި ޕޯޗުގަލްގެ ހަތަރު ވަނަ ގޯލު ޖެހީ ބެނާޑޯ ސިލްވާ ދިން ބޯޅައަކުން ޔާއޯ ކަންސޭލޯ އެވެ.

ސްޕެއިންގެ ގަވީ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


ޗެކް ރިޕަބްލިކުން މިރޭ އަމިއްލަ ދަނޑުގައި ސްޕެއިން ކައިރީގައި ވަނީ ރަނގަޅު ކުުޅުމެއް ދައްކައިފަ އެވެ. މެޗު ފަށައިގެން ހަތަރު ވަނަ މިނިޓްގައި ސްޕެއިން ޑިފެންސުން ހުސްވި ޖާގައިގެ ބޭނުންހިފައި ޗެކް ރިޕަބްލިކުން ލީޑުނެގި އެވެ. މި ގޯލު ޖެހީ ޖޭން ކުޗްޓާ ދިން ބޯޅައަކުން ޖަކޫބް ޕެސެކް އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްޕެއިނަށް އެއްވަރުކޮށްދިނީ 17 އަހަރުގެ މިޑްފީލްޑަރު، ގަވީ އެވެ. އޭރިއާތެރެއިން ގަވީ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުުރު ކަނަށެވެ. ރޮޑްރީ ދިން ބޯޅައަކުން ގަވީ މި ޖެހި ގޯލާ އެކު އޭނާ އަކީ ސްޕެއިން ގައުމީ ޓީމަށް ގޯލެއް ޖަހައިދިން އެންމެ އުމުރުން ހަގު ކުޅުންތެރިޔާ އެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ އަންސޫ ފަޓީ އަތުގަ އެވެ. ގަވީ އެ ރެކޯޑް މުގުރާލިއިރު، އުމުރަކީ 17 އަހަރާއި 304 ދުވަހެވެ. ފާޓީ ރެކޯޑް ހެދީ 17 އަހަރާއި 311 ދުވަސް ފުރުނުއިރު ގޯލު ޖަހައިގެންނެވެ.

ދެ ވަނަ ހާފުގައި ސްޕެއިނަށް ލީޑުނަގައިދޭން އަލްވާރޯ މޮރާޓާ ޖެހި ބޯޅަ ބޭރުވީ ދަނޑީގައި ޖެހިފަ އެވެ. ޗެކް ރިޕަބްލިކުން ދެ ވަނަ ފަހަަރަށް ލީޑުނެގީ 66 ވަނަ މިނިޓްގަ އެވެ. ސްޕެއިންގެ ޑިފެންސް ފަހަތުން ދިޔަ ބޯޅައެއް ހޯދައި، ކުޗްޓާ ގޯލަށް ބޯޅަ ވައްދާލީ ސްޕެއިން ގޯލުގައި ހުރި އުނާއި ސިމޯން ބޯމަތިން އޮއްސާލުމަށް ފަހު އެވެ.

ނަތީޖާ ހަމަހަމަކުރަން ސްޕެއިނުން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ ފަހު މިނިޓްގަ އެވެ. މާކޯ އަސެންސިއޯ ނެގި ހުރަހަކުން އިނީގޯ މާޓިނޭޒް ބޮލުން ޖެހި ބޯޅަ ގޯލަށް ވަނީ ހުރަސްދަނޑީގައި ޖެހިފަ އެވެ. ބޯޅަ ހުރަސްދަނޑީގައި ޖެހިފައި ގޯލުގެ ރޮނގު ހުރަސްކޮށްފައި ނުކުތްއިރު، އެއީ ގޯލެއްތޯ ކަށަވަރުކުރަން ވީއޭއާރް އިން ބެލި އެވެ.

ނޭޝަންސް ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، އާލިން ބްރައުޓް ހާލަންޑްގެ ދެ ގޯލާ އެކު ނޯވޭ އިން ވަނީ 2-1 އިން ސްވިޑެން ބަލިކޮށްފަ އެވެ. ސްވިޑެންގެ ގޯލު ޖެހީ އެންތަނީ އެލަންގާ އެވެ. ސާބިއާ އިން ވަނީ 4-1 އިން ސްލޮވީނިއާ ބަލިކޮށްފަ އެވެ.