6 ޖޫން 2022 - 00:15 0
ޓީސީ މޮޅުވި ގޯލު ޖެހުމަށް ފަހު އާއިޝް އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
6 ޖޫން 2022 - 00:15 0
އެފްއޭއެމުން މިހާރު ކުރިއަށްގެންދާ 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން 3-1 އިން ބަލިކޮށް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން ފުރަަތަމަ މޮޅު ހޯދިއިރު، ފަހަތުން އަރައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ މައްޗަށް 2-1 އިން ކުރިހޯދައި ޓީސީ ސްޕޯޓްސް ކްލަބް ސެމީން ފުރުސަތު ހޯދައިފި އެވެ.
ހަތަރު ޓީމު ވާދަކުރާ ގްރޫޕް އޭގައި ކުޅުނު ދެ މެޗުން މޮޅުވެ، ޓީސީ އޮތީ ހަ ޕޮއިންޓާ އެކު އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު ޔުނައިޓެޑް ވިކްޓްރީ އެވެ. ތިން ވަނައިގައި ދެ މެޗުން އެއް ޕޮއިންޓާ އެކު ސަސް އޮތްއިރު، ފުލުގައި އޮތީ ދެ މެޗުން ބަލިވި މާޒިޔާ އެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ 14 ވަނަ މިނިޓްގައި އަހުމަދު އަލްތަފް އަޒީމް ޔުނައިޓެޑް ވިކްޓްރީ އަށް ލީޑުނަގައިދީފައިވަނިކޮށް މާޒިޔާ އަށް އެއްވަރުކޮށްދިނީ 38 ވަނަ މިނިޓްގައި ނާޝިއު އަހުމަދު ޝިހާމް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑް ވިކްޓްރީން ދެ ވަނަ ފަހަރަށް ލީޑުނެގީ އަހުމަދު އަޒުލާން އަލީ ޖެހި ގޯލުންނެވެ.
ޔުނައިޓެޑް ވިކްޓްރީގެ އަޒުލާން އެ ޓީމު މޮޅުވި ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ޔުނައިޓެޑް ވިކްޓްރީން ތިން ޕޮއިންޓް ކަށަވަރުކުރީ މެޗުގެ 73 ވަނަ މިނިޓްގައި އަޒުލާން ޖެހި ގޯލުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް ޔުނައިޓެޑް ވިކްޓްރީގެ އަޒުލާން އެވެ. މި މެޗުގެ ނަތީޖާ އަށް ފަހު މާޒިޔާ ވަނީ ކަޓައިފަ އެެވެ.
މިރޭގެ މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑުނެގީ ސަސް އިންނެވެ. މެޗުގެ 23 ވަނަ މިނިޓްގައި ސަސްގެ ގޯލު ޖެހީ ރަޒާން ހަސަން އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓީސީން ނަތީޖާ ހަމަހަމަކުރި އެވެ. ޕެނަލްޓީ އަކުން މި ގޯލު ޖެހީ މުހައްމަދު މާކިން އިބްރާހިމް އެވެ.
ޓީސީ މޮޅުވި ގޯލު ޖެހީ ބަދަލެއްގެ ގޮތުގައި ކުޅެން އެރި ޔޫސުފް އާއިޝް މުހައްމަދު ޖެހި ގޯލުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބަދަލަކަށް ކުޅެން އެރި އާއިޝް މި ގޯލު ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އާއިޝް އެވެ.
ޔޫތު ޗެމްޕިއަންޝިޕްގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް އީގަލްސް އާއި ކްލަބް ވެލެންސިއާ އެވެ. ވެެލެންސިއާ ވަނީ މި ގްރޫޕްގެ ފުރަތަމަ މެޗުގައި 10-1 އިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ.
Comment