5 ޖޫން 2022 - 18:43 0
މުހައްމަދު ވިޝާމް
ހުޅުމާލޭގައި ކުޑަކުއްޖެއް މަރާލި ސީންގައި ފުލުހުން ހަރަކާތްތެރިވަނީ. -އަދަދު ފައިލް ފޮޓޯ
5 ޖޫން 2022 - 18:43 0
ޖިނާއީ ބޮޑެތި ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކަށް ދައުވާނުކޮށް ބެހެއްޓޭ މުއްދަތު އިތުރުކުރަން ސަރުކާރުގެ ފަރާތުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ގާނޫނު މިހާރު އޮންނަ ގޮތުން ޓެރަރިޒަމް މައްސަލަތައް ފިޔަވައި ޖިނާއީ ބޮޑެތި ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކުށެއްގެ ތުހުމަތުކުރެވޭ މީހަކު ބަންދުގައި ދައުވާނުކޮށް ބެހެއްޓޭނީ ގިނަވަގެން 45 ދުވަހެވެ.
ނަމަވެސް، ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހަޅުއްވާފައިވާ އިސްލާހުގައި އެ މުއްދަތު 60 ދުވަހާ ހަމައަށް ވަނީ އިތުރުކޮށްފަ އެވެ.
ގާނޫނުގައި ކަނޑައަޅާފައިވާ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި މީހުން މެރުމާއި، ރޭޕް ކުރުމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި، މަނީ ލޯންޑަރިން އަދި މަސްތުވާތަކެއްޗާއި މީހުން ޓްރެފިކް ކުރުން ހިމެނެ އެވެ.
އެ އިސްލާހުގައިވާ ގޮތުން، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތަހުގީގު ނިންމަން އިތުރު މުއްދަތު ފުލުހުން ބޭނުންވާނަމަ، އެކަން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުގައި އެދުމުން، އެ މުއްދަތު އިތުރުކުރަން ޕީޖީއަށް މިހާރު ލިބޭ 45 ދުވަސް، 60 ދުވަހަށް ބަދަލު ކުރުމަށެވެ.
މީގެ އިތުރުން، ތަހުގީގު ނިންމައި ފުލުހުން ފޮނުވުމުން، ދައުވާ ކުރަން ޕީޖީއަށް މިހާރު ލިބޭ 10 ދުވަސްގެ މުއްދަތު ވެސް އެ އިސްލާހުގައި ވަނީ 15 ދުވަހަށް އިތުރުކޮށްފަ އެވެ.
މި ބިލު ހުށަހެޅުމުގެ ބޭނުމަކީ އިއުތިރާފް އެއްބަސްވުން ހެދޭނެ ހާލަތްތަކާއި އެކަން ކުރުމުގައި އަމަލު ކުރާނެ އިޖުރާއަތްތައް އިތުރަށް ތަފްސީލު ކުރުމާއި، ގާނޫނު ތަންފީޒުކުރުމަށާއި ޖިނާއީ އަދުލުގެ ނިޒާމުގެ އިޖުރާއަތްތައް ހިންގުމުގައި ދިމާވާ ދަތިތައް ހައްލު ކުރުން ހެކިބަސްދޭ ފަރާތްތައް ހިމާޔަތްކުރުމުގެ އުސޫލު ހަރުދަނާ ކުރުން ކަމަށް ސަރުކާރުން ބުނެ އެވެ.
މިގޮތުން، ޖިނާއީ ބޮޑު މައްސަލައެއްގައި ހެކިބަސް ދޭ މީހާ ދޭ ހެކިބަހެއްގެ ސަބަބުން އޭނާއަށް ނުކުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތެއް އޮތް ނަމަ، އެ މީހާއަށް ހިމާޔާތްކުރުމުގެ އަމުރެއް ހޯދުމަށް ކޯޓަށް ހުށަހެޅޭ ގޮތަށް ގާނޫނު އިސްލާހުކުރަން އެ ބިލުގައިވެ އެވެ. އެ އަމުރު ހޯދަން ދައުލަތުގެ ކިބައިން އެދެމުގެ ހައްގު ހެކިބަސް ދޭ މީހާއަށް އެ އިސްލާހުގައި ވަނީ ލިބިދީފަ އެވެ.
މި ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގައި އިއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ޖަލްސާގަ އެވެ.
Comment