Advertisement

މާނޭ، ލިވަޕޫލާ މެދު ގޮތެއް ނިންމާނީ ސެނެގާލް ރައްޔިތުން އެދޭގޮތަށް

5 ޖޫން 2022 - 10:48 0

ރޭ ބެނިންއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން މާނޭ.-- ފޮޓޯ: އޭއެފްޕީ


މާނޭ، ލިވަޕޫލާ މެދު ގޮތެއް ނިންމާނީ ސެނެގާލް ރައްޔިތުން އެދޭގޮތަށް

5 ޖޫން 2022 - 10:48 0

ޑާކާ، ސެނެގާލް (ޖޫން 5) - ލިވަޕޫލްގައި މަޑުކުރުމާ މެދު ގޮތެއް ނިންމާނީ ސެނެގާލް ރައްޔިތުން އެދޭ ގޮތެށް ބެލުމަށް ފަހު ކަމަށް ސެނެގާލް ގައުމީ ޓީމުގެ ފޯވާޑް، ސަޑިއޯ މާނޭ ބުނެފި އެވެ.

މާނޭ، 30، ލިވަޕޫލާ އެކު ހަދާފައިވާ ކޮންޓްރެކްޓް މި ފެށޭ ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. ލިވަޕޫލާ އެކު އާ ކޮންޓްރެކްޓެއްގައި ސޮއިކުރަން މާނޭ ބޭނުންނުވާ ކަމަށާއި އޭނާގެ ވިސްނުމަކީ އާ ޗެލެންޖެއް ނަގައި އެހެން ޓީމަކަށް ބަދަލުވުން ކަމަށް މީޑިއާތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ.

އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކޮލިފައިންގައި ރޭ ބެނިން އަތުން 3-1 އިން ސެނެގާލް މޮޅުވި މެޗުގެ ކުރިންނާއި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާނޭގެ ކްލަބް ފުޓްބޯޅައިގެ މުސްތަގުބަލާ ބެހޭގޮތުން ގިނަ ސުވާލުތަކެއް އަމާޒުވި އެވެ.

"އަހަރެން ގޮތެއް ނިންމާނީ އެ މީހުން (ސެނެގާލްގެ ރައްޔިތުން) އެދޭ ގޮތަށް، އެހެން އެންމެނެކޭ އެއްގޮތަށް އަހަރެން ވެސް ސޯޝަލް މީޑިއާގައި އުޅެން، އަހަންނަށް ވެސް ކޮމެންޓްތައް ފެނޭ. 60 ނޫނީ 70 ޕަސެންޓް މީހުން އަހަރެން ލިވަޕޫލް ދޫކޮށްލަން ބޭނުންވެގެން އުޅޭއެއް ނޫންތަ؟" މެޗަށް ފަހު މާނޭ ބުންޏެވެ.

ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މާނޭ ބޭނުންވަނީ ބަޔާން މިއުނިކަށް ބަދަލުވާށެވެ. މާނޭ، ހޯދަން ބަޔާނުން 35-40 މިލިއަން ޑޮލަރުގެ ޑީލެއް ހުށަަހަޅަން އޮތީ ތައްޔާރަށް ކަމަށް ވެސް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެެވެ.

އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކޮލިފައިންގައި ރޭ ބެނިން ކޮޅަށް މާނޭ ހެދި ހެޓްރިކާ އެކު އޭނާ އަކީ ސެނެގާލް ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. ރޭގެ ގޯލުތަކާ އެކު މާނޭ ވަނީ ސެނެގާލް ޓީމަށް 32 ގޯލު ޖަހައިދީފަ އެވެ. ކުރިން އެ ރެކޯޑް އޮތީ ސެނެގާލް ޓީމަށް 31 ގޯލު ޖެހި ފޯވާޑް، ހެންރީ ކަމާރާ އަތުގަ އެވެ.