Advertisement

ލިވަޕޫލްގެ ކޯޗަކަށް ސްލޮޓް ހަމަޖައްސަން ވާހަކަދައްކަނީ

24 އޭޕްރީލް 2024 - 19:19 0


ލިވަޕޫލްގެ ކޯޗަކަށް ސްލޮޓް ހަމަޖައްސަން ވާހަކަދައްކަނީ

24 އޭޕްރީލް 2024 - 19:19 0

އަމްސްޓެޑަމް، ނެދަލެންޑްސް (އޭޕްރީލް 24) - ލިވަޕޫލްގެ ކޯޗުގެ މަގާމަށް ނެދަލެންޑްސްގެ ފެޔަނޫޑާ ހަވާލުވެހުރި، އާން ސްލޮޓް ހަމަޖައްސަން ދެ ކްލަބުން މަޝްވަރާތައް ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީގެ ކުރިން މުޅިން ވެސް ނެދަލެންޑްސްގެ ކްލަބްތަކަށް ކޯޗުކޮށްދީފައިވާ ސްލޮޓަށް ވަނީ އިނގިރޭސި ދެ ކްލަބަކުން މީގެ ކުރިން ހުށަހެޅުން ލިބިފަ އެވެ. އެ ގޮތުން، މިދިޔަ އަހަރު ފެބްރުއަރީ މަހު، ލީޑްސް ޔުނައިޓެޑުން ލިބުނު ހުށަހެޅުމާއި މި ސީޒަން ފެށުމުގެ ކުރިން ޓޮޓެންހަމް ހޮޓްސްޕާސް އިން ލިބުނު އޮފާ ދޫކޮށްލަން ސްލޮޓް ނިންމީ، އެ ދެ ކްލަބާއި އޭނާގެ ވިސްނުން އެއްގޮތް ނުވުމުންނެވެ.

ނުވަ އަހަރަށް ފަހު، ލިވަޕޫލްގެ ކޯޗުކަން ޔާގަން ކްލޮޕް މި ސީޒަނަށް ފަހު ދޫކޮށްލާނެ އެވެ. ލިވަޕޫލާ ހަވާލުވާނެ ކަމަށް މީޑިއާގައި އެންމެ ބޮޑަށް ވާހަކަ ދެކެވުނީ، ބަޔާ ލެވަކޫސަންގައި ހުރި ޒަބީ އަލޮންސޯ ނޫނީ ސްޕޯޓިން ލިޒްބަންގެ ކޯޗު ރުބެން އަމޮރިމް އެވެ. އަލޮންސޯ ވަނީ ލެވަކޫސަންގައި މަޑުކުރަން ނިންމައިފަ އެވެ. އަމޮރިމް އަށް މުސްތަގުބަލާ މެދު ގޮތެއް ނުނިންމިގެން އުޅޭއިރު، ލިވަޕޫލާ ދައްކަމުން އަންނަ ވާހަކަތައް ވަނީ މަޑުޖައްސާލައިފަ އެވެ.

ލިވަޕޫލުން މި ވަގުތު މަޝްވަރާކުރަމުން އަންނަނީ ސްލޮޓްއާ އެވެ. ވިހި އަހަރު ތެރޭ ފުރަތަމަ ފަހަރަށް ފެޔަނޫޑަށް ނެދަލެންޑްސްގެ ލީގު ހޯދައިދިން ސްލޮޓަށް ލިވަޕޫލްގެ ހުށަހެޅުން ލިބުނީ އޭނާ ގެންގުޅޭ ފުޓްބޯޅައިގެ އެޓޭކިން ފިލޯސަފީ އާއި ޔޫތުން ސީނިއާ ޓީމަށް ކުޅުންތެރިން ޑިވެލޮޕްކުރުމުގައި އޮތް ތަސައްވުރު ލިވަޕޫލަށް ވެސް ފިޓްވާތީ އެވެ.

ސްލޮޓް، މި ވަގުތު ފެޔަނޫޑްގެ ކޮންޓްރެކްޓްގައި ހުރީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެކަމަކު، ލިވަޕޫލުން އަށް މިލިއަން ޑޮލަރު ދައްކައިފިނަމަ، ސްލޮޓްގެ ކޮންޓްރެކްޓް ގަނެވޭނެ އެވެ. މިހާރު މަޝްވަރާތައް ކުރިއަށްދަނީ އެ ފީއާ ގުޅޭގޮތުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.