Advertisement

ސްލޮޓް، ލިވަޕޫލްގެ ކޯޗުކަން ބޭނުންވާ ކަމަށް ބުނެފި

26 އޭޕްރީލް 2024 - 09:08 0


ސްލޮޓް، ލިވަޕޫލްގެ ކޯޗުކަން ބޭނުންވާ ކަމަށް ބުނެފި

26 އޭޕްރީލް 2024 - 09:08 0

އަމްސްޓެޑަމް، ނެދަލެންޑްސް (އޭޕްރީލް 26) - ލިވަޕޫލްގެ ކޯޗުކަން ކުރަން ލިބިފައިވާ ފުރުސަތުގެ ބޭނުންހިފަން ޝައުގުވެރިވާ ކަމަށް ނެދަލެންޑްސްގެ ފެޔަނޫޑާ ހަވާލުވެހުރި، އާން ސްލޮޓް ބުނެފި އެވެ.

މި ސީޒަނަށް ފަހު، ލިވަޕޫލްގެ ކޯޗުކަން ޔާގަން ކްލޮޕް ދޫކޮށްލާނެކަން ވަނީ އިއުލާނުކޮށްފަ އެވެ. އާ ކޯޗެއް ހޯދަން ލިވަޕޫލުން ކުރަމުން އަންނަ މަސައްކަތުގައި މި ވަގުތު މަޝްވަރާ ކުރަމުން އަންނަނީ ސްލޮޓް، 45، އާ އެެވެ.

މީގެ ކުރިން ލީޑްސް ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާސް އިން ގެންދަން ޝައުގުވެރިކަން ފާޅުކުރި ސްލޮޓްއާ އެކު، 2026 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް ފެޔަނޫޑްގެ ކޮންޓްރެކްޓެއް އޮތުމުން، އަދި މުޅި އެއްކޮށް ލިވަޕޫލަށް ގެންދަން ކުރިއަށްދާ ޑީލްގެ ކަންކަން ނުނިމެ އެވެ.

"އަހަރެންގެ ނިންމުން ވަރަށް ސާފުކޮށް މި އޮތީ، އަހަރެން ބޭނުން ލިވަޕޫލްގެ މި ހުށަހެޅުމާ އެއްގޮތަށް ކުރިއަށްދާން،" ރޭ ގޯއަހެޑް އީގަލްސް އަތުން ފެޔަނޫޑް މޮޅުވި މެޗުގެ ކުރިން ސްލޮޓް ބުންޏެވެ.

"އަހަންނަށް މި ވަގުތު ބުނެވެން އޮތްހާ ވެސް އެއްޗަކީ، ދެ ކްލަބުން، (ލިވަޕޫލާއި ފެޔަނޫޑުން) އަންނަނީ މަޝްވަރާ ކުރަމުން، އުންމީދަކީ، އަވަހަށް ދެ ފަރާތަށް އެއްބަސްވެވޭ ހައްލެއް އައުން،"

ފެޔަނޫޑާ އެކު ސްލޮޓް ހަދާފައިވާ އެއްބަސްވުން އުވާލަން ދައްކަން ޖެހޭ ވަކި ފީއެއް ހިމަނައިފައިނުވެ އެވެ. މީގެ ކުރިން ބެލެވިފައި އޮތީ ލިވަޕޫލުން އަށް މިލިއަން ޑޮލަރު ދައްކައިފިނަމަ، ސްލޮޓްގެ ކޮންޓްރެކްޓް ގަނެވޭނެ ކަމަށެވެ. އެކަމަކު، ރިޕޯޓްތައް ބުނާގޮތުން، ސްލޮޓް އާއި އޭނާގެ ސްޓާފުންގެ ކޮންޓްރެކްޓް އެއްކޮށް ގަންނަ ނަމަ ލިވަޕޫލުން 15 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ.

ވިހި އަހަރު ތެރޭ ފުރަތަމަ ފަހަރަށް ފެޔަނޫޑަށް ނެދަލެންޑްސްގެ ލީގު ހޯދައިދިން ސްލޮޓަށް ލިވަޕޫލްގެ ހުށަހެޅުން ލިބުނީ އޭނާ ގެންގުޅޭ ފުޓްބޯޅައިގެ އެޓޭކިން ފިލޯސަފީ އާއި ޔޫތުން ސީނިއާ ޓީމަށް ކުޅުންތެރިން ޑިވެލޮޕްކުރުމުގައި އޮތް ތަސައްވުރު ލިވަޕޫލަށް ވެސް ފިޓްވާތީ އެވެ.

އާ ކޯޗެއް ހޯދަން ކުރި މަސައްކަތުގައި ލިވަޕޫލުން ވަނީ ބަޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ އާއި ސްޕޯޓިން ލިޒްބަންގެ ކޯޗު ރުބެން އަމޮރިމްއާ ވެސް ވާހަކަ ދައްކައިފަ އެވެ. އަލޮންސޯ ނިންމީ ލެވަކޫސަނުގައި ހުންނާށެވެ. އަމޮރިމް އާއި ލިވަޕޫލްގެ ވާހަކަތައް ކުރިއަށްނުދިޔައީ، ދެ ފަރާތަށް އެއްބަސްނުވެވޭ ގިނަ ކަންތައްތަކެއް ކުރިމަތިވުމުންނެވެ.