Advertisement

ނޭޝަންސް ލީގު: އިޓަލީއާ އެއްވަރުކޮށް ޖަރުމަނާ އެކު ފްލިކްގެ ރަނގަޅު ފެށުން ކުރިއަށް

5 ޖޫން 2022 - 02:00 0

ޖަރުމަނުގެ ސާނޭ (ވ) ހޯދަން އުޅުނު ބޯޅައެއް އިޓަލީގެ ކެޕްޓަން ފްލޮރެންޒީ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ


ނޭޝަންސް ލީގު: އިޓަލީއާ އެއްވަރުކޮށް ޖަރުމަނާ އެކު ފްލިކްގެ ރަނގަޅު ފެށުން ކުރިއަށް

5 ޖޫން 2022 - 02:00 0

ބޮލޯނިިއާ، އިޓަލީ (ޖޫން 5) - ޔުއެފާ ނޭޝަންސް ލީގުގައި މިރޭ ކުޅުނު މެޗުން އިޓަލީން ގޯލެއް ޖަހާފައިވަނިކޮށް ޖަރުމަނުން 1-1 އިން އެއްވަރުކޮށްފި އެވެ.

މިއީ ހަންސީ ފްލިކް ޖަރުމަނުގެ ކޯޗުކަމާ ހަވާލުވި ފަހުން އެ ޓީމު ކުޅުނު 10 ވަނަ މެޗެވެ. މިހާތަނަށް މެޗަކުން ބަލިވެފައިނުވާއިރު، އެންމެ ފަހުން ޖަރުމަނުގެ ކޯޗަކަށް ހުރި ޔަކީމް ލޯގެ ފަހު މެޗުތަކުގައި ޖަރުމަނުގެ ފަރާތުން ފެނިގެންދިޔަ ގޯސްތައް ރަނގަޅުކުރަން ފްލިކް ކުރަމުން އަންނަ މަސައްކަތުގެ ކުރިއެރުންތައް ވަނީ ފެންނަން ފަށައިފަ އެވެ.

ސްޓަޑިއޯ ރެނާޓޯ ޑަލްއަރާގައި ކުޅުނު މެޗު ފަށައިގެން ފުރަތަމަ ހާފުގައި ޖަރުމަނުގެ ލެއޯން ގޮރެޓްޒްކާ އާއި ސާޖް ގްނަބްރީ އަށް ގޯލެއް ޖަހާން އިޓަލީގެ އޭރިއާތެރެއިން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނެވެ.

މީގެ ތިން ދުވަސް ކުރިން ދެ ބައްރުގެ ޗެމްޕިއަނުންގެ މެދުގައި ކުޅުނު "ފައިނަލިސިމާ" މެޗުން އާޖެންޓީނާ އަތުން ބަލިވި، އިޓަލީ ޓީމަށް މިރޭ އެ ޓީމުގެ ކޯޗު ރޮބާޓޯ މަންޗިނީ ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެ ގޮތުން ގިނައިން ބޭނުންކޮށްފައިވަނީ ތަޖުރިބާ މަދު އާ ކުޅުންތެރިންނެވެ. ނިސްބަތުން ބަލާއިރު، ޒުވާން ކުޅުންތެރިން ގިނަ އެވެ. އެ ގޮތުން މި މެޗުގައި އިޓަލީގެ ފުރަތަމަ އެގާރައިން ފުރުސަތު ދިން، ޖިއަންލޫކާ ސްކަމާކާ، ފުރަތަމަ ހާފުގައި އޭރިއާބޭރުން ޖެހި ބޯޅަ ދިޔައީ ދަނޑީގައި ޖެހިފައި ބޭރުންނެވެ.

ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުކޮށް، އިޓަލީން ލީޑުނެގީ މެޗުގެ 70 ވަނަ މިނިޓްގަ އެވެ، މި ގޯލުގައި އިޓަލީން ބަދަލަކަށް ކުޅެން އެރި، 18 އަހަރުގެ ވިންގް، ވިލްފްރިއެޑް ޖިއޯންޓޯގެ ދައުރު ބޮޑެވެ. އޭނާ ހުސްކޮށްލާފައި ނަގައިދިން ބޯޅަ ޖަރުމަނު ޑިފެންޑަރުންގެ ތެރެއިން ހުސްކޮށް އަރައި، ލޮރެންޒޯ ޕެލެގްރީނީ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ޖިއޯންޓޯ އަކީ މިދިޔަ އަހަރު އިންޓަ މިލާން ދޫކޮށް ސްވިޒަލެންޑްގެ އެފްސީ ޒިއުރިކްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ.

މާގިނައިރު އިޓަލީ އަށް ލީޑު ހިފަހައްޓައިނުލެވުނެވެ. އެގޮތުން މެޗުގެ 73 ވަނަ މިނިޓްގައި ޖަރުމަނުން އެއްވަރުކުރި އެވެ. މި ގޯލު އިޓަލީ އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ޖެހީ ޔޯސުއާ ކިމިކް އެވެ. އިޓަލީގެ ޑިފެންސް ތެރެއިން ސަލާމަތްނުކުރެވިގެން އައި ބޯޅަ ކިމިކް ވަނީ ހަމަޖެހިލާފައި ކަނަށް ފޮނުވާލައިފަ އެވެ. މެޗު ނިމުމުގެ ކުރިން ދެ ޓީމުން ވެސް އިތުރު ގޯލެއް ޖަހައި މޮޅުވެވޭތޯ ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

ނޭޝަންސް ލީގުގެ ޑިވިޝަން އެކެއްގެ ގްރޫޕް ސީގައި މިރޭ ކުޅުނު އަނެއް މެޗުން ހަންގޭރީ ވަނީ 1-0 އިން އިންގްލެންޑް ބަލިކޮށްފަ އެވެ. ޖަރުމަނުން ދެން ކުޅޭ މެޗުގައި ތިން ދުވަސް ފަހުން އަމިއްލަ ދަނޑުގައި އިންގްލެންޑާ ކުޅޭނެ އެވެ. އެ ދުވަހު، އިޓަލީ ބައްދަލުކުރާނީ ހަންގޭރީއާ އެވެ. އެ މެޗު ވެސް ކުޅޭނީ އިޓަލީގަ އެވެ.