Advertisement

60 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ހަންގޭރީން އިންގްލެންޑް ބަލިކޮށްފި

5 ޖޫން 2022 - 01:19 0

އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން މިރޭގެ މެޗުގެ ތެރެއިން.--- ފޮޓޯ: އޭއެފްޕީ


60 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ހަންގޭރީން އިންގްލެންޑް ބަލިކޮށްފި

5 ޖޫން 2022 - 01:19 0

ބުޑަޕެސްޓް، ހަންގޭރީ (މެއި 5) - ޔުއެފާ ނޭޝަންސް ލީގުގައި މިރޭ ހަންގޭރީން 1-0 އިން އިންގްލެންޑް ބަލިކޮށްފި އެވެ. މިއީ ފާއިތުވި 60 އަހަރު ތެރޭ ހަންގޭރީން އިންގްލެންޑްގެ މައްޗަށް ހޯދި ފުރަތަމަ މޮޅެވެ.

ހަންގޭރީން އެންމެ ފަހުން އިންގްލެންޑް ބަލިކުރީ 1962 ވަނަ އަހަރު އެވެ. އޭގެ ފަހުން ހަންގޭރީ އަތުން އިންގްލެންޑް ބަލިވެފައިނުވެ އެވެ. އަނެއްކޮޅުން މިރޭގެ މެޗަކީ އިންގްލެންޑަށް ގަބޫލުކުރަން ވެސް އުނދަގޫ ބައްޔެކެވެ. އިންގްލެންޑް އެންމެ ފަހުން ކުޅުނު 22 މެޗުގެ ތެެރެއިން ބަލިވެފައިވަނީ މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އިޓަލީ އަތުންނެވެ.

ޕުސްކަސް އެރީނާގައި 30،000 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗު ބަލަން ވަދެ ތިބީ ގިނައިން ކުޑަކުދިންނެވެ. ހަންގޭރީގެ ސަޕޯޓަރުން ޔޫރޯގައި އަމަލުކުރި ގޮތުން އެ ގައުމުގެ ރަސްމީ މެޗުތައް ކުޅެން ޖެހިފައި އޮތީ ސަޕޯޓަރުން ނުވައްދަ އެވެ. އެކަމަކު، ޔުއެފާގެ ގަވާއިދު ބުނާގޮތުން 14 އަހަރުން ދަށުގެ ކުދިން މެޗުތަކަށް ހިލޭ ވެއްދޭ ފަދަ އުސޫލެއް އޮވެ އެވެ. ހަންގޭރީ ފުޓްބޯޅަ ފެޑެރޭޝަނުން އެ ގަވާއިދުގެ ބޭނުންހިފައި، ކުޑަކުދިންނާއި އެ ކުދިންގެ ބެލެނިވެރިން މެޗަށް ވެއްދީ އެވެ. އެހެންކަމުން، ހަންގޭރީގެ ކުޅުންތެރިން ދެކޭ ގޮތުގައި މި ހޯދުނު މޮޅަކީ އެ ގައުމުގެ ފުޓްބޯޅައިގެ އަރަމުން އަންނަ ޖީލަށް ދެވުނު ހަދިޔާ އެކެވެ.

ހަންގޭރީގެ ސޮބޯޒްލާއި (ކ) ކައިރިން އިންގްލެންޑްގެ މެގުއާ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އޭއެފްޕީ


އިނގިރޭސި ކޯޗު ގަރެތު ސައުތުގޭޓް ވަނީ މިރޭ އެ ޓީމުގެ ފުރަތަމަ އެގާރައިން ޖެރޮޑް ބޮވެން އާއި ޖޭމްސް ޖަސްޓިން އަށް ފުރުސަތު ދީފަ އެވެ. އެކަމަކު، މިއީ އިންގްލެންޑަށް ޕްރެޝަރު ބޮޑު މެޗެކެވެ. އެ ގޮތުން ހަންގޭރީގެ ތަރި، ޑޮމިނިކް ސޮބޯޒްލާއި ޖެހި ބޯޅައެއް އިންގްލެންޑްގެ ޑިފެންޑަރު ކޮނާ ކޯޑީ ވަނީ ގޯލު ރޮނގުކައިރިން ސަލާމަތްކޮށްފަ އެވެ. އަދި އެޑަމް ޒްޒަލާއި ޖެހި ބޯޅައެއް އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފަ އެެވެ.

މެޗުގެ ހަމައެކަނި ގޯލު 66 ވަނަ މިނިޓްގައި ޖެހީ ޕެނަލްޓީ އަކުން ސޮބޯޒްލާއި އެވެ. މިއީ ބަދަލަކަށް ކުޅެން އެރި އިންގްލެންޑްގެ ޑިފެންޑަރު، ރީސް ޖޭމްސް އޭރިއާތެެރެއިން ހަންގޭރީގެ ސޮލްޓް ނާގީ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

އިންގްލެންޑަށް އެއްވަރުކޮށްދީ ގައުމީ ޓީމަށް 50 ވަނަ ގޯލު ޖަހައިދޭން، އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ޖެހި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ.

މެޗަށް ފަހު ސައުތުގޭޓް ބުނީ އިންގްލެންޑް ބަލިވި އެންމެ ބޮޑު ސަބަބަކީ ދިގު ސީޒަނަކަށް ފަހު އަރާމެއް ނެތި ކުޅުންތެރިން ގައުމީ ޓީމާ އެކު އައިސް ކުއްލިއަކަށް މުބާރާތެއްގެ މެޗުތަކެއް ކުޅެން ފެށުން ކަމަށެވެ. އަދި އެންމެ ރަނގަޅު ބެލެންސެއް ޓީމުގެ ފަރާތުން މި މެޗުގައި ނުފެންނަ ކަމަށް ސައުތުގޭޓް ވަނީ ބުނެފަ އެވެ.