Advertisement

ރޮބޯމޭން ޝޯ ދޭން ބޯޑަރު ހުރަސްކޮށް ޗެކް ރިޕަބްލިކަށް!

4 ޖޫން 2022 - 11:34 2


ރޮބޯމޭން ޝޯ ދޭން ބޯޑަރު ހުރަސްކޮށް ޗެކް ރިޕަބްލިކަށް!

4 ޖޫން 2022 - 11:34 2

އަށެއްކަ އަހަރު ކުރިން އުފަންވި ދިވެހި 'ނަށާ ރޮބޮޓް' ނުވަތަ 'ރޮބޯ މޭން' އަކީ މިހާރު ކުޑަ ނަމެއް ނޫނެވެ. މުނާސަބު ދުވަސް ތަކާއި އުފާވެރި ހަފްލާތަކާއި ހާއްސަކޮށް ކުޑަކުދިންގެ ހަފްލާތަކާ ގުޅިގެން އަންނަ ދައުވަތުތަކުން އަވަދިނެތި އުޅޭ މި ރޮބޮޓް މިހާރު ތައްޔާރުވަމުން ދަނީ ޔޫރަޕްގެ ގައުމަކުން ޕްރައިވެޓް ހަފްލާއެއްގައި ޝޯ ދިނުމަށް ދައުވަތު ލިބިގެން ޗެކް ރިޕަބްލިކަށް ދިއުމަށެވެ. ދިވެހި ހުނަރެއް ޔޫރަޕްގެ ބަޔަކަށް ފާހަގަކުރެވިގެން ހާއްސަ ދައުވަތެއްގައި ގެންދިއުމަކީ ހާއްސަ ކަމެކެވެ. ރޮބޯ މޭންއަށް އޭނާގެ ޗެކް ދަތުރު އަދި މާ ހާއްސަ އެވެ.

"ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައި އާއިލާ އެއް، އެމީހުންގެ ދަރިފުޅަށް ޝޯ ދިނުމުގެ ފުރުސަތު ރާއްޖެއިން ލިބުނު. އެފަހުން ވަރަށް ކަމުގޮސްގެން މިހާރު އެމީހުން ބޭނުންވަނީ އެ ގައުމަށް ގޮސް އެމީހުންގެ ހަފްލާއެއްގައި ޝޯ ދޭން. މައި ހަފްލާގެ އިތުރުން ޗެކްގައި އިތުރު ހަރަކާތްތަކެއް ވެސް އޮތީ ރޭވިފަ، އެހެންވީމަ ވަރަށް ބޮޑު ދަތުރަކަށް ވާނެ ކަމަށް އުންމީދުކުރަނީ،" ރޮބޯމޭން ގެ ޓީމުން ބުނީ މިހެންނެވެ.

ރޮބޯމޭން ކުޑަކުދިންގެ ޝޯއެއްގެ ތެރެއިން --


ރޮބޯ މޭންގެ މި ހާއްސަ ދަތުރަކީ ޕްރައިވެޓް ހަފްލާއެއްގެ ދައުވަތަކަށް ވާތީ މާގިނަ ތަފްސީލެއް ނުލިބުނެވެ.

އެކަމަކު ކުރިއަށް އޮތީ ހިތާނީ މޫސުމާއެކު ބޮޑު އީދު ކަމަށް ވުމުން ދަތުރު ނިންމާފައި ރާއްޖެ އައުމަށްފަހު ވެސް ރޮބޯ މޭން އަށް އޮތީ 'ފުލް ޝެޑިއުލް' އެކެވެ.

"ވަރަށް ބިޒީކޮށް ކުރިއަށް ހުރި ދުވަސްތައް އޮތީ. ދަތުރު ނިންމާފައި ރާއްޖެއަށް އާދެވޭނީ ޖޫން މަހުގެ ފަހުކޮޅަށް. އެކަމަކު ބޫކިން އަންނަ ވަރަކުން ސޯޝަލް މީޑިއާ ޗެޓް މެދުވެރިކޮށް ޖަވާބު ދެމުން ދާނަން."

މާސްކެއްގެ ފުރަގަހުގައި ފޮރުވިފައި ހުންނަ ރޮބޯ މޭން އުފެދިގެން އައީ އާންމުންނާ ހަމައަށް މުޅިން އާ ހުނަރެއް ގެނެސްދިނުމުގެ ބޭނުމުގަ އެވެ. ރާއްޖެއަށް ބަލާއިރު އާންމުން އެހާ ގަޔާ ނުވާ ނެށުމުގެ ދާއިރާއިން ޝައުގުވެރި ތަފާތު ހުނަރެއް އާންމުންނަށް ދައްކާލުމުގެ މަގުސަދުގައި މާލޭގެ ފިހާރައެއްގެ ކަންމަތީގައި ހުއްޓި ހުރެ ރޮބޯމޭން ފެށި ހަރަކާތް ހިޓަކަށްވީ އެވެ. މި ހިޓެއްގައި އާންމުން ޖެހި މާލޭގެ ޓްރެފިކަށްވެސް އަސަރުކޮށްފައި އެބަހުއްޓެވެ.

ރޮބޯމޭން ރަށެއްގައި ހުސަހަޅައިދިން ޝޯ އެއްގެ ތެރެއިން.


މިދިޔަ އަށެއްކަ އަހަރުތެރޭ ރޮބޯމޭން އަށް އާދެވިފައި ހުރި ހިސާބަކީ އެންމެންނަށް އެނގޭ މަޝްހޫރު ނަމަކަށް އޭނާ ވެފައިވުމެވެ. ރޮބޯމޭން ބުނި ގޮތުގައި އޭނާ އެންމެ އުފާވަނީ އޭނާގެ ސްޓައިލް ޒުވާނުންގެ މެދުގައި މަޝްހޫރުވެ، އެ ގޮތަށް ނެށުމުގެ ޝައުގުވެރިކަން އިތުރުވަމުންދާތީ އެވެ.

"ރާއްޖޭގައި ދޭ ކޮންމެ ޝޯ އަކީ ވެސް ވަރަށް ހާއްސަ ޝޯތަކެއް. މި ދަތުރު ހާއްސަވާ ކަމަކީ ރޮބޯމޭން ކަހަލަ ދިވެހި ހުނަރެއް ބޭރު ގައުމެއްގައި ދައްކައިލުމުގެ ފުރުސަތު ލިބޭތީ. އެއީ ރޮބޯ މޭޏް އަށްވެސް ރާޢްޖެއަށް ވެސް ލިބޭ ރީތި ނަމެއް."

ރޮބޯ މޭޏްގެ ޓީމް ޗެކް ރިޕަބްލިކަށް މިއަދު ފުރާނެ އެވެ. ރާއްޖޭގެ ބޯޑަރު ހުރަސްކޮށް ބޭރު ގައުމެއްގައި ހުނަރު ދައްކާލުމުގެ ފުރުސަތަށް ރޮބޯމޭން ތައްޔާރެވެ.