Advertisement

ނޭޝަންސް ލީގު: ބެލްޖިއަމް އަތުން ނެދަލެންޑްސް އަށް މޮޅެއް، ޑެންމާކުން ފްރާންސް ބަލިކޮށްފި

4 ޖޫން 2022 - 02:03 0

ފްރާންސް ކޮޅަށް ގޯލު ޖެހުމަށް ފަހު ޑެންމާކްގެ ކޮނޭލިއަސް އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ނޭޝަންސް ލީގު: ބެލްޖިއަމް އަތުން ނެދަލެންޑްސް އަށް މޮޅެއް، ޑެންމާކުން ފްރާންސް ބަލިކޮށްފި

4 ޖޫން 2022 - 02:03 0

ޕެރިސް (ޖޫން 3) - ޔުއެފާ ނޭޝަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އަތުން ފަހަތުން އަރައި 2-1 އިން ޑެންމާކް މޮޅުވިއިރު، ނެދަލެންޑްސް އިން ބެލްޖިއަމް ދަނޑުގައި 4-1 އިން މޮޅުވެއްޖެ އެވެ.

މިދިޔަ އަހަރު ސްޕެއިން ބަލިކޮށް، ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ހޯދި ފްރާންސް އިން މި ފަހަރުގެ ނޭޝަންސް ލީގުގެ ސީޒަން ފަށަން ޖެހުނީ ބައްޔަކުންނެވެ. މިއީ، ރަސްމީ ވާދަވެރި މެޗެއްގައި 2016 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލަށް ފަހު ފްރާންސް އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ ފަހަރެވެ.

ޕެރިހުގައި މިރޭ ކުޅުނު މެޗު ފަށައިގެން ފްރާންސްގެ ތަރި ކަރިމް ބެންޒެމާ އޭރިއާ ތެެރެއިން ފޮނުވާލި ހަމަލާއެއް ޑެންމާކްގެ ޑިފެންޑަރު ޔަނިކް ވެސްޓެގާޑް ވަނީ ބްލޮކްކޮށްފަ އެވެ. ފުރަތަަމަ ހާފުގައި ކީލިއަން އެމްބާޕޭ ދިން ބޯޅައަކުން ބެންޒެމާ ގޯލެއް ޖެހި ނަމަވެސް ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.

މި މެޗުގައި ފްރާންސް އިން ލީޑުނަގަން ކުރި މަސައްކަތް ކާމިޔާބުކޮށްދިނީ ބެންޒެމާ އެވެ.

މެޗުގެ 51 ވަނަ މިނިޓްގައި ކްރިސްޓޮފާ އެންކުންކޫ ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، ޑެންމާކްގެ ތިން ޑިފެންޑަރުން ކައިރިން ދެމިގަތުމަށް ފަހު ބެންޒެމާ ވަނީ ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ މި ސީޒަނުގައި ބެންޒެމާގެ 50 ވަނަ ގޯލެވެ. ރެއާލަށް 44 ގޯލު ޖަހައިދިންއިރު، މި ސީޒަނުގެ ތެރޭގައި ފްރާންސަށް މި ވަނީ ހަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. ފްރާންސަށް ބެންޒެމާ ވަނީ 24 ގޯލު ޖަހައިދީފަ އެވެ.

ޑެންމާކް ކޮޅަށް ގޯލު ޖެހުމަށް ފަހު ބެންޒެމާ އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ޑެންމާކަށް އެއްވަރުކޮށްދިނީ މެޗުގެ ފަހު 30 މިނިޓްގައި ކުޅެން ނުކުމެ، އެ ޓީމު މޮޅުކޮށްދިނުމުގެ ބޮޑު ކްރެޑިޓެއް ހައްގުވާ ފޯވާޑް، އަންދްރެއަސް ކޮނޭލިއަސް އެވެ. މެޗުގެ 68 ވަނަ މިނިޓްގައި ކޯނޭލިއަސް ޑެންމާކަށް އެއްވަރުކޮށްދިން ގޯލު ޖެހީ ޕިއޭ އެމީލް ހޮއިބިއާ ހުސްކޮށްލާފައި އޭރިއާތެރެއަށް ނަގައިިދިން ބޯޅައަކުން ހަމަޖެހިލާފައި ގޯލަށް ބޯޅަ ވައްދާލައިގެންނެވެ.

ފްރާންސަށް މެޗުގައި ދެ ވަނަ ފަހަރަށް ލީޑުނަގައިދޭން އެންގޯޯލޯ ކާންޓޭ އޭރިއާބޭރުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ޑެންމާކަށް ލީޑުނަަގައިދޭން އޭރިއާތެރެއިން ހުސްކޮށް، ކްރިސްޓިއަން އެރިކްސަނަށް ލިބުނު ފުރުސަތުން ޖެހި ބޯޅަ ފްރާންސް ކީޕަރު ހޫގޯ ލޮރީސް މަތަކުރި އެވެ.

އެކަމަކު، މެޗުގެ 88 ވަނަ މިނިޓްގައި ފްރާންސްގެ އޮފްސައިޑް މަޅިން ސަލާމަތްވެ، ކޯނޭލިއަސް އޭރިއާތެރެއަށް ވަދެ، ގޯލުގެ ހަނި އޭންގަލުން ފޮނުވާލި ބޯޅަ ހުއްޓުވަން ކީޕަރު ލޮރީސް އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ. ފްރާންސް ޑިފެންޑަރުން ކޮނޭލިއަސްގެ ގޯލު އޮފްސައިޑް ކަމަށް އެޕީލްކުރި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ ގޯލެއް ކަމަށެވެ.

ނަތީޖާ ހަމަހަމަކުރަން ފްރާންސްގެ އޭޑްރިއަން ރަބިއޯ ބޮލުން ޖެހި ބޯޅަ އަމާޒުވީ ޑެންމާކްގެ ގޯލުކީޕަރު ކެޝްޕާ ޝްމައިކަލް އަތަށެވެ.

ނޭޝަންސް ލީގުގެ ޑިވިޝަން އެކެއްގެ ގްރޫޕް އޭގައި މިރޭ ކުޅުނު އަނެއް މެޗުން، ކްރޮއޭޝިއާ ދަނޑުގައި އޮސްޓްރިއާ ވަނީ 3-0 އިން މޮޅުވެފަ އެވެ. އޮސްޓްރިއާގެ ގޯލުތައް ޖެހީ މާކޯ އާނައުޓޮވިޗް، މިކޭލް ގްރެގޮރިޓީޝް އަދި މާސެލް ސަބީޓްޒާ އެެވެ.

މިއީ ދާދި ފަހުން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާއި އެ ޓީމުގެ ކޮންސަލްޓަންޓްގެ ވަޒީފާ ދޫކޮށް، އޮސްޓްރިއާގެ ކޯޗުކަމަށް މުޅިން ހުސްވި، ޖަރުމަނުގެ ކޯޗު ރަލްފް ރަންގްނިކް އެ ޓީމަށް އިރުޝާދުދިން ފުރަތަމަ މެޗެވެ.

ނެދަލެންޑްސްގެ ކެޕްޓަން ވެން ޑައިކް (ކ) އާއި ބެލްޖިއަމްގެ ލުކާކޫ ބޯޅަ ހޯދަން މަސައްކަތް ކުރަނީ.--- ފޮޓޯ: އޭއެފްޕީ


ޑިވިޝަން އެކެއްގެ ގްރޫޕް ޑީގައި ބެލްޖިއަމް ދަނޑުގައި ނެދަލެންޑްސް އިން މޮޅު ކުޅުމެއް ދެއްކި އެވެ. ބެލްޖިއަމްގެ އެއް ވަނަ ފޯވާޑް، ރޮމެލޫ ލުކާކޫ ފުރަތަމަ ހާފުގައި އަނިޔާވެގެން ބަދަލުކުރިއިރު، ފުރަތަމަ ހާފުގައި ނެދަލެންޑްސް އިން ލީޑުނެގީ ސްޓީވެން ބާގްވެއިން ޖެހި ގޯލުންނެވެ.

ދެ ވަނަ ހާފުގައި މެމްފިސް ޑިޕާއިގެ ދެ ގޯލާއި ޑެންޒެލް ޑަމްފްރީސް ޖެހި ގޯލުން ނެދަލެންޑްސް ހަތަރު ގޯލަށް ލީޑުފުޅާކުރި އެވެ. މީގެ އިތުރުން ވެސް މި މެޗުގައި ނެދަލެންޑްސް އަށް ގޯލު ޖަހަން ހުސް ފުރުސަތުތައް ލިބުނެވެ.

ބެލްޖިއަމްގެ ޓިމޮތީ ކަސްޓާންޏާ ޖެހި ގޯލެއް ވީއޭއާރް އިން ބަލައިނުގަންނަން ނިންމިއިރު، އެ ޓީމުން ގޯލެއް ޖަހަން ކުރި މަސައްކަތް މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކުރި އެެވެ. މި ލަނޑު ޖެހީ ބަދަލަކަށް ކުޅެން ނުކުތް މިޝީ ބަޓްޝުއާޔީ އެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި މި މަހު އެއް ވަނަ ދުވަހު ޕޮލެންޑުން ވަނީ 2-1 އިން ވޭލްސް ބަލިކޮށްފަ އެވެ.