3 ޖޫން 2022 - 22:40 0
ލަނޑު ޖެހުމަށް ފަހު ވެލެންސިއާ ކުޅުންތެރިން އުފާފާޅުކުރަނީ،--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
3 ޖޫން 2022 - 22:40 0
އެފްއޭއެމުން މިހާރު ކުރިއަށްގެންދާ 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅުނު މެޗުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން 10-1 އިން ކްލަބް ވެލެންސިއާ އިން ހޯދި ތަފާތު ބޮޑު މޮޅާ އެކު ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި އެވެ.
ކްލަބް ގްރީން ސްޓްރީޓްސް މުބާރާތުގައި ވާދަނުކުރާތީ، ގްރޫޕް ބީގައި މި ވަގުތު އޮތީ ވެލެންސިއާ އާއި ދަ ގްރާންޑޭ އަދި ކްލަބް އީގަލްސް އެވެ. ވެލެންސިއާ މި ހޯދި ތަފާތު ބޮޑު މޮޅާ އެކު އެ ޓީމަށް ވަނީ ސެމީގެ ޖާގައަކާ ފިޔަވަޅެއް ގާތަށް ޖެހިލައިފަ އެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވެލެންސިއާގެ މުހައްމަދު ޖޫދު އަޝްފާގު އާއި އަގުސަން އަހުމަދު ނަސީމް ކޮންމެ ކުޅުންތެރިއަކު ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ހަތަރު ގޯލު ޖެހީ މުހައްމަދު ނާމީ ނަޒީފް، މުހައްމަދު އައިހަމް އިބްރާހިމް، މުހައްމަދު ނައިސަމް ނަދީމް އަދި އަބްދުލް އައްވަލް މައުރޫފް އެވެ.
ދަ ގްރާންޑޭ އާއި ވެލެންސިއާ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ވެލެންސިއާ އިން ފުރަތަމަ ހާފު ނިންމާލިއިރު، ދެ ގޯލުގެ ލީޑެއްގައި އޮތްއިރު، ދެ ވަނަ ހާފުގައި އިތުރު އަށް ގޯލު ޖެހި އެވެ. މި މެޗުގައި ދަ ގްރާންޑޭ އިން ޖެހި ހަމައެކަނި ގޯލު މެޗުގެ ދެ ވަނަ ހާފުގައި ކާމިޔާބުކުރީ ނަހުވާން އަހުމަދު އެވެ.
ޔޫތު ޗެމްޕިއަންޝިޕްގެ މެޗުތައް ދެން އޮތީ، އާދިއްތަ ދުވަހު އެވެ. އެ ދުވަހު ހަވީރު މާޒިޔާ ކުޅޭނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އާ އެވެ. އެރޭ ކުޅޭ މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ކުޅޭނީ ޓީސީ ސްޕޯޓްސް ކްލަބާ އެވެ. މި ގްރޫޕްގެ ފުރަތަމަ މެޗުތަކަށް ބަލާއިރު، ޓީސީން ވަނީ މާޒިޔާ ބަލިކޮށްފަ އެވެ. ސަސް އާއި ޔުނައިޓެޑް ވިކްޓަރީގެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ސޯޅަ އަހަރުން ދަށަށް ހާއްސަކޮށް އެފްއޭއެމުން ޔޫތު މުބާރާތެއް ބޭއްވުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ މި އަހަރު އޮކްޓޫބަރު މަހު އޮތް 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން އަށް ސްކޮޑެއް އެކުލަވާލުމެވެ. އެ ގޮތުން 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން ސައުދީ އަރަބިއްޔާގައި ކުރިއަށްދާއިރު، އެ ޓީމާއި ރާއްޖޭގެ އިތުރުން ދެން އެ ގްރޫޕްގައި އޮތީ އިންޑިއާ، މިޔަންމާ އަދި ކުވޭތެވެ.
Comment