Advertisement

މުޙައްމަދު ޖަމީލު ދީދީއާއެކު "ޖާހިލުންގެ ވާދީ" އަށް...


މުޙައްމަދު ޖަމީލު ދީދީއާއެކު "ޖާހިލުންގެ ވާދީ" އަށް...

އައްޝައިޚުލް އުސްތާޛުލް މަރުޙޫމް މުޙައްމަދު ޖަމީލު ދީދީ "އިންޤިލާބު" މި ޅެން ފައްޓަވާފައިވަނީ ހަނދާނުގެ ގުލްޝަނަށް ވަންނަން ދަޢުވަތު ދެއްވަމުންނެވެ.

"ހަނދާނުގެ ގުލްޝަނަށް އަދު ވަންނަމާތޯ،

ހަނދާންތައް ހިތުތެރޭ އައުކޮށްލަމާތޯ.

އިހުގެ އުފަލާ އިހުގެ ވޭނާ އެކީގާ،

އިހުގެ ހުރިހާ ކަމެއް ސިފަކޮށްދެމާތޯ.

ހިތަށް ފިނިކަން ދެމުން އައި ރީތި މާތައް،

ކިތަށް ފަހަރަށް މިލައި ދިޔަކަން އެނގޭތޯ.

އަލުން މޫސުންބަހާރުގެ ރޫޙު ލިބުމުން،

މަލުން މާ ދައްކަނީ ކޮންފަދަ އަސަރުތޯ.

ދުނިޔެއަށް އަންނަ މިކަހަލަ ކޮންމެ ބަދަލެއް،

ދުނިޔެއީ ދުނިޔެކަން ވިސްނައި ނުދޭތޯ."

ޖަމީލް ދީދީއެކޭ އެއްފަދައިން އަޅުގަނޑު ވެސް ތިޔަ ކިޔުންތެރިންނަށް މި ދަޢުވަތު އަރުވަނީ ހަނދާނުގެ ގުލްޝަނަށް ވަނުމަށެވެ. މީލާދީން 1957 ވަނަ އަހަރެވެ. ދުނިޔޭގެ ބުރު "އެއް ދުޅައިން އަނެއް ދުޅައަށް" ބަދަލުވުމުގެ ކޮޅުމަތި ފެންނަ ފަދައެވެ. އަލް ޢުދުވާނުއް ޘަލާޘީ ނުވަތަ ޢަރަބީންނާއި އިސްރާއީލޭ ކިޔާ ޖަމާޢަތުގެ "ދެވަނަ ބޮޑުހަނގުރާމައިގެ" އަހަރެވެ. ސޯވިއެޓް ޔޫނިއަނުން "ސްޕަޓްނިކް 1" އުދުއްސާލައިގެން "ސްޕޭސް އޭޖް" އާއި "ސްޕޭސް ރޭސް" އިފުތިތާޙުކުރި އަހަރެވެ. އޭޝިއަން ފްލޫ ޕެންޑަމިކްގެ ސަބަބުން މުޅި ދުނިޔެއިން އެއްލައްކަ ފަންސާސް ހާސް މީހުން މަރުވި އަހަރެވެ. އަލްޓްރާ ސައުންޑް ބޭނުންކޮށްގެން އިންސާނާގެ ހަށިގަނޑުގެ އެތެރޭގެ ހަރަކާތްތައް ބަލަން ފެއްޓި އަހަރެވެ. އެލްވިސް ޕްރެސްލީގެ މަޝްހޫރު ލަވަ، "ޖެއިލްހައުސް ރޮކް" ނެރުނު އަހަރެވެ. އިބްރާހިމް ނާސިރު ދިވެހިންގެ ބޮޑުވަޒީރެއް ކަމަށް ޢައްޔަންކުރެއްވީ އެ އަހަރުގެ ޑިސެންބަރު މަހުގައެވެ. ޖަމީލް ދީދީގެ ރަމްޒީ ވާހަކައެއް ކަމުގައިވާ "މިނިވަން ޚިޔާލުގެ ވާހަކަ" ވިޔަފާރި މިއަދުގެ އެއްވަނަ އަހަރީ ނަންބަރުގައި ޝާއިޢުކުރެއްވީ އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ނިކުތް ޢަދަދުގައެވެ.

އެއީ "ވާދީ އަލްޖަހާލާ" ނުވަތަ ޖާހިލުކަމުގެ ވާދީގެ ވާހަކައެވެ. އެތައް ހާސް އަހަރެއް ވަންދެން، މާޒީގެ ނިވާފަތްގަނޑުގައި ދިރިއުޅުނު "މުސްކުޅީންގެ" ގޮށްމުށުގެ ބާރުން ހިންގަމުންދިޔަ ކުޑަކުޑަ ވެރިކަމެއްގެ ވާހަކައެވެ. މުސްތަޤުބަލާއި، ތަރައްޤީ އާއި ޒަމާނަށް އަންނަ ބަދަލުތަކަށް އެ ވާދީގެ ރަށްވެހިން ބީރައްޓެއްސެވެ. އެ ވާދީން ބޭރަކީ އެ މީހުންނަށް މަނާ ތަނެކެވެ. މި "މުސްކުޅީންގެ" ބަހާ ދެކޮޅުވާ ކޮންމެ މީހެއް "އިންސާފުގެ" ކުރިމަތީ އިނދަޖައްސާލައެވެ. ޖާހިލިއްޔަތުގެ ކަނުކަމުގެ ލައްޒަތުގައި، އެކަހެރި ކަމަށް ވެސް ފުދިގެން މިބައިމީހުން ދިރިއުޅެމުން ދަނިކޮށް، އެ ވާދީން ފިލައިގެން ގޮސް، ދުނިޔެ ދެކެ ތަޖުރިބާކޮށްފައިހުރި މީހަކު އެނބުރި އާދެއެވެ. އަދި އޭނާގެ މައްޗަށް ނިޔާ އިއްވަން އުޅުނު މައިދާނުގައި ވާދީގެ ބޭރުގައި ދުނިޔެ ބަދަލުވެ، އެ ދުނިޔެއިން ފެންނާން ހުރި ތަރައްޤީ އާއި އުފާވެރިކަން ސިފަކޮށްދެއެވެ. އަދި ވާދީން ނިކުމެގެން ދާއިރު މަގުދައްކައިދޭނޭ އާރުކާޓީކަމުގައި ތިމަންނާ ވާނޭކަމަށް ބުނެތްޕެވެ. އެހެންނަމަވެސް "މުސްކުޅީން"ގެ ޤާނޫނު އޭނާއަށް ވުރެ މާ ބާރުގަދައެވެ. އޭނާއަށް ކަނޑައެޅި އުޤޫބާތަކީ ރަޖަމުކޮށް މެރުމެވެ. އޭނާގެ މައްޗަށް އަދަބު ތަންފީޒުކޮށް އޭނާ މަރުވެދިޔަތާ ދުވަސްތަކެއް ފަހުން، އެއްކަލަ ވާދީއަށް ދިރުންދޭ ކޯރުގެ ފެން ހިނދިއްޖެއެވެ. ތަދުމަޑުކަން އިތުރުވެއްޖެއެވެ. އެކަހެރިކަމުގައި ތިބެގެން ދެން ވާކަށް ނެތްކަން ވިސްނި، ހުރިހާ ޢުމުރެއްގެ މީހުން ވާދީ ދޫކޮށް ދާން މަސައްކަތް ފަށަތްޕެވެ. އެހެން ނަމަވެސް، އެއްކަލަ "އާރުކާޓީ"ގެ އެހީއެއް ނެތި، ވާދީން ނިކުންނަށް އޭނާ ކިޔައިދިން މަގު އެމީހުންނަށް ހަނދާނެއް ނުވިއެވެ. ދަތިތަކާ ކުރިމަތިލާންޖެހުނެވެ. ރާސްތާ ދިގުލައިގެންދިޔައެވެ. އެހެންނަމަވެސް އޭނާ އެ ބުނި ފާގަތިކަމާއި ތިޔާގިކަމުގެ ދުނިޔެއަށް ދެވިއްޖެއެވެ. އެހިނދު މި މީހުން އޭނާ އަކީ ޝަހީދެއް ކަމަށް، ބަޠަލެއް ކަމަށް ބަލައި އެ ޢިއްޒަތްތައް އޭނާއަށް އަރުވައިފިއެވެ. އޭނާގެ އަގު ވަޒަންކޮށްފިއެވެ.

މިއީ ކުރު ޚުލާސާއެކެވެ. އެހެން ނަމަވެސް ޖަމީލް ދީދީގެ ލިޔުމަކީ "ރަމްޒީ ވާހަކައިގެ" ނުވަތަ ސިމްބޮލިކް ޕްރޯސްގެ ލާމަސީލު މިސާލެކެވެ. ލިޔުންތެރިޔާ ވިދާޅުވާން ބޭނުންވާ ވާހަކަތައް ނުސީދާ ގޮތެއްގައި ވަންހަނާ ކުރައްވަނީ ނަންތަކާއި، ހާދިސާތަކާއި ސިފަކުރުންތަކުގައެވެ. ކުޑަކުޑަ މިސާލެއްގެ ގޮތުން، ވާހަކައިގެ ފެށުމުގައި ޖާހިލުންގެ ވާދީ ސިފަކުރައްވާފައިވާ ގޮތް އަޅުގަނޑާއެކު ވިދާޅުވެލައްވަން ހިންގަވާށެވެ.

"ވާދީގެ ވަށައިގެން ހަތަރުފަރާތުން އުޑަށް ސަލާމްގޮވޭ ހިސާބަށް އުސްވެފައިވަނީ، ބޮޑެތި ހިލަ ފަރުބަދަތަކެވެ. މާޒީގެ ފަރުބަދަތަކުގެ މަތީގައިވާ މަންބަޢުއަކުން ދެމިގެން ވާދީގެ މެދުން، ވަރަށް ހަނި މަގަކުން އެދާ ފެންކޯރަކީ މަޢުރިފާގެ ކޯރެވެ. އެ ކޯރުގެ ފެންގަނޑު ގޮސް އޮހެނީ، މުސްތަޤުބަލުގެ ޚަބަރު ނޭނގޭ ފުންކަނޑަކަށެވެ."

ބޭރު ދުނިޔެއަށް ވާދީ ފޮރުވޭ ފަދަ އުސް ފަރުބަދަތަކެކެވެ. ފަރުބަދަ ޢާއްމު ގޮތެއްގައި ރަމްޒުކޮށްދޭ އެއްކަމަކީ ނުގުޑާ ފަދަ ވަރުގަދަ ކަމެވެ. ދެވަނަ ކަމަކީ ދިގު ޢުމުރެވެ. މިވާހަކައިގައި ޖަމީލްދީދީ ވިދާޅުވާ "ތަންދޮރުދަންނަ މުސްކުޅީން" ކިޔަވައިދޭން އެ ގެންގުޅޭކަމަށްވާ އެއްހާސް އަހަރު ކުރީގެ ފޮތްތަކާއި، ޖާހިލިއްޔަ ޤާނޫނުތަކާއި ޤަބޫލުކުރުންތައް މި އުސް ފަރުބަދަތަކުން ސިފަނުވޭތޯއެވެ. އެ ވާދީގެ އަހުލުވެރިން ދުނިޔޭގެ އެހެން ހުރިހާ ކަމަކުން ފަރުދާ ކުރަނީ އެ އުޞޫލުތަކާއި ޤާނޫނުތަކެވެ. އެ ވާދީގައި ދެމޭ ކޯރުގެ މަންބަޢު ނުވަތަ މަސްދަރު އެ ވަނީ "މާޒީގެ ފަރުބަދަތަކުގެ މަތީގައި" އެވެ. އެ ފަދަ ޒަމާންވީ މަސްދަރަކުން ދެމޭ ކޯރު މި ދެމެނީ ހަނި މަގަކުންނެވެ. އެ ހަނިމަގު އެ ރަމްޒުކޮށްދެނީ އެ ފަދަ އަސާސްތަކެއްގައި ދެމި ތިބޭ ބައެއްގެ ވިސްނުމުގެ ހަނިކަން ކަމަށް ވެދާނެހެއްޔެވެ؟ އެފަދަ ހަނި ކޯރެއް މި ގޮސް އޮހެނީ މުސްތަޤުބަލުގެ ޚަބަރެއްވެސް ނޭނގޭ ފުން ކަނޑަކަށެވެ. މުސްކުޅިވެ ބާވެފައިވާ ޢިލްމެއްގެ ނިވަލުގައި ތިބެ ވިސްނުން ހަނިވެފައިވާ މި އާބާދީއަށް މުސްތަޤުބަލުގެ ހިޔަނިވެސް ވާނެހެއްޔެވެ؟ އެ ރަމްޒީ ސިފަކުރުމުން، މި ފަދަ އެތައް މާނައެއް ނަގާނޭ ފުރުޞަތު ލިބެއެވެ.

ސިމްބޮލިކް ޕްރޯސް ވަރަށް ގިނަ ޙާލަތްތަކުގައި ބިނާކޮށްފައި އޮންނަނީ ތާރީޚުގައި ހިނގައިދިޔަ ހާދިސާއެއްގެ މައްޗަށެވެ. ޖަމީލް ދީދީގެ މި ކުރު ވާހަކައަކީ، ޖޯޖް އޯވެލްގެ "އެނިމަލް ފާމް" ފަދަ، ޗާލްސް ޑިކަންސްގެ "އަ ޓޭލް އޮފް ޓޫ ސިޓީސް" ފަދަ ސީދާ އެއްގޮތް ހާދިސާތައް ދައްކަން ފަސޭހަ ކުރުވާހަކައަކަށް ނުވުން އެކަށީގެންވެއެވެ. އެހެން ނަމަވެސް، މިވާހަކަ ލިޔުނު ތާރީޚާއި، ޖަމީލް ދީދީގެ ޙަޔާތުގައި އެހާތަނަށް ރާއްޖެ ދުށް ކަންތައްތަކަށް ރިޢާޔަތްކުރާއިރު، ކޮންމެވެސް ވަރަކަށް އެ ރަމްޒުތައް ތާރީޚާ ގުޅުވާލަން، މަޖުބޫރުކުރުވައެވެ.

މޮޓަރުބޯޓު ގަޑުބަޑުގެ ވާހަކައެވެ. ފުރަތަމަ ޤާނޫނު އަސާސީގެ ޙަޤީޤީ މޭސްތިރިންކަމުގައި ބެލެވެނީ ތަޢުލީމަށް ތާއީދު ނެތް ޒަމާނެއްގައި ބޭރު ޤައުމުތަކަށް ގޮސް ތަޢުލީމު އުނގެނި، ދުނިޔެއަށް ލޯހުޅުވުމުގެ ފުރުޞަތު ލިބުނު ދިވެހިންތަކެކެވެ. ފިއްތުންތަކަށް ކެތް ނުވެގެން ޤާނޫނު އަސާސީގެ ޚިޔާލަށް ރަދުން ތާއީދުކުރެއްވީ އެ ޤާނޫނު އަސާސީން ރަދުންނާއި ރަސްކަމުގެ ބާރުތައް ބަހާލައި، ނުފޫޒު ކުޑަވެގެން ދާނޭ މިންވަރު ފަހުމުވެވަޑައިނުގެން ކަމަށް ބުނެވެއެވެ. ނަތީޖާއަކީ ޤާނޫނު އަސާސީ ހަވަރަށް ދޭން މެދުވެރިވެ، ދުސްތޫރީ ސަރުކާރުގެ ލީޑަރުން، މޮޓަރުބޯޓެއްގައި ކޮޅުނބަށް ފޮނުވާލުމެވެ. އޭރު ބަދުނާމުވެފައި ތިބި މީހުންނެވެ. ފަހުން ދިވެހި ޤާނޫނީ ތާރީޚުގައި ރަން އަކުރުން ފެވޭ ނަންނަމެވެ.

ނަވާރަ ސަތޭކަ ބައްތިރީސް ވަނަ އަހަރެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ އުފަންވިއެވެ. "މޮޓަރުބޯޓު ގަޑުބަޑު" މިފޮތުގެ މުޤައްދިމާގައި އަލްއުސްތާޛު އިބްރާހިމް ޝިހާބު ލިޔުއްވާފައިވެއެވެ.

"އަދިވެސް ތަކުރާރުކޮށް ދަންނަވަމެވެ. އަޅުގަޑުގެ ނަޟަރުގައި "މޮޓަރުބޯޓު ގަޑުބަޑު" އަކީ ޠަބަޢީ ގޮތުންވެސް ހިގަންވީކަމެކެވެ. އެހިގުމުގެ ސަބަބުން ލިބުނު މާއްދީ ބައެއް ގެއްލުމަށްވުރެ، އޭގެ ނަތީޖާއެއްގެ ގޮތުން ލިބުނު ފައިދާތައް މާ ބޮޑު އިންޤިލާބެއްމެއެވެ. އަޅުގަޑުގެ ނަޟަރުގައި މޮޓަރުބޯޓުގަޑުބަޑުގެ އަބްޠާލުންނަކީ، ދިވެހި ޤާނޫނީ ޙަޔާތުގެ މުއައްސަސުންނެވެ. ކޮންމެ އުއްމަތެއްވެސް ޙަޔާތުގެ މައިދާނަށް ނިކުންނާނީ އެތަކެއްފަހަރު އަރިއަޅާލައި އެތަކެއް ފަހަރު ވެއްޓުމަށްފަހުގައެވެ. މިގޮތުން މުޙައްމަދު އިސްމާޢިލް ދީދީމެންގެ ޕާޓީ ވެވަޑައިގަތް ޤުރުބާނީއަކީ، އަޅުގަޑުމެންނާއި މާދަމާގެ ދަރިންނަށް ޢިބުރަތުން ފުރިގެންވާ ފިލާވަޅެކެވެ."

މުޙައްމަދު އިސްމާޢިލްދީދީ ލަންކާގައި ހުންނަވަނިކޮށް، ދިވެހިރާއްޖެއަށް އައި އިތުރު ސިޔާސީ "އިންޤިލާބެއްގެ" ވާހަކަ އިވިވަޑައިގަތުމުން، "މޮޓަރުބޯޓު ގަޑުބަޑު" މި މުހިއްމު ފޮތުގައި ނުވަތަ "ޖަރނަލް"ގައި އެމަނިކުފާނު ލިޔުއްވި ލިޔުންކޮޅެއް މިތާ ނަކަލުކޮށްލާނަމެވެ.

"މިދިޔަ އަހަރުގެ ރަޖަބު މަހު، 20 ވަނަ ދުވަހު ރާއްޖޭގެ ޤާނޫނު އަސާސީ ވީދާލާފައި އެއްވެސް އިންޞާފަކާއި ހަމައެއްނެތި ހަޅޭފަޅޭލައި ރަށުގެ މާތް މީހުންގެ ގެދޮރަށް ވަދެ، ތަޅާ ސުންނާފަތިކޮށް، އަނެއްބައި މީހުން ރަށުން ފައްސައިނަގާލާފައި، ރަދުންގެ ފަހަތްޕުޅުންދިޔަ ރައްޔިތުން، މިއަދު ހަމަ އެ ރަދުން އެއްލާލާފައި، ޤާނޫނު އަސާސީއަށް މި އެބުރެނީ ކީއްވެގެންބާވައެވެ. މިއީ ކޮންމެއަކަސް ފަސޭހައިން ފިލާނޭ އަރަތެއް ނޫނެވެ."

ތާރީޚުގެ އެހެން ބާބެކެވެ. "މިނިވަން ޚިޔާލުގެ ވާހަކަ" މި ލިޔުމުގައި ޖަހާލަތުގެ ވާދީން ނިކުމެ ދުނިޔެއަށް ލޯހުޅުވި، އެ ދުނިޔެއަށް އޭނާ އާ އެކު ދާން "ފަރުބަދަމަތިން އައި ކަލޭގެ" ދިން ދަޢުވަތަކީ ދިވެހި ފުރަތަމަ ޖުމުހޫރިއްޔާއަށް ކުރައްވާ އިޝާރާތަކަށް ވެދާނޭބާވައެވެ؟ ފަރުބަދަމަތިން އައި ކަލޭގެ އެ ރަމްޒުކުރަނީ ފުރަތަމަ ޖުމުހޫރިއްޔާގެ ރައީސްބާވައެވެ. އޭނާގެ ދަޢުވަތާ ނުޤަބޫލުވެ، އޭނާ ރަޖަމުކޮށް، އޭނާ މަރާލުމަށް "މުސްކުޅީން" ކަނޑައަޅައެވެ. އަދި އޭނާ މަރުވެ ދިޔަތާ އެތައް ދުވަހެއް ފަހުން، އޭނާ އަކީ އެ ވާދީއަށް "މަންޒިލް މަޤްޞޫދު" ދައްކައިދިން ބަޠަލުކަމުގައި ކަނޑައަޅައެވެ. ޖަމީލް ދީދީ އެ ކުރުވާހަކައިގައި ލިޔުއްވާފައިވެއެވެ.

"ވާދީ އަލްޖަހާލާގެ އަހުލުވެރީން އަލުން އާ ދުނިޔެއެއްގައި އަލުން އާ ޙަޔާތެއްގެ ޢިމާރާތް އާރާސްތުކުރަމުންދާއިރު ފަރުބަދަމަތިން އައި ކަލޭގެމަތީން ހަނދާން ނެތުނީއަކީއެއްނޫނެވެ. އޭނާގެ ހަނދާން އައުކުރާންޖެހިއްޖެއެވެ. ޝަހީދެއްގެ ދަރަޖަ އޭނާއަށް ދޭން ޖެހިއްޖެއެވެ. ޤައުމު ސަލާމަތްކުރުމުގެ މަގުދެއްކި މީހަކީ، އޭނާކަމުގައި ބަލާންޖެހިއްޖެއެވެ. ފަރުބަދަމަތިން އޭނާގެ ކަށިތައް ހޮވައިގެން، ގެންނާނެބަޔަކުގޮސް ބެލިއިރު މިނިކާ ސޫފިތަކުގެ ކާނާއެއްކަމުގައި އެކަށިތައްވެސް ވެގެން ހިނގައްޖެއެވެ. ނަމަވެސް އޭނާގެ ހަނދާން ދެމެހެއްޓުމުގެ ގޮތުން ހިލައިން މަހާނައެއް ހަދައި އޭނާގެ ނަމާއި ތާރީޚު ލިޔެ ޒަމާނަށް ދެމިހުންނަނިވި ހެއްކެއްގެ ގޮތުގައި ބަހައްޓައިފޫއެވެ."

މުޙައްމަދު އަމީން ދީދީ އަވަހާރަވީ 1954 ވަނަ އަހަރުގައެވެ. ގާފަރަށް އަރުވާލާފައި ހުންނަވަނިކޮށް އާލާސްކަންފެއްގައި ވިހަމަނާފުށީގައި ހުންނަވަނިކޮށެވެ. މިއަދު އެ ތަނުގައި އަމީންދީދީގެ މަހާނަ، ފަތުރުވެރިންނަށް ދެއްކޭނޭހެން ފާހަގަކޮށް، ހިމާޔަތްކޮށްފައި ހުރެއެވެ.

ރަމްޒީ ވާހަކައެއްގައި؛ ޚާއްޞަކޮށް، އެ ވާހަކަ ސިޔާސީ މައިދާނާ ގުޅޭނަމަ، އެ ވާހަކައިގެ ޝިޢާރު ބަލެއް ނުވެއެވެ. ދުނިޔޭގައި އަބަދުވެސް ކަންކަންވާ ޠަބަޢީ އުސޫލުގެ މަތީން، ކަން ހިނގަމުންދާއިރު، އިންޤިލާބުތަކާއި، ޙައްޤަށް އަޑު އުފުލުމާއި، އިންޤިލާބީ ރޫޙުގައި ވެވޭ ޤުރުބާނީ އާއި، އެއްބައެއްގެ ކުރިމަތީގައި ބަޠަލުން އަނެއްބައެއްގެ ކުރިމަތީ ޚާއިނުންނަށް ވާ ވުން، ތަކުރާރުވަމުންދެއެވެ.

ނަވާރަ ސަތޭކަ ނުވަދިހައިގެ އަހަރުތަކާއި 2000ގެ އަހަރުތަކަށް ބެލި ނަމަވެސް މި ވާހަކައިގައި ޖަމީލް ދީދީ ވިދާޅުވާ ޝިޢާރުތައް ފެންނާން އެބަހުއްޓެވެ. 1985 ވަނަ އަހަރުގެ ފަތްތޫރަ މަޖައްލާގެ 70 ވަނަ ޢަދަދުގައި "ވެދިޔަތަނާއި އަންނާން އޮތްތަން" މި މަޒުމޫނުގައި ޖަމީލް ދީދީ ސުވާލުކުރައްވާފައިވެއެވެ.

"ހަމައެކަނި ވެދިޔަތަނަށް ބަލައި، އެތަނުގެ މޮޅުކަމާއި ރީތިކަމުގެ ވާހަކައިގެތެރެއަށް ގެނބި ގެއްލިފައި ތިބޭންވެދާނެތޯއެވެ؟"

އަދަބިއްޔާތު ދިރާސާކުރުން ދޭ މިނިވަންކަމަކީ މިއީއެވެ. އިއްޔެގެ އަދީބެއްގެ އިއްޔެގެ ޚިޔާލަކަށް މިއަދުގެ ލޯގަނޑެއް ދިއްކޮށްލައިގެން، އިންސާނީ، ތަބަޢީ ލެނބުންތައް ދެނެގަތުމުގެ ފުރުޞަތާއި މިނިވަންކަމެވެ. "މިނިވަން ޚިޔާލުގެ ވާހަކަ" މިވާހަކައިގައި އެ ވިދާޅުވާ ހާދިސާތަކާއި ޝަޚުޞިއްޔަތުތައް މިއަދު ސިޔާސީ މައިދާނުގައި ހަރަކާތްތެރިވަމުންދާ ބައެއް ލީޑަރުންގެ ސިޔާސީ ކެރިއަރ ސިފަކުރުމަށްވެސް ބޭނުންކުރާނޭ ފުރުޞަތު، ލިޔުންތެރިޔާ ދެއްވައެވެ. ޤައުމެއްގެ ޙަޔާތުގައި ޖާހިލުކަމުގެ ވާދީއެއްގައި ރައްޔިތުން ވާ ކޮންމެ ޙާލަތެއްގައިމެ، ބަދަލަކަށް ވަކާލާތުކުރާ މީހާއާ މެދު ސުވާލު އުފެއްދުމަކީ އިންސާނުންގެ ޠަބިއްޔަތެވެ. އަދި ފަހުން، މާ ފަހުން، އޭނާގެ އަގުވަޒަންކުރުމަކީވެސް އިންސާނީ ޠަބިއްޔަތެވެ. ސިޔާސީ މައިދާން ދިރި ދެމިއޮންނަނީ، އިންސާނީ ޠަބިއްޔަތުގައި ހުރި މި ސިފައަކީ "ދަރު"ކަމުގައި ދެނެގެންނެވެ.