2 ޖޫން 2022 - 02:06 0
ލަނޑު ޖެހުމަށް ފަހު ޔޫކްރެއިންގެ ޔަރެމްޗުކް (ކ) އުފާފާޅުކުރަނީ،--- ފޮޓޯ: އޭއެފްޕީ
2 ޖޫން 2022 - 02:06 0
ގްލާސްގޯ، ސްކޮޓްލެންޑް (ޖޫން 1) - ސްކޮޓްލެންޑް އަތުން 3-1 އިން މޮޅުވެ، ޔޫކްރެއިނުން ގަތަރުގައި މި އަހަރު ފަހުކޮޅުގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވާން ޔޫރަޕްގެ ޕްލޭއޮފް ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
މި މެޗަކީ އެންމެ ފުރަތަމަ މިދިޔަ މާޗް މަހު ކުޅެން ހަމަޖެހުނު މެޗެކެވެ. އެކަަމަކު، ފެބްރުއަރީ މަހުން ފެށިގެން ރަޝިއާ އިން ޔޫކްރެއިނަށް އަރައި، ހަނގުރާމަ ކުރަމުންދާތީ، ފީފާ އިން ނިންމީ މި މެޗު މި ރެ އަށް ފަސްކުރާށެވެ. ޔޫކްރެއިނުން މިރޭގެ މެޗަށް ނުކުތްއިރު، އެ ޓީމުގެ ކޮންމެ ކުޅުންތެރިއަކު ވެސް ނުކުތީ، ޔޫކްރެއިންގެ ދިދަ ގައިގައި އޮޅާލައިގެންނެވެ.
ސްކޮޓްލެންޑްގެ މަޝްހޫރު ހެމްޕްޑެން ޕާކުގައި މިރޭ ކުޅުނު މެޗުގައި ޔޫކްރެއިން އިން ފުރަތަމަ ހާފުގައި ލީޑުނެގި އެވެ. އެ ޓީމުގެ ގޯލު ޖެހީ މެޗުގެ 33 ވަނަ މިނިޓްގައި ތަޖުރިބާކާރު ފޯވާޑް، އެންޑީ ޔާމޮލަންކޯ އެވެ.
ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަތަރު މިނިޓް ތެރޭ ޔޫކްރެއިނުން ދެ ވަނަ ގޯލެއް ޖެހި އެވެ. މި ލަނޑު ޖެހީ ބެންފީކާ އަށް ކުޅޭ ހުނަރުވެރި ފޯވާޑް، ރޯމަން ޔަރެމްޗުކް އެވެ. ސްކޮޓްލެންޑްގެ ޑިފެންޑަރުންނަށް ޔަރެމްޗުކްގެ އެޓޭކް ހުއްޓުވޭގޮތެއްނުވި އެވެ.
ދެ ގޯލު ފަހަތަށް ދިޔަ ނަމަވެސް ސްކޮޓްލެންޑުން މެޗުގެ ތެރެއަށް ވަދެވޭތޯ ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެ ގޮތުން ލަނޑެއް ޖަަހަން ކުރި މަސައްކަތް މެޗުގެ 79 ވަނަ މިނިޓްގައި ކާމިޔާބުކުރި އެވެ، މި ގޯލު ޖެހީ ކަލުމް މެކްގްރެގާ އެެވެ. އިތުރު 10 މިނިޓް ދެ ވަނަ ގޯލެއް ޖަހަން ސްކޮޓްލެންޑަށް އޮތް ނަމަވެސް ދެ ވަނަ ގޯލެއް ނުޖެހުނެވެ.
މެޗުގެ އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި ޔޫކްރެއިނުން އިތުރު ގޯލެއް ޖަހައި، މެޗުން މޮޅުވި އެވެ. މި ގޯލު ޖެހީ ބަދަލަކަށް ކުޅެން އެރި އާޓެމް ޑޮވްބީކް އެވެ. ފަހު 15 ވަރަކަށް މިނިޓްގައި ކުޅުނު، ޑޮވްބީކް މި ގޯލު ޖެހީ އޮލެކްސަންޑަ ޒިންޗެންކޯ ދިން ބޯޅައަކުންނެވެ.
މެޗަށް ފަހު ޔޫކްރެއިން ކުޅުންތެރިންނާއި އޮފިޝަލުން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ. ޔޫކްރެއިނުން ވޯލްޑް ކަޕްގެ ޖާގައެއް ހޯދަން އާދިއްތަ ދުވަހުގެރޭ ނުކުންނާނީ ވޭލްސްއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވާ ޓީމެއް ދާނީ ވޯލްޑް ކަޕްގެ ގްރޫޕް ބީ އަށެވެ. އެ ގްރޫޕްގައި މި ވަގުތު އޮތީ އިންގްލެންޑް، އީރާން އަދި އެމެރިކާ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment