31 މޭ 2022 - 12:29 1
މުހައްމަދު ނަސީމް
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަދި ތަރުޖަމާނު އަލީ ނަޒީރު، ހައްޖު ކޯޕަރޭޝަނާ ގުޅިގެން އަދާލަތަށް މީހުން ވައްދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މިއަދު ތުހުމަތުކުރެއްވި.
31 މޭ 2022 - 12:29 1
ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު(މޯޑް)ގެ މަންމަ އާއި ބައްޕަ އަދާލަތު ޕާޓީއަށް ވައްދާފައި ވަނީ "ވަގަށް" ކަމަށާއި އެއީ ހައްޖު ކޯޕަރޭޝަނާ ގުޅިގެން ކޮށްފައިވާ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
މޯޑް މިއަދު "އަދަދު" އަށް ވިދާޅުވީ އޭނާގެ މަންމަ އާއި ބައްޕަ އަދާލަތު ޕާޓީއަށް ވައްދާފައި ވާކަން އެނގިވަޑައިގެންނެވީ އެމްޑީޕީގެ މެމްބަރުންގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ނެތް މެމްބަރުންގެ ލިސްޓް ބެއްލެވި އިރު އެ ލިސްޓްގައި އޮތީމާ ބެއްލެވުމުން ކަމަށެވެ. އަދާލަތު ޕާޓީއަށް ވައްދާފައި ވަނީ މަންމަ އާއި ބައްޕައަށް ނޭނގި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރަނީ އެގޮތަށް އެކަން ކުރީ ހައްޖު ކޯޕަރޭޝަނާއި އަދާލަތު ޕާޓީ ގުޅިގެން ކަމަށް،" މޯޑް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަންމަ އާއި ބައްޕަގެ އައިޑީކާޑްގެ ކޮޕީ އަދާލަތު ޕާޓީއަށް ލިބޭނެ ހަމަ އެކަނި ގޮތަކީ ހައްޖު ކޯޕަރޭޝަނުން އެ ޕާޓީއަށް ކޮޕީ ދިނުމެވެ. މީގެ ދެ އަހަރު ކުރިން ހައްޖު ކޯޕަރޭޝަނުގައި މަންމަ އާއި ބައްޕަ ރަޖިސްޓްރީ ކުރި އިރު އޮންނާނީ އެމްޑީޕީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީހުންނަަށް ނޭނގި ޕާޓީތަކަށް ވެއްދުމުގެ ބޮޑެތި މައްސަލަތަކެއް މިހާރު ވަނީ ފެންމަތިވެފަ އެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި ލިސްޓްކޮށްފައި ނެތްކަން އިއްޔެރޭ ވަނީ އެނގިފަ އެވެ. އޭގެ ތެރެއިން އެެއް ބޭފުޅަކީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) އެވެ. އީސީގެ ދަފްތަރުގައި އޭނާގެ ނަން އޮތީ އެމްއެންޕީގެ މެމްބަރެއްގެ ގޮތުގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment