Advertisement

ކެނެރީގޭ ފާރުގައި "އިންޑިއާ އައުޓް" ޖަހައިފި

31 މޭ 2022 - 12:10 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ކެނެރީގޭ ފާރުގައި "އިންޑިއާ އައުޓް" ޖަހާފައި. އިންޑިއާގެ ހައިކޮމިޝަނަރު ދިރިއުޅުއްވާ ގެކޮޅުގެ ކުރިމަތީގައި ވެސް "އިންޑިއާ އައުޓް" ޖަހާފައިވޭ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ކެނެރީގޭ ފާރުގައި "އިންޑިއާ އައުޓް" ޖަހައިފި

31 މޭ 2022 - 12:10 1

ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ ފާރުގައި ވެސް އިދިކޮޅު ކޯލިޝަނުން އިސްވެ ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭންގެ ސްލޯގަން ސްޕްރޭކޮށްފި އެވެ.

އެ ކެމްޕޭނާ ދެކޮޅަށް އެންމެ ހަރު އަޑުން ވާހަކަ ދައްކަވާ އެއް ބޭފުޅަކީ ރައީސް ނަޝީދެވެ. އެމަނިކުފާނު މިވަގުތު ދިރިއުޅުއްވަނީ މުރައިދޫގޭގަ އެވެ. ނަމަވެސް، އަދިވެސް އެމަނިކުފާނު ކެނެރީގެއަށް ވަޑައިގަންނަވަ އެވެ.

ކެނެރީގެއަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ އޮފީސް ވެސް ހުންނަ ތަނެވެ.

ރޭގެ ވަގުތެއްގައި ކެނެރީގޭގެ ފާރަށް "އިންޑިއާ އައުޓް" ސްޕްރޭ ކުރިއިރު އެކަން އެނގުނީ ހެނދުނު ވަގުތެއްގައި ކުއްޖަކު ފޮޓޯއެއް ނަގާފައި ފޮނުވުމުން ކަމަށް ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު މި ނޫހަށް ވިދާޅުވި އެވެ.

އަދި، ރައީސް ނަޝީދު އެވަގުތު އެގޭގައި ނޫޅުއްވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. އެމަނިކުފާނު އުޅުއްވާ ވަގުތު ގިނަ އަދަދެއްގެ ސެކިއުރިޓީ އޮފިސަރުން އެގޭގައި ތިބޭ ކަމަށާއި އެހެންކަމުން އެފަދަ ކަމެއް އެވަގުތުގައި ނުކުރެވޭނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވޭތޯ ބެލުމަށް މި ނޫހުން ކުރި މަސައްކަތް އަދި ކާމިޔާބުވެފައެއް ނުވެ އެވެ.

ކެނެރީގޭގެ އިތުރުން އިންޑިއާގެ ހައިކޮމިޝަނަރު ދިރިއުޅުއްވާ ގެކޮޅުގެ ކުރިމަތީގައި ވެސް "އިންޑިއާ އައުޓް" ޖަހާފައިވެ އެވެ. އަދި، ރާއްޖޭގެ އެކި ރަށްރަށުގައި ގެންދަނީ އެ ސްލޯގަން ޖަހަމުންނެވެ.

ކެނެރީގެއަކީ ނަޝީދު އުޅުއްވާ ވަގުތުތަކުގައި ސެކިއުރިޓީ ވަރަށް ވަރުގަދަ ސަރަހައްދެކެވެ. އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު އެ މަގުގައި ޕާކް ނުކުރެވޭ ގޮތަށް ވެސް ވަނީ ހަދާފަ އެވެ. އަދި އެމަނިކުފާނު ކެނެރީގެއަށް ވަޑައިގަންނަވާއިރު ނިލޯފަރުމަގު މިހާރު ބަންދު ވެސް ކުރެ އެވެ.

އާންމު ގޮތެއްގައި ސެކިއުރިޓީ ވަރުގަދަ ސަރަހައްދެއްގައި ހުރި ގެޔެއްގެ ފާރަށް "އިންޑިއާ އައުޓް" ސްޕްރޭ ކުރުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް މީހުން ދަނީ ސެކިއުރިޓީއާ މެދު ސުވާލު އުފައްދަމުންނެވެ.

އަދި، އިންޑިއާ ދިފާއުކުރައްވައި އެންމެ ބޮޑަށް ވާހަކަ ދައްކަވާ ރައީސް ނަޝީދުގެ ގެކޮޅުގެ ފާރަށް ސްޕްރޭ ކުރުމަކީ ނުރައްކަލެއްގެ ގޮތަށް ވެސް ދަނީ ސިފަކުރަމުންނެވެ.

"ސިޔާސީ ވެރިކަންގެ ސިޔާސީ ބޭނުމަށް ޓަކައި ދިވެހިން ބާކީވެ، ނިކަމެތި ވާނެ ކަންކަން ނުކުރުމަށް ހުރިހާ ސިޔާސީ ވެރިން ވިސްނަން ވާނެ. އިންޑިއާއާ ދެކޮޅަށް ހިންގާ ކެމްޕެއިނަކީ ދިވެހިންގެ ތާއީދު އޮތް ކަމެއް ނޫން ކަމަށް ސާބިތު ވަނީ އެކަމުގައި ބައިވެރިވާ މީހުންގެ މަދު ކަމުން،" އަބަދުވެސް އިންޑިއާއާއެކު ގާތް ގުޅުމެއް ބާއްވަވާ ނަޝީދު އެންމެފަހުން ވެސް އިދިކޮޅުން ހިންގާ ކެމްޕޭނާ ގުޅިގެން ވިދާޅުވެފައިވެ އެވެ.

"އިންޑިއާ އައުޓް" ކެމްޕެއިނު ރާއްޖޭގައި މަނާކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޭޕްރީލް، 27، ގައި ނެރުއްވި ރިޔާސީ ގަރާރަކުންނެވެ. އޭގެ ފަހުން ފުލުހުން ދިޔައީ "އިންޑިއާ އައުޓް" ބެނާއެއް މާލޭގައި ދެމިޔަސް އެތަކެތި އަތުލަމުންނެވެ.