Advertisement

މާލޭގެ ސުކޫލުތަކުގައި ޓީބީ ބަލި ފެތުރޭ ވާހަކަ ދޮގުކޮށްފި

30 މޭ 2022 - 15:16 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ސީއެޗްއެސްއީގެ ދަރިވަރުންތަކެއް: ސުކޫލުތަކުގައި ޓީބީ ފެތުރެމުން އަންނަ ކަމަށް ބުނާ ވާހަކަ ވަނީ ދޮގުކޮށްފައި-- ފައިލް ފޮޓޯ


މާލޭގެ ސުކޫލުތަކުގައި ޓީބީ ބަލި ފެތުރޭ ވާހަކަ ދޮގުކޮށްފި

30 މޭ 2022 - 15:16 0

މާލޭގެ ބައެއް ސުކޫލުތަކުގައި ޓީބީ ބަލި ފެތުރެމުން އަންނަ ކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަތައް އެޑިއުކޭޝަން މިނިސްޓްރީންނާއި ހެލްތް މިނިސްޓްރީން މިއަދު ދޮގުކޮށްފި އެވެ.

ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ)އާއި މާލޭގެ އިތުރު ޕްރައިވެޓް ދެ ސުކޫލަކުން ޓީބީ ބަލީގެ ކޭސްތަކެއް ފެނިފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ މިއަދު ރިޕޯޓުކޮށްފަ އެވެ.

"އެއީ ދޮގު ވާހަކައެއް، ސުކޫލުތަކުގައި ޓީބީ ފެތުރެމުންނެއް ނުދޭ، އެކަހަލަ އެއްވެސް ރިޕޯޓެއް އަޅުގަނޑުމެންނަށް ލިބިފައެއް ނުވޭ،" އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ މި ނޫހަށް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ހެލްތް މިނިސްޓްރީން ވެސް ވަނީ ޓީބީ އައުޓްބްރޭކެއް ނެތް ކަމަށް ބުނެފަ އެވެ. އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރާއްޖޭގައި ޓީބީ ފެތުރިފައިވޭތޯ ބެލުމަށް އެޗްޕީއޭއާ ގުޅިގެން އެކިއެކި ތަންތަނުގައި ސްކްރީނިން ޕްރޮގްރާމްތައް ކުރިއަށް ގެންދާ ކަމަށެވެ.

ދޭތެރެއިން ދޭތެރެއިން އެކި އުމުރުފުރާގެ މީހުންގެ ފަރާތުން ބަލި ފެންނަ ކަން ފާހަގަކުރައްވާ އޮފިޝަލް ވިދާޅުވީ ރާއްޖޭގައި ޓީބީ ބަލި އަދިވެސް މުޅީން ފިލައިގެން ނުދާ ކަމަށެވެ.

ޓީބީ ނުވަތަ ޓިއުބަކިއުލޯސިސް އަކީ މައިކްރޯބެކްޓީރިއަލް ޓިއުބަކިއުލޯސިސް ކިޔާ ޖަރާސީމަކުން ފެތުރޭ ގައިން ގަޔަށް އަރާ ބައްޔެކެވެ. ކޮންމެ އުމުރެއްގެ މީހަކަށް ވެސް ޖެހިދާނެ ޓީބީ ބަލި އާންމުކޮށް ޖެހެނީ ފުއްޕާމެޔަށެވެ. ނަމަވެސް ގޮހޮރު، މައިބަދަ، ކަށި ފަދަ ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވެސް ޓީބީ ޖެހިދާނެ އެވެ.

ޓީބީ އަކީ ރަނގަޅުކުރެވޭ ބައްޔެއްކަމަށް ވިޔަސް، އެއީ ދުނިޔޭގައި އެންމެ ގަދައަށް ފެތުރި އޭގެ ސަބަބުން އެންމެ ގިނަ މީހުން މަރުވަމުންދާ ބައްޔެވެ. ދެކުނު އޭޝިޔާ ސަރަހައްދަކީ ދުނިޔޭގެ އާބާދީގެ ހަތަރު ބައިކުޅަ އެއްބައި ކަމުގައިވެފައި، ދުނިޔޭގައި ނިސްބަތުން ޓީބީ ޖެހޭ މީހުންގެ އަދަދުގެ 43 ޕަސެންޓު މީހުން ނިސްބަތްވަނީ މި ސަރަހައްދަށެވެ. އެބަލި ޖެހި ރަނގަޅުނުކުރެވޭ މީހުންގެ 3/2 އަކީ ވެސް މި ސަރަހައްދުގެ މީހުންނެވެ.