Advertisement

ފްރެންޗް އޯޕަންގެ ކުއާޓާ ފައިނަލުގައި ނަޑާލާއި ޖޮކޮވިޗްގެ ކުރިމަތިލުމެއް

30 މޭ 2022 - 00:27 1

ކުރިން ކުޅުނު މެޗެއްގެ ތެރެއިން ނަޑާލް (ކ) އާއި ޖޮކޮވިޗް.-- ފޮޓޯ: އޭއެފްޕީ


ފްރެންޗް އޯޕަންގެ ކުއާޓާ ފައިނަލުގައި ނަޑާލާއި ޖޮކޮވިޗްގެ ކުރިމަތިލުމެއް

30 މޭ 2022 - 00:27 1

ޕެރިސް (މެއި 29) - ފްރެންޗް އޯޕަންގެ ކުއާޓާ ފައިނަލުގައި މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ރަފައެލް ނަޑާލާއި ދުނިޔޭގެ ރޭންކިންގެ އެއް ވަނަ، ނޮވަކް ޖޮކޮވިޗް ކުރިމަތިލާން ޖެހިއްޖެ އެވެ.

ތޭރަ ފަހަރު ފްރެންޗް އޯޕަން ކާމިޔާބުކޮށް، 21 ގްރޭންޑް ސްލޭމް ތަށި ހޯދައި ރެކޯޑެއް ގާއިމްކޮށްފައިވާ ނަޑާލް ކުއާޓާ އިން ފުރުސަތު ހޯދީ ކެނަޑާގެ ފެލިކްސް އޯގާ-އަލިއަސީމޭ ފަސް ސެޓު ކުޅެގެން ބަލިކޮށްފަ އެވެ.

މިއީ ފްރެންޗް އޯޕަންގައި ނަޑާލް ކުޅުނު 17 އަހަރު ތެރޭގައި ކުޅުނު 111 މެޗުގެ ތެރެއިން އޭނާ ފަސް ސެޓު ކުޅެން ޖެހުނު ތިން ވަނަ ފަހަރެވެ. އަދި މި ފަހަރުގެ މުބާރާތުގައި ނަޑާލް އަތުން ސެޓެއް ގެއްލުނީ ވެސް މި މެޗުގަ އެވެ. ހަަތަރު ގަޑިއިރާއި 21 މިނިޓުން ނިމުނު މި މެޗުގެ ސެޓުތައް ދިޔައީ 3-6, 6-3, 6-2, 3-6, 6-3 އިންނެވެ.

ޖޮކޮވިޗް ކުއާޓާ ފައިނަލުން ފުރުސަތު ހޯދީ ފޯރިގަދަ މެޗަކަށް ފަހު ޑިއޭގޯ ޝްވާޓްޒްމަން ބަލިކޮށްފަ އެވެ. މީގެ ކުރިން 2020 ވަނަ އަހަރު ސެމީ ފައިނަލުގައި ކުޅުނު ޝްވާޓްޒްމަން ވަނީ ޖޮޮކޮވިޗާ ރަނގަޅު ވާދައެއްކޮށްފަ އެވެ. މިއީ މި ފަހަރުގެ މުބާރާތުގައި ޖޮކޮވިޗްގެ އެންމެ ރަނގަޅު ކުޅުން ފެނުނު މެެޗެވެ. ޖޮކޮވިޗާއި ޝްވާޓްޒްމަންގެ މި މެޗުގެ ސެޓުތައް ދިޔައީ 6-1 6-3 6-3 އިންނެވެ.

އަންނަ އަންގާރަ ދުވަހުގެރޭ ކުޅޭ ނަޑާލާއި ޖޮކޮވިޗްގެ ކުއާޓާ ފައިނަލް މެޗަކީ ފްރެންޗް އޯޕަންގައި މި ދެ ކުޅުންތެރިންގެ 10 ވަނަ މެޗެެވެ. އަދި 2006 ވަނަ އަހަރުގެ ފަހުން މި ދެ ކުޅުންތެރިން ބައްދަލުކުރާނެ 59 ވަނަ މެޗެެވެ.

ޖޮކޮވިޗް ވަނީ ނަޑާލާ ދެކޮޅަށް ކުޅުނު މެޗުތަކުން މިހާތަނަށް 30 މެޗުން މޮޅުވެފަ އެވެ. ނަޑާލް ވަނީ 28 ފަހަރު ޖޮކޮވިޗް ބަލިކޮށްފަ އެވެ. އެކަމަކު، ކްލޭ ކޯޓުގެ ކުރިމަތިލުންތަކަށް ބަލާނަމަ ނަޑާލް 19 މެޗުން މޮޅުވިިއިރު، ޖޮކޮވިޗަށް މޮޅުވެވިފައިވަނީ އަށް މެޗުންނެވެ. އަދި ގްރޭންޑް ސްލޭމް މުބާރާތްތަކުގައި ނަޑާލް 10 މެޗުން މޮޅުވިއިރު، ޖޮކޮވިޗަށް ކުރި ހޯދުނީ ހަތް މެޗުންނެވެ.

މި ފަހަރުގެ ފްރެންޗް އޯޕަންގެ ކުއާޓާ ފައިނަލުން ދެން ފުރުސަތު ހޯދާފައިވަނީ ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް އެވެ. އެއީ ހަތަރު ވަނަ ބުރުގައި ސްޕެއިނުގެ ޒަޕާޓާ މިރާޔޭސް ބަލިކޮށްގެންނެވެ. ބާކީ ތިން ޖާގަ ޔަގީންވާނީ ހަތަރު ވަނަ ބުރުގެ ބާކީ މެޗުތަކަށް ފަހު އެވެ.