Advertisement

ލޯން އެއްބަސްވުމެއްގެ ދަށުން އުމެއިރު ވެލެންސިއާ އަށް

29 މޭ 2022 - 22:33 0

މާޒިޔާގެ މިޑްފީލްޑަރު އުމެއިރު: އޭނާ ސީޒަނުގެ ބާކީ ބައިން ފެންނާނީ ވެލެންސިއާ އިން.


ލޯން އެއްބަސްވުމެއްގެ ދަށުން އުމެއިރު ވެލެންސިއާ އަށް

29 މޭ 2022 - 22:33 0

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅެމުން އައި ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އުމެއިރު ލޯން އެއްބަސްވުމެއްގެ ދަށުން މި ސީޒަނުގެ ނިޔަލަށް ކްލަބް ވެލެންސިއާ އަށް ބަދަލުވެއްޖެ އެވެ.

އުމެއިރު، 33، ވެލެންސިއާ އަށް ބަދަލުވެފައިވާކަން އެ ކްލަބުން ރަސްމީކޮށް އިއުލާނުކޮށްފައިވާއިރު، މާޒިޔާގެ އޮފިޝަލަކު "އަދަދު" އަށް ބުނީ އުމެއިރު ވެލެންސިއާ އަށް ބަދަލުވީ މި ސީޒަނުގެ ނިޔަލަށް ލޯން އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

މިއީ އުމެއިރު ވެލެންސިއާ އަށް ކުޅޭ ފުރަތަމަ ފަހަރެވެ. ވެލެންސިއާ އަކީ ފުރަތަމަ ޑިވިޝަނުގައި އުމެއިރު ކުޅޭ ހަ ވަނަ ކްލަބް އެވެ. މީގެ ކުރިން އުމެއިރު ވަނީ މާޒިޔާގެ އިތުރުން ވިކްޓަރީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ވީބީ އައްޑޫ އެފްސީ އަދި ކްލަބް ގްރީން ސްޓްރީޓްސް އަށް ކުޅެފަ އެވެ.

އުމެއިރު، ކެރިއަރުގައި ތިން ވަނަ ފަހަރަށް މާޒިޔާ އަށް ސޮއިކުރީ 2020 ވަނަ އަހަރުގެ އޮގަސްޓް މަހުގަ އެވެ. އޭގެ ފަހުން އެ ޓީމުގައި ގިނަ މެޗުތަކެއް ކުޅުނު ނަމަވެސް މި ފަހަރު ދިވެހި ޕްރިމިއާ ލީގު ފެށުމުގެ ކުރިން މާޒިޔާގެ ކޯޗުކަމަށް ސާބިއާގެ މިއޮޑްރަގް ޖެސިކް ހަވާލުވި ފަހުން އުމެއިރަށް ކުޅުމުގެ ފުރުސަތު ލިބުނީ ދެ މެޗެއްގަ އެވެ.

އުމެއިރު: މިދިޔަ ސީޒަނުގައި މާޒިޔާގެ ބައެއް މެޗުތަކުގައި ޓީމުގެ ކެޕްޓަންކަން ކޮށްފައިވޭ.--- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


މާޒިޔާ ޓީމުގައި ކްލަބް ބަދަލުކުރަން އުމެއިރު އެދުނީ ކުޅުމުގެ ފުރުސަތު ލިބޭ ޓީމަކަށް ބަދަލުވާށެވެ. މާޒިޔާ އިން މި މަހު ކަލްކަތާގައި ކުރިއަށްދިޔަ އޭއެފްސީ ކަޕްގެ ގްރޫޕް ޑީގެ މެޗުތަކުގައި ވާދަކުރަން ދިޔަ ސްކޮޑުގައި އުމެއިރު ނުހިމެނެ އެވެ.

އޭއެފްސީ ކަޕްގެ މާޒިޔާ ސްކޮޑުގައި އުމެއިރު ޓީމުގައި ނެތުމާ ބެހޭގޮތުން ކުރި ސުވާލަށް މާޒިޔާގެ ކޯޗު ޖެސިކް ބުނީ ކްލަބް ބަދަލުކުރަން ނިންމާފައިވާ އަދި ޓީމާ އެކު ނެތް ކުޅުންތެރިންގެ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށެވެ.

ވިކްޓަރީ ސްޕޯޓްސް ކްލަބުން ޑިފެންޑަރެއްގެ ގޮތުގައި 2006 ވަނަ އަހަރު ކެރިއަރު ފެށި އުމެއިރު، ދެން 2010 ވަނަ އަހަރު ފެނުނީ ވީބީ އައްޑޫ އެފްސީންނެވެ. އޭގެ ޖެހިގެން އައި އަހަރުގައި މާޒިޔާ އަށް ބަދަލުވުމަށް ފަހު، 2012 ވަނަ އަހަރު އަލުން ވިކްޓަރީގައި ކުޅުނެވެ.

އޭގެ ފަހުން ތިން ސީޒަނުގައި ނިއު އަށް ކުޅުމަށް ފަހު 2015 ވަނަ އަހަރު ޕީޕަލްސް ކަޕަށް ފަހު އުމެއިރު ވަނީ މާޒިޔާ އަށް ބަދަލުވެފަ އެވެ. އޭގެ ފަހުން 2019 ވަނަ އަހަރު އުމެއިރު ގްރީން ސްޓްރީޓްސްއާ ގުޅި އެ ޓީމަށް އެއް ސީޒަނުގައި ކުޅެދިނުމަށް ފަހު، ފަހުން މާޒިޔާ އަށް ބަދަލުވީ އެވެ.

މި ސީޒަނުގެ މެޗެއްގެ ތެރެއިން ބެންޖޯ (ވ) އީގަލްސްގެ ހަންނަ ކައިރިން ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ބެންޖޯ ވެލެންސިއާ އަށް

މި ސީޒަނުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން އެ ޓީމަށް މޮޅު ކުުޅުމެއް ދެއްކި ބެންޖޯ ވަނީ ވެލެންސިއާ އަށް ބަދަލުވެފަ އެވެ. މިއީ ބެންޖޯ ވެލެންސިއާ ޖޯޒީގައި ފެންނަ ދެ ވަނަ ފަހަރެވެ. ބެންޖޯ ވަނީ މީގެ ކުރިން 2014-2015 ވަނަ އަހަރު ވެލެންސިއާ އަށް ކުޅެ، އެ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ.

ފުރަތަމަ ޑިވިޝަނުގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިންގެ ތެރޭގައި ބެންޖޯ، 37، ހިމެނޭނެ އެވެ.

ބެންޖޯ ކެރިއަރު ފެށީ 2005 ވަނަ އަހަރު ހުރިއްޔާ އެފްސީންނެވެ. އޭގެ ފަހުން ބެންޖޯ ވަނީ ވީބީ އައްޑޫ އެފްސީ، އީގަލްސް، ނިއު ރޭޑިއަންޓް، މާޒިޔާ އަދި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެފަ އެވެ. އަދި އެންމެ ފަހުން ފެނުނީ ސަސް ޓީމުންނެވެ.

ސަސް އިން މި ފަހަރު ލީގުގައި ކުޅުނު 10 މެޗުގައި ބެންޖޯ ވަނީ އެ ޓީމަށް ތިން ގޯލު ޖަހައިދީފަ އެވެ. ބެންޖޯ ޖެހި ގޯލުތަކަށް ބަލާއިރު، އެއީ މެޗުތަކުން ސަސް މޮޅުކޮށްދޭން ޖަހައިދީފައިވާ ގޯލުތަކެކެވެ.

ދިވެހި ކްލަބްތަކަށް މިރޭ ޓްރާންސްފާ މާކެޓް ބަންދުވާއިރު، ގިނަ ކްލަބްތަކުން އަންނަނީ އާ ކުޅުންތެރިން ޓީމުގައި ހިމަަނަން މަަސައްކަތް ކުރަމުންނެވެ. އެނގިފައިވާ ގޮތުގައި ވެލެންސިއާ އިން ވަނީ ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމުތަކަށް ކުޅެފައިވާ ފުލްބެކް، އަލީ ޝާމިސް (ތޮއްޕޭ)ގެ ސޮއި ވެސް ހޯދައިފަ އެވެ. ތޮއްޕޭ އެންމެ ފަހުން ކުޅެމުން އައީ ކްލަބް ގްރީން ސްޓްރީޓްސް އަށެވެ.