ވ. އަތޮޅު ފެލިދޫގެ އިހްތިސޯސް: ކެޔޮދޫއާ ދެމެދު އޮންނަ ފަޅު ވަނީ ދެ ރަށަށް އެއްވަރަށް ބަހާލާފައި --
ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށްރަށުގެ އިންތައް ނުވަތަ އެ ރަށެއްގެ އިހްތިސޯސް ހިނގާ ސަރަަހައްދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރެއްގެ ދަށުން ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް, އަތޮޅު ކައުންސިލްތަކުގެ އިހްތިސޯސް މިހާތަަނަށް ވެސް ސާފުކޮށް ކަނޑައެޅިފައި ނެތްއިރު, ރަށްރަށުގެ އިހްތިސޯސް މިހާރު އޮތް ގޮތުން އަރާރުވުންތަކެއް ކުރިމަގުގައި އުފެދިދާނެ ކަމުގެ ސިގްނަލް މިވަނީ ދީފަ އެވެ.
ގާނޫނުގައިވާ ގޮތުން, ކޮންމެ ރަށެއްގެ ވެސް އިހްތިސޯސްއަކީ އެ ރަށެއްގެ ބިމުގެ އުރަތުން ފެށިގެން 700 މީޓަރާ ހަމައަށެވެ. އެ ސަރަހައްދުގައި ފަޅެއް ނޫނީ މީހުން ދިރިނޫޅޭ ރަށެއްވާ ނަމަ އެ ތަނެއްގެ އިހްތިސޯސް ހިނގާނީ މީހުން ދިރިއުޅޭ އެ ރަށަކަށެވެ. ނަމަވެސް, ސޮފްޓްވެއާއަކުން މި ރޭޑިއަސް ނަގާއިރު, ކައިރިކައިރީގައި ހުންނަ މީހުން ދިރިއުޅޭ ރަށްރަށުގައި އިހްތިސޯސް ފުށުއަރާ ގޮތްވެ އެވެ. އެފަަދަ ދެ ރަށުގެ މެދަށް ފަޅެއް ވަދެއްޖެ ނަމަ, އެ ފަޅު ދެބައިކޮށް ދެ ރަށަށް ހަމަހަމަކޮށް ބަހާލަން ޖެހެ އެވެ.
"ރާއްޖޭގައި ބޯޑަރު މައްސަލަތައް ކުރިއަށް އޮތް މުސްތަގުބަލުގައި ފެންމަތިވެގެން އައިސްދާނެ, މިހާރު އިހްތިސޯސްތައް ކަނޑައެޅިފައިމިވަނީ އެންމެ މަސްލަހަތު ހުރި ގޮތަށްވުރެ އެ ހިލާފުތައް އުފެދިދާނެ ގޮތަކަށް," ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވިދާޅުވި އެވެ.
ވ. އަތޮޅު ކައުންސިލްގެ ރައީސް މި ކަންބޮޑުވުން ހިފައިގެން އއ. އުކުޅަހުގައި ބާއްވަމުން ގެންދާ "ވިއަވަތި ރާއްޖެ" ކޮންފަރެންސްއަށް ވަޑައިގެންނެވިއިރު, އޭނާ މިހާރު ވަނީ އެކަން ރައީސް ސޯލިހުގެ ސަމާލު ކަމަށް ވެސް ގެނެސް, މުސްތަގުބަލަށްޓަކައި ހައްލެއް ހޯދައިދިނުމަށް އެދިފަ އެވެ.
އިހްތިސޯސީ އަރާރުވުންތައް އުފެދިދާނެ ކަމުގެ މިސާލެއްގެ ގޮތުން, އޭނާ ފުރަތަމަ ވެސް ދެއްކީ ވ. އަތޮޅުގެ އިހްތިސޯސެކެވެ. އެގޮތުން ވ. އަތޮޅުގައި އެއް ވަރިއަކަށް އޮންނަ ތިނަދޫ, ފެލިދޫ އަދި ކެޔޮދޫއާ ދެމެދު އެފަދަ ހިލާފެއް އުފެދިދާނެ ކަމުގެ ބިރު ޝުޖާއުއަށް އެބަ އޮތެވެ. އެ ތިން ރަށް ކައިރިކައިރީގައި އޮތްއިރު ކޮންމެ ދެ ރަށެއްގެ ދެމެދަށް އޮތީ ފަޅެކެވެ.
ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު: އޭނާ ވަނީ އިހްތިސޯސްގެ އަރާރުންތައް އައިސްދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި
ފެލިދޫގެ އިހްތިސޯސް ކަނޑައެޅި 700 މީޓަރުގެ ރޭޑިއަސް ނެގިއިރު, ކެޔޮދޫއާ ހަމައަށް އެ ރޭޑިއަސް އާދެ އެވެ. އެހެންވެ, ސަރުކާރުން ނިންމާފައި އޮތީ އެ ދެ ރަށުގެ ދެމެދަށް އޮތް ފަޅު އެއްވަރަށް ދެބައިކޮށް ދެ ރަށުގެ އިހްތިސޯސް ކަނޑައެޅުމަށެވެ.
"...އެއްވަރަށް ބަހާލާ ހިސާބު މިއީ މުސްތަގުބަލުގައި މައްސަލަ ޖެހޭނެ ހިސާބަކީ, މިސާލަކަށް ފަޅަކީ މުސްތަގުބަލުގައި ހަމަ ރަށް, އެ ބިން ހިއްކައިދާނެ, މިހާރު ވެސް އެ ތަންތަން ތަރައްގީކުރުމަށް ދެ ރަށު މީހުންނަށް އެއް ވިސްނުމެއް ނުވިސްނޭ, އެއް ބަޔަކު ބޭނުންވޭ ފަޅު ތެރޭން އަންނަ ފިނޮޅު މައްޗަށް ދަތުރު ގޮސް އުޅެން, އަނެއް ބަޔަކު ބޭނުން ވަނީ ވެލި ނަގަން, އެހެންވީމަ މިހާރު ވެސް އެ އޮތީ ހިލާފު އުފެދިފައި," ޝުޖާއު އަލީ ވިދާޅުވި އެވެ.
"މިކަމުން ތަޅާފޮޅަން ޖާގަ ލިބޭ, އެއީ މުސްތަގުބަލުގައި ރާއްޖޭގަ ބޯޑާ އިޝޫ އުޅޭނަމަ ފަދަ ހާލްތަތަކަށް މި ހުރީ ޖާގަ ދެވިފައި, އެކަން ބަދަލުކުރާށޭ."
ޝުޖާއު ގަބޫލު ކުރައްވާ ގޮތުގައި, މިކަމުގެ ހައްލަކީ ޕްރެކްޓިކަލްވުމެވެ. ރަށަކަށް އިހްތިސޯސް ކަނޑައަޅަނީ ކަމަށް ބުނުމަށްވުރެ, އެ ރަށަކަށް އެ އިހްތިސޯސްގެ ބޭނުން އެންމެ ރަނގަޅަށް ހިފި, އެންމެ މަސްލަހަތު ހުރި ގޮތެއް ހޯދުމެވެ. އެކަން ކުރެވޭނީ ޝުޖާއު ގަބޫލު ކުރައްވާ ގޮތުގައި, ކޮންމެ ރަށެއްގެ ވެސް ގުދުރަތީ އިންތައް, އެ ރަށެއްގެ އިހްތިސޯސް ކަމުގައި ބެލުމުންނެވެ.
"ހައްލަކީ ރާއްޖެއަކީ ގުދުރަތީ ގޮތުން އުފެދިފައިވާ ރަށްތަކެއް, އިހްތިސޯސް މި ހުންނަނީ ކަނޑައެޅިފައި, ކެޔޮދޫގެ އިހްތިސޯސްއަކީ އެ ރަށުގެ އުރަތުން ފެށިގެން ގޮސް ދެން އޮންނަ ފަޅު ފެށޭ ހިސާބަށް, އެ ހިސާބުން ފެލިދޫގެ އިހްތިސޯސް އެ އޮތީ ނިމިފައި, ދެން ފެށޭނީ އެއް ކަހަލަ ފަޅުގެ އިހްތިސޯސް," ޝުޖާއު ވިދާޅުވި އެވެ.
"އެކި ރަށުގެ އިންތައް ހުންނާނީ އެކި ވަރަށް, އެއީ މައްސަލައެއް ނޫން, އެހެން ރަށަކާ ފުށުނާރާ ޖާގަ އޮތްނަމަ އެންމެ ބޮޑުކޮށް ކަނޑައެޅޭނެ ލިމިޓެއްގެ ގޮތުގައި 700 މީޓަރު ބޭއްވިދާނެ, އެކަމަކު މުސްތަގުބަލުގައި ކޮންފްލިކްޓް އުފެދޭނެ ގޮތްތަކަށް އިހްތިސޯސް ކަނޑައެޅުން ހުއްޓާލަންވީ, އެއަށްފަހު ޖިއޯގްރިފިކް ގޮތުން އެންމެ ކޮންފްލިކްޓް ކުޑަ ގޮތަކަށް އިހްތިސޯސްތައް ކަނޑައެޅޭނެ ގޮތެއް ބަލަންވީ."
ރަށްރަށުގެ އިހްތިސޯސް އޮތް ގޮތުން މައްސަލަތަކެއް އައިސްދާނެ ކަމަށް ވ. އަތޮޅު ކައުންސިލްގެ ރައީސް ގަބޫލުކުރައްވާއިރު, އަތޮޅު ކައުންސިލްތަކުގެ އިހްތިސޯސްތައް ސާފުކޮށް އެނގެން ނެތުމަކީ ވެސް އޭނާގެ ކަންބޮޑުވުމެކެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި, އަތޮޅު ކައުންސިލްގެ އިހްތިސޯސްއަކީ ގުދުރަތީ ގޮތުން އޮންނަ އަތޮޅުގެ ދުނިން ފެށިގެން ވަކި ވަރަކަށް އަޅާފައި, އޭގެ ތެރޭގަ މީހުން ދިރިއުޅޭ ވަކި ރަށަކަށް ނިސްބަތްނުވާ ނުވަތަ ވަކި ކަމަކަށް ކުއްޔަށް ދީފައިފައިވާ ތަނެއްގެ އިހްތިސޯސްއަށް ނާރާ ބަޔަކީ އަތޮޅު ކައުންސިލްގެ އިހްތިސޯސް ކަމުގައި ކަނޑައަޅަން ޖެހެ އެވެ.
އަދި އެ އިހްތިސޯސްގެ ދަށުގައިވާ ތަންތަން ބެލެއްޓުމުގެ ޒިންމާ އަތޮޅު ކައުންސިލާ ހަވާލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ޝުޖާއު ފާހަގަ ކުރެއްވީ ސަރުކާރުން ވާރުވާއަށް ދޫކޮށްފައިވާ ރަށްތައް ވެސް އަތޮޅު ކައުންސިލްގެ ޒިންމާގައި ހިމެނުމަށެވެ.
ކޮންފަރެންސްގައި ރައީސް, ކައުންސިލަރުންނާ ބައްދަލު ކުރައްވަނީ
"މިއަދާ ހިސާބަށް ވެސް ވަރުވާއަށް ދޫކޮށްފައިވާ ރަށްތަކަކީ ބެލެހެއްޓުން އެހެން ބަޔަކާ ހަވާލުކޮށްފައިވާ ތަންތަން, އެކަމަކު ޒަމާނުންސުރެ އެހެން އޮތަސް ކޮން ރަށެއްތޯ އެގޮތަށް ބެލެހެއްޓެނީ, ކިހާ ވަރަކަށްތޯ އެ ރަށްރަށުގެ ހާލަތު އެމީހުންނަށް ބެލެނީ, ވ. އތޮޅުގެ ރަށެއް ގއ. އތޮޅު ހުންނަ މީހަކަށް ވަރުވާއަށް ދިނީމަ އެ ރަށެއްގެ ހާލަތަށް ނޫނީ އެ ރަށެއް ބަލަހައްޓާނެ ގޮތެއް ނޭނގޭ،" ޝުޖާއު ވިދާޅުވި އެވެ.
އޭގެ ބަދަލުގައި އެފަދަ ރަށްތައް ކައުންސިލްގެ ޒިންމާގެ ދަށަށް ގެނައުމުން އެ ރަށްތައް އެންމެ ރަނގަޅަށް ބެހެއްޓި، އޭގެން ފައިދާ ހޯދުމުގެ ފުރުސަތު ވެސް ކައުންސިލަށް ފަހިވެގެންދާނެކަން ޝުޖާއު ފާހަގަކުރެއްވި އެވެ. ޝުޖާއުގެ އިތުރުން ވެސް އެހެން ބައެއް އަތޮޅު ކައުންސިލަރުން މިކަން ކޮންފަރެންސްގައި ހިއްސާކޮށް, އަތޮޅު ކައުންސިލްތަކަށް ސާފު އިހްތިސޯސްއެއް ކަނޑައެޅުމަށް އެދިފައިވެ އެވެ.
އެކަމާ ގުޅިގެން ރައީސް ސޯލިހު ވިދާޅުވި ގޮތުގައި, އެއީ ވިސްނާލަން ޖެހޭ ކަމެކެވެ. އަދި, އެކަމުގައި ގާނޫނީ ހައްލުތަކެއް ބޭނުންވާނަމަ އެކަން ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ކައުންސިލަރުންނަށް ދެއްވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment