Advertisement

ސިޔާސީ ފިއްތުންތަކާ ހެދި އިރާނާ ދެކޮޅަށް ކުޅެން އޮތް މެޗު ކެނަޑާ އިން ކެންސަލްކޮށްފި

27 މޭ 2022 - 13:43 0

ކެނަޑާގެ އަލްފަންސޯ ޑޭވިސް (ކ) ހޮންޑިއުރަސްގެ އެޑްވިން ރޮޑްރިގޭސް ކައިރިން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އޭއެފްޕީ


ސިޔާސީ ފިއްތުންތަކާ ހެދި އިރާނާ ދެކޮޅަށް ކުޅެން އޮތް މެޗު ކެނަޑާ އިން ކެންސަލްކޮށްފި

27 މޭ 2022 - 13:43 0

ވެންކޫވާ، ކެނަޑާ (މެއި 27) - އިރާނާ ދެކޮޅަށް އަންނަ މަހު ކެނަޑާ އިން ކުޅެން ނިންމި ފުޓްބޯޅަ މެޗު، ސިޔާސީ ފިއްތުންތަކާއި ރައްޔިތުންގެ ޕްރެޝަރާ ހެދި ކެންސަލްކޮށްފި އެވެ.

ތިރީސް ހަ އަހަރަށް ފަހު ވޯލްޑް ކަޕަށް ކޮލިފައިވި ކެނަޑާ އިން އަންނަ މަހު ފަސް ވަނަ ދުވަހު ވެންކޫވާ ސްޓޭޑިއަމްގައި އިރާނާ ދެކޮޅަށް ކުޅެން ނިންމި މެޗާ ބެހޭގޮތުން އެންމެ ފުރަތަމަ ނުރުހުން ފާޅުކުރެއްވީ، ކެނަޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އެވެ.

ޓްރޫޑޯ ވިދާޅުވީ ކެނަޑާގެ ފަސްގަނޑުގައި އިރާނާ ދެކޮޅަށް މެޗު ކުޅުމަކީ "ގޯސް ހިޔާލެއް" ކަމަށެވެ.

ޓްރޫޑޯގެ މި ވާހަކަތަކާ އެކު އޭނާ އަށް ތާއީދުކުރާ ގްރޫޕްތަކުން ވަނީ އިރާން މެޗުތަކާ ދެކޮޅަށް ޝުއޫރުފާޅުކުރަން ފަށައިފަ އެވެ. އެކަން އެންމެ ބޮޑަށް އާންމުންގެ ތެރޭގައި ވައިގައި ހިފީ، 2020 ވަނަ އަހަރުގެ ޖެނުއަރީ މަސް ތެރޭގައި އިރާނުން ފުރި ޔޫކްރެއިންގެ ގައުމީ އެއާލައިން ފްލައިޓަކަށް ހަމަލާދީ އެ ފްލައިޓް ވައްޓާލިއިިރު، އެ ހާދިސާގައި މަރުވި ކެނަޑާ ރައްޔިތުންގެ އާއިލާތަކުން މެޗާ ދެކޮޅަށް ބަސްބުނަން ފެށުމުންނެވެ. އެ ފްލައިޓު ވެއްޓި، 176 މީހުން މަރުވިއިރު، އޭގެ ތެރެއިން 85 މީހުންނަކީ ކެެނަޑާ ރައްޔިތުންނެވެ.

މި ހުރިހާ ސަބަބުތަކާ ހުރެ، ކެނަޑާގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އެ މެޗު ކެންސަލްކުރަން ނިންމައިފަ އެވެ. އެ ނިންމުމަށް ކެނަޑާގެ ސަރުކާރުން ވަނީ މަރުހަބާ ކިޔައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ކެނަޑާ އާއި އިރާން ކުޅެން އޮތް މެޗު ސަރުކާރުގެ ފިއްތުންތަކާ އެކު ވެސް ފުރަތަމަ ނިންމީ ކުރިއަށް ގެންދިއުމަށެވެ. އެކަމަކު، ފަހުން ކެނަޑާ މީޑިއާގައި އާންމުވި އެއް ރިޕޯޓަކީ އިރާނުން މެޗު ކުޅެން އަންނަނީ ކެނަޑާ ފުޓްބޯޅަ ފެޑެރޭޝަނުން ޖުމްލަ އެކު، 400،000 ޑޮލަރު ދޭ ގޮތަށް ކަމަށެވެ. މި ހަބަރާ އެކު ކެނަޑާގެ ގިނަ އާންމުން ހިތްހަމަ ނުޖެހުން ފާޅުކުރަން ފެށުމާ އެކު ޕްރެޝަރު ބޮޑުވެ، އެންމެ ފަހުން މެޗު ކެންސަލްކުރަން ނިންމީ އެވެ.