Advertisement

އަލޮންސޯ، ސޮސިއެޑާޑް ބީ ޓީމުގެ ކޯޗުކަން ދޫކޮށްލައިފި

27 މޭ 2022 - 09:42 0


އަލޮންސޯ، ސޮސިއެޑާޑް ބީ ޓީމުގެ ކޯޗުކަން ދޫކޮށްލައިފި

27 މޭ 2022 - 09:42 0

މެޑްރިޑް (މެއި 27) - ރެއާލް ސޮސިއެޑާޑްގެ ބީ ޓީމު، ލަ ރެއާލް ދޫކޮށްލަން އެ ޓީމުގެ ކޯޗުކަމާ ހަވާލުވެހުރި ޒަބީ އަލޮންސޯ ނިންމައިފި އެވެ.

އުމުރުން 40 އަހަރުގެ އަލޮންސޯ، 2017 ވަނަ އަހަރު ފުޓްބޯޅަ ކެރިއަރު ނިންމާލުމަށް ފަހު، ޖެހިގެން އައި އަހަރު ރެއާލް މެޑްރިޑްގެ 14 އަހަރުން ދަށުގެ ޓީމަށް ކޯޗުކޮށްދެމުން، ޔުއެފާގެ އެލީޓް ކޯޗިން ކޯސް ފުރިހަމަކުރި އެެވެ. އެ ފަހަރު، އޭނާ ވަނީ ރެއާލްގެ ޖޫނިއާ ޓީމަށް ލީގު ޗެމްޕިއަންކަން ވެސް ހޯދައިދީފަ އެވެ.

އޭގެ ފަހުން، 2019 ވަނަ އަހަރު ޖުލައި، މަހު ލަ ރެއާލް ކޯޗުކަމާ ހަވާލުވެ، އަލޮންސޯ ވަނީ ފުރަތަމަ ސީޒަނުގައި އެ ޓީމަށް ފަސް ވަނަ ހޯދައިދީފަ އެވެ. ޖެހިގެން އައި ސީޒަނުގައި އެ ޓީމުން ލީގުގެ އެއް ވަނަ ހޯދިއިރު، ލަނޑުގެ ތަފާތު ވެސް އެންމެ ރަނގަޅީ އެ ޓީމުގެ އެވެ.

މިދިޔަ އަހަރު މާޗް މަހު، އަލޮންސޯ، ޖަރުމަނުގެ ބޮރޫޝިއާ މުންޗެންގްލަޑްބެކްގެ ކޯޗުކަމާ ހަވާލުވާން އުޅޭ ކަމަށް މީޑިއާގައި ވާހަކަ ދެކެވުނު ނަމަވެސް އަލޮންސޯ އެންމެ ފަހު ވަގުތު ވަނީ އިތުރު އެއް އަހަރަށް ލަ ރެއާލްއާ އެކު ކޮންޓްރެކްޓް އާ ކޮށްފަ އެވެ.

މި ސީޒަނުގައި ސްޕެއިނުގެ ދެ ވަނަ ޑިވިޝަނުގެ 19 ވަނައިގައި ލަ ރެއާލް ނިންމިއިރު، އަލޮންސޯ ނިންމީ އެ ޓީމު ދޫކޮށްލުމަށް ފަހު އާ ޗެލެންޖެއް ނަގާށެވެ.

އަލޮންސޯ ބުނީ ސޮސިއެޑާޑްގެ ސީނިއާ ޓީމާ ހަވާލުވުމުގެ ވިސްނުމެއް ނެތް ކަމަށާއި އެ ޓީމުގައި ހުރީ ރަނގަޅު ކޯޗެއް ކަމަށެވެ. އަދި ލަ ރެއާލްގައި ހުރެ، ކުރެވުނު މަސައްކަތުގެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ސޮސިއެޑާޑްގެ ސީނިއާ ޓީމުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅަށް ކުޅެވޭނެ ޒުވާން ކުުޅުންތެރިންތަކެއް ތައްޔާރު ކޮށްދެވުން ކަމަށް އަލޮންސޯ ވަނީ ބުނެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ސްޕެއިނާއި ޖަރުމަނު އަދި އިންގްލެންޑްގެ ކްލަބްތަކުން އަލޮންސޯ އަށް ވަނީ ހުށަހެޅުން ލިބިފަ އެވެ.