Advertisement

ލިވަޕޫލާއި ބަޔާނަށް ނޫނެކޭ ބުނެ އަލޮންސޯ ލެވަކޫސަންގައި މަޑުކުރަނީ

29 މާރިޗު 2024 - 14:10 0


ލިވަޕޫލާއި ބަޔާނަށް ނޫނެކޭ ބުނެ އަލޮންސޯ ލެވަކޫސަންގައި މަޑުކުރަނީ

29 މާރިޗު 2024 - 14:10 0

ބާލިން (މާޗް 29) - ލިވަޕޫލާއި ބަޔާން މިއުނިކާ އެކު ކުރަމުން އަންނަ މަޝްވަރާތައް ހުއްޓާލައި، ޒަބީ އަލޮންސޯ އަންނަ ސީޒަނުގައި ވެސް ބަޔާން ލެވަކޫސަންގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ނުވަ އަހަރަށް ފަހު މި ސީޒަން ނިމުމުން އެ ޓީމު ދޫކޮށްލާނެކަން ވަނީ އިއުލާނުކޮށްފަ އެވެ. ބަޔާންގެ ކޯޗަކަށް ހުރި ތޯމަސް ޓުޗެލް މި ސީޒަނަށް ފަހު އެ ޓީމުން ވަކިވާނެކަން އެ ކްލަބުން ވަނީ ހާމަކޮށްފަ އެވެ. ލިވަޕޫލާއި ބަޔާނުން ވެސް ވަނީ އަލޮންސޯ ކޯޗަކަށް ގެންނަން އޮފާކޮށްފަ އެވެ. އެކަމުގެ މަޝްވަރާތައް ވެސް ކުރިއަށްގެންދިޔަ އެވެ.

އެކަމަކު، ޖަރުމަނު މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އަލޮންސޯ މިހާރު ނިންމާފައިވަނީ މަދުވެގެން އެއް ސީޒަނުގައި އަދި ލެވަކޫސަންގައި މަޑުކުރާ ގޮތަށެވެ. އަލޮންސޯ ވަނީ އެކަން ލެވަކޫސަންގެ މެނޭޖްމަންޓަށް ވެސް އަންގައިފަ އެވެ.

އަލޮންސޯގެ މި ނިންމުމާ އެކު، ލިވަޕޫލުން އެހެން ކޯޗުންނާ މަޝްވަރާތައް ފަށަން އަވަސްވެގަނެފައިވާއިރު، ބަޔާނުން އަދިވެސް މި ސީޒަން ނިމުމާ ހަމައަށް އަލޮންސޯއާ އެކު ވާހަކަތައް ކުރިއަށްގެންދެވޭތޯ މަސައްކަތްކުރާނެ ކަމަށް ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ލެވަކޫސަން ކޯޗުކަމަށް 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަމަޖެއްސި އަލޮންސޯ، އެންމެ ފަހުން އެ ޓީމާ އެކު ހެދި ކޮންޓްރެކްޓް އޮތީ، ޖޫން، 2026 ގެ ނިޔަލަށެވެ. ސްކައި ސްޕޯޓްސް ޖާމަނީ އިން ރިޕޯޓްކުރާ ގޮތުގައި، އަލޮންސޯގެ ކޮންޓްރެކްޓް މި ސީޒަނަށް ފަހު އުވާލާނަމަ، އޭނާ ގެންދާ ޓީމަކުން، 27 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ އެވެ. އެކަމަކު، އަންނަ އަހަރުގެ ޖޫން މަހުގެ ފަހުން، ކޮންޓްރެކްޓް އުވާލަން ފީއެއް ނުދައްކައި ވެސް އަލޮންސޯ އަށް އެހެން ޓީމަކަށް ދެވޭނެ އެވެ.

ޖަރުމަނު ލީގުގެ އެއް ވަނައިގައި 10 ޕޮއިންޓުގެ ލީޑަކާ އެކު މި ވަގުތު ލެވަކޫސަން އޮތްއިރު، އެ ޓީމު މި ސީޒަނުގައި އަދި މެޗަކުން ބަލިނުވެ އެވެ. ބަލިނުވެ އެ ޓީމުން 38 މެޗު ފުރިހަމަކޮށްފައިވާއިރު، މިއީ ޖަރުމަނު ފުޓްބޯޅައިގެ ރެކޯޑެކެވެ.