Advertisement

އަލޮންސޯ ގެންދަން މަސައްކަތް ކުރަނީ ބަޔާނާއި ރެއާލް އަދި ލިވަޕޫލުން

22 މާރިޗު 2024 - 15:36 0


އަލޮންސޯ ގެންދަން މަސައްކަތް ކުރަނީ ބަޔާނާއި ރެއާލް އަދި ލިވަޕޫލުން

22 މާރިޗު 2024 - 15:36 0

މިއުނިކް (މާޗު 22) - ބަޔާ ލެވަކޫސަންގެ ކޯޗުގެ މަގާމުގައި ހުރި ސްޕެއިންގެ ޒަބީ އަލޮންސޯ ގެންދަން މަސައްކަތްކުރަނީ ބަޔާން މިއުނިކް އާއި ރެއާލް މެޑްރިޑް އަދި ލިވަޕޫލުން ކަމަށް ބަޔާންގެ އޮނަރަރީ ރައީސް އުލީ ހޯންސް ބުނެފި އެވެ.

ލިވަޕޫލާއި ބަޔާނަށްވެސް ކުރިން ކުޅުނު އަލޮންސޯގެ އިރުޝާދުގެ ދަށުން ލޭވަކޫސަން އޮތީ ޖަރުމަން ލީގު ތާވަލްގެ އެއްވަނައިގައެވެ. އެ ކްލަބުގެ ތާރީހުގައި ފުރަަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން މި ސީޒަންގައި ހޯދުމުގެ ފުރުސަތު ބޮޑެވެ.

މި ސީޒަނަށް ފަހު، ލިވަޕޫލާއި ބަޔާނަށްވެސް އާ ކޯޗުން ބޭނުންވެއެވެ. ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް މި ސީޒަނަށް ފަހު އެ މަގާމުން ވަކިވާނެއެވެ. އަދި މި ސީޒަނަށްފަހު ލިވަޕޫލްގެ ކޯޗުކަމުން ޔާގަން ކްލޮޕްވެސް ވަކިވާނެއެވެ.

"ލިވަޕޫލާއި ރެއާލް މެޑްރިޑާއި ލޭވަކޫސަން އަދި ބަޔާން އިން ދަނީ އެކަމަށް (އަލޮންސޯ ކޯޗަކަށް ހަމަޖައްސަން) މަސައްކަތްކުރަމުން،" ރޭން ސްޕޯޓްއާ ވާހަކަދައްކަމުން ހޯންސް ބުންޏެވެ.

"ބޮޑެތި ކްލަބުތަކުގެ ކޯޗުކަން ކުރެވޭނެކަން އަލޮންސޯ ސާބިތުކޮށްދީފި."

ރެއާލްގެ ކޯޗު ކާލޯ އެންޗަލޮޓީ ވަނީ 2026 ވަނަ އަހަރާ ހަމައަށް ކޮންޓުރެކްޓް އާކޮށްފަ އެވެ. އެކަމަކު، އެންޗަލޮޓީގެ ބަދަލުގައި ރެއާލަށް ކުރިން ކުޅުނު އަލޮންސޯ ގެންނަން އެ ކްލަބުން ޝައުގުވެރިވާ ކަމަށްވެ އެވެ.

އަލޮންސޯ، 42، ލޭވަކޫސަންއާ އެކު ހަދާފައިވާ ކޮންޓުރެކްޓް ހަމަވާނީ 2026 ވަނަ އަހަރެވެ.