Advertisement

"ހައު ޓު މާޑާ ޔޯ ހަޒްބަންޑް" ލިޔުނު މީހާ، ފިރިމީހާ މަރާލިކަން ސާބިތުވެއްޖެ

ނޭންސީ ކްޕެމްޕްޓަން ބްރޯފީ ވަނީ ފިރިމީހާ މަރާލާނެ ގޮތާ ބެހޭ ހިޔާލީ މަޒުމޫނެއް ލިޔެފައި. -- ފޮޓޯ: އޭއެފްޕީ


"ހައު ޓު މާޑާ ޔޯ ހަޒްބަންޑް" ލިޔުނު މީހާ، ފިރިމީހާ މަރާލިކަން ސާބިތުވެއްޖެ

ލޮސް އެންޖެލިސް، އެމެރިކާ (މޭ 26) - "ހައު ޓު މާޑާ ޔޯ ހަޒްބަންޑް" ސުރުހީގައި ހިޔާލި މަޒުމޫނެއް ލިޔުނު އެމެރިކާ ލިޔުންތެރިޔެއްގެ މައްޗަށް އޭނާގެ ފިރިމީހާ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ އެވެ.

ނޭންސީ ކްރެމްޕްޓަން ބްރޯފީއަށް ތުހުމަތު ކުރެވުނީ ފިރިމީހާ ޑެނިއެލް ބްރޯފީގެ ގަޔަށް ބަޑި ޖަހައި މަރާލި ކަމަށެވެ. މައްސަލައިގެ ޝަރީއަތް ކުރިއަށް ދިޔަ ޕޯޓްލޭންޑްގެ ކޯޓުގައި ޖޫރީއިން ގޮތް ނިންމަން ބުދަ ދުވަހު ހޭދަވީ އަށް ގަޑިއިރެވެ.

ޕްރޮސެކިއުޓަރުން ބުނީ ނޭންސީ އޭނާގެ ފިރިމީހާގެ ގަޔަށް ބަޑި ޖެހީ މާލީ ގޮތުން ދަތިތަކެއް ކުރިމަތިވި ދުވަސްވަރު ކަމަށެވެ. ޖޫން 2018 ވަނަ އަހަރު، ޑެނިއެލް މަސައްކަތް ކުރާ ކަލިނަރީ އިންސްޓިޓިއުޓުގައި އޭނާގެ ހިތަށް އަމާޒުކޮށް ދެ ފަހަރު ބަޑި ޖެހި އެވެ.

އުމުރުން 71 އަހަރުގެ ނޭންސީ ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. އޭނާ ބުނީ ކަލިނަރީ އިންސްޓިޓިއުޓްގައި އޭނާ އުޅެނިކޮށް ސީސީޓީވީއަށް އަރާފައި ވަނީ، މަސައްކަތަށް "އިންސްޕިރޭޝަން" ހޯދަން އެ ތަނަށް ގޮސް އުޅެނިކޮށް ކަމަށެވެ.

ހަމަލާގައި ބޭނުން ކުރި ބަޑި ގެއްލިފައިވާ ކަމަށް ފުލުހުން ބުނާ އިރު، ނޭންސީ ބުނީ އެއީ ވާހަކައެއް ލިޔުމުގެ ކުރިން ދިރާސާއަކަށް ގަނެފައި އޮތް ބަޑިއެއް ކަމަށެވެ. ފިރިމީހާ މަރުވުން ލައިފް އިންޝުއަރެންސްގެ ގޮތުގައި ލިބެން އޮތް އެތައް ހާސް ޑޮލަރަކީ، ފިރިމީހާ މަރާލާނެ ސަބަބެއް ނޫން ކަމަށް ވެސް ބުންޏެވެ.

ނޭންސީގެ ވަކީލުން ބުނީ ނިންމުން އިސްތިއުނާފް ކުރާނެ ކަމަށެވެ. ނޭންސީ ލިޔުނު "ރޯންގް ނެވާ ފެލްޓް ސޯ ރައިޓް" ވާހަކަ ސީރީޒްގައި "ދަ ރޯންގް ހަޒްބަންޑް" އަދި "ދަ ރޯންގް ލަވާ" ގެ ނަމުގައި ފޮތްތަކެއް ނެރެފައިވެ އެވެ.

އޭނާގެ ބްލޮގްގައި "ހައު ޓު ކިލް ޔޯ ހަޒްބަންޑް" ނުވަތަ ފިރިމީހާ މަރާލާނެ ގޮތް، އެ ސުރުހީގެ ދަށުން ލިޔުނު ހިޔާލީ މަޒުމޫނު އަދިވެސް ފެންނަން އެބަ ހުއްޓެވެ. އެ ލިޔުމުގައި ވަނީ ފިރިމީހާ މަރާލަން ބޭނުން ނަމަ، ކުރެވިދާނެ ތަފާތު ކަންކަމުގެ ވާހަކަ އެވެ.