Advertisement

ޔާމީންގެ ސިޔާސީ ބޭނުމަކަށް ދިވެހިން ބާކީ ނުކުރަން ނަޝީދު ގޮވާލައްވައިފި

26 މޭ 2022 - 10:22 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ


ޔާމީންގެ ސިޔާސީ ބޭނުމަކަށް ދިވެހިން ބާކީ ނުކުރަން ނަޝީދު ގޮވާލައްވައިފި

26 މޭ 2022 - 10:22 0

ސިޔާސީ ވެރިންގެ ސިޔާސީ ބޭނުންތަކަށް ޓަކައި، ދިވެހިން ބާކީވާ ކަންކަން ނުކުރަން ގޮވާލާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައިގެން ހިންގަވާ "އިންޑިއާ އައުޓް" ކެމްޕެއިނަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރަކުން އިންޑިއާ އައުޓް ގޮވުން ހުއްޓުވާފައިވީ ނަމަވެސް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އަންނަނީ ކޮންމެ ރެއަކު ވެސް މާލޭގެ މައްޗަށް ނުކުމެ އަޑު އުފުލަމުންނެވެ.

"ސިޔާސީ ވެރިކަންގެ ސިޔާސީ ބޭނުމަށް ޓަކައި ދިވެހިން ބާކީވެ، ނިކަމެތި ވާނެ ކަންކަން ނުކުރުމަށް ހުރިހާ ސިޔާސީ ވެރިން ވިސްނަން ވާނެ. އިންޑިއާއާ ދެކޮޅަށް ހިންގާ ކެމްޕެއިނަކީ ދިވެހިންގެ ތާއީދު އޮތް ކަމެއް ނޫން ކަމަށް ސާބިތު ވަނީ އެކަމުގައި ބައިވެރިވާ މީހުންގެ މަދު ކަމުން،" އަބަދުވެސް އިންޑިއާއާއެކު ގާތް ގުޅުމެއް ބާއްވަވާ ނަޝީދު ވިދާޅުވި އެވެ.

އިންޑިއާ ކަނޑުގައި އޮތް ރާއްޖޭގެ ދައުރަކީ ދިވެހިންނަށް އޮޅޭނެ ދައުރެއް ނޫން ކަމަށާއި އިންޑިއާ 'އައުޓް' ކަމަށް ނުބުނެވޭނެ ކަމަށް މީގެ ކުރިން ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.

ނަޝީދުގެ ޓްވީޓާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު މި ނޫހަށް ވިދާޅުވީ އިންޑިއާ އައުޓް ކެމްޕެއިނަށް ތާއީދު ނެތް ކަމަށް ބުނާނެ ޖާގައެއް ނެތް ކަމަށާއި އެ ކަން އަތޮޅުތެރޭގެ ރަށްރަށުގައި ބާއްވާ ހަރަކާތްތަކާއި މާލޭގައި ބާއްވާ ބޮޑެތި މުޒާހަރާތަކުން ހާމަވެގެން ދާ ކަމަށެވެ.

ހީނާ ވަނީ މި ކެމްޕެއިނަށް ތާއީދު ނެތްނަމަ "ސަރުކާރުން އެހާ ޖެހިލުން ވަނީ" ކީއްވެތޯ ސުވާލުކުރައްވާފަ އެވެ.

"ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ އެއްވެ އުޅުމުގެ މިނިވަންކަމާ މި ހުރިހާ ކަންކަމަކަށް ރައީސުލްޖުމްހޫރިއްޔާއަށް ނުނެރެވޭނެ ފަދަ ގަރާރަކުން މިއޮތީ އެކަން ހުއްޓުވަން އަމުރުކޮށްފަ، އެހެންވީމަ އަޅުގަނޑުމެން ނުދެކެން އިންޑިއާ އައުޓަށް ތާއީދު ނެތް ކަމަކަށް. ކޮންމެ ރެއަކު 15 ވަރަކަށް މީހުން މަގުމައްޗަށް ނުކުތަސް 50 އެއްހާ ފުލުހުން އެބަ ނުކުމޭ ކޮންޓްރޯލް ކުރަން،" ހީނާ ވިދާޅުވި އެވެ.

ހީނާ ވިދާޅުވީ ސަރުކާރަށް އޮތީ "އިންޑިއާ އައުޓާ ގުޅިގެން ބިރުވެރިކަން އުފެދިފައި" ކަމަށެވެ.

ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން ހިންގާ އެ ހަަރަކާތް ހުއްޓުވަން ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް އަންގައި، ރައީސް ސޯލިހު ނެރުއްވި ގަރާރަށް ފަހު އެ ހަރަކާތް ހުއްޓުވުމަށް ފުލުހުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، މުޒާހަރާތައް ރޫޅާލައި އެ ހަރަކާތް އިންތިޒާމުކުރާ ކަމަށް ތުހުމަތު ކުރެވޭ ބައެއް މީހުން ވަނީ ހައްޔަރު ވެސް ކޮށްފަ އެވެ.

އެ ގަރާރުގައި ރައީސް ވިދާޅުވެފައި އޮތީ އިންޑިއާ އައުޓް ކެމްޕެއިނަކީ ދިވެހިރާއްޖޭގެ "ސުލުހަ މަސްލަސްކަން ނަގައިލުމުގެ ނިޔަތުގައި" ހިންގާ ކެމްޕެއިނެއް ކަމަށެވެ. އަދި، އެއީ ރާއްޖޭގެ ތަރައްގީ އާއި މި ސަރަހައްދުގެ ހަމަޖެހުމަށް ހުރަސް އެޅުމަށް ކުރާ ކެމްޕެއިނެއް ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.

ނަމަވެސް، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ހުރި ކަންކަމަށް އިންކާރު ކުރެ އެވެ. އެ ކޯލިޝަނުން ވަނީ ރައީސް ނެރުއްވި ގަރާރަކީ ގާނޫނު އަސާސީއާ ހިލާފު އަދި ބާތިލް ގަރާރެއް ކަމުގައި ކަނޑައަޅައިދިނުމަށް ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ.

ރައީސްގެ ރިޔާސީ ގަރާރުން އެއްވެ އުޅުމުގެ މިނިވަންކަން ހަނިވާ ކަމަށް ބުނެ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އެމްނެސްޓީ އިންޓަނޭޝަނަލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޖަމިއްޔާ އިން ވަނީ އެއްވެ އުޅުމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރާއިރު އެ ހާލަތަކަށް ބެލުމަށް ފަހު ގާނޫނުގައި ބުނެފައިވާ ވަރަށް އެކަން ކުރުމަށް ގޮވާލާފަ އެވެ.