Advertisement

މަޖިލީހުގެ މި ދައުރުގައި ސަރުކާރުން ހުށަހަޅާ 22 ބިލުގެ ތެރެއިން އަދި ފޮނުވީ އެންމެ 2 ބިލު

25 މޭ 2022 - 11:10 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގަައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. މަޖިލީހުގެ މިދައުރަށް ސަރުކާރުން ފޮނުވާ ބިލުތަކުގެ ތެރެއިން އަދި ފޮނުވީ އެންމެ ދެ ބިލް. ފޮޓޯ: މަޖިލީހުގެ އިދާރާ


މަޖިލީހުގެ މި ދައުރުގައި ސަރުކާރުން ހުށަހަޅާ 22 ބިލުގެ ތެރެއިން އަދި ފޮނުވީ އެންމެ 2 ބިލު

25 މޭ 2022 - 11:10 0

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރަށް ސަރުކާރުން ޖުމްލަަ 22 ބިލެއް ހުށަހަޅަން ނިންމާފައި ވިޔަަސް އަދި ހުށަހެޅީ އެންމެ ދެ ބިލުކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ބުނެފި އެވެ.

މިދައުރުގައި ސަރުކާރުން ހުށަހަަޅަން ގަސްދުކުރާ ބިލުތަކުގެ ލިސްޓް މަޖިލީހަށް މިއަދު ފޮނުވުމުން، މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ލިސްޓްގައި ހުރި ގިނަ ބިލްތަކަކީ ހުށަހަޅަން ސަރުކާރުން އުއްމީދުކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާ ބިލްތަކެއް ކަމަށެވެ. އެއީ ކުނިމެނޭޖްކުރުމުގެ ބިލާއި ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

"މަޖިލީހަށް ނުލިބި އެބަ ވޭ 20 ބިލް. މީގެ ތެރޭގައި ފާހަގަކުރެވޭ ވަރަށް ހާއްސަ ބިލް އެބަހުރި. ދިވެހިރާއްޖޭގެ ކޯޓްތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް. ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް، ޖުޑިޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް، ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހުގެނައުމުގެ ބިލް،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެ ހަތަރު ބިލު މުތާލިއާކޮށް ބަހުސްކޮށްގެން ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހުކުރުމަށް ބޮޑު މަސައްކަތެއް ކުރުމުގެ ފުރުސަތު މަޖިލީހުގެ މި ދައުރުގައި އަދި އެބަ އޮތް ކަމަށެވެ.

މިދައުރަށް ހުށަހަޅާ ބައެއް މުހިއްމު ބިލްތައް

  • ކޯޓްތަކުގެ ގާނޫނަށް އިސްލާހުގެނައުމުގެ ބިލް
  • ފަނޑިޔާރުންގެ ގާނޫނަށް އިސްލާހުގެނައުމުގެ ބިލް
  • ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ގާނޫނަށް އިސްލާހުގެނައުމުގެ ބިލް
  • ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • މާލިއްޔަތު ގާނޫނަށް އިސްލާހުގެނައުމުގެ ބިލް
  • ކުނި ނައްތައިލުމާއި މެނޭޖްކުރުމުގެ ބިލް
  • ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހުގެނައުމުގެ ބިލް

މުހިއްމު ބައެއް ބިލްތަކުގެ ލިސްޓް ވިދާޅުވުމަށް ފަހު ނަޝީދު ވިދާޅުވީ އެ ބިލްތައް ހުށަޅަން ސަރުކާރުން ތަކުރާރުކޮށް އުއްމީދުކޮށްފައިވާ ކަމަށެވެ.

"އެހެން ނަމަވެސް މަޖިލީހަށް ނުފޮނުވިފައިވާ ވަރަށް ގިނަ ބިލް،" އެމަނިކުފާނު ވިދާޅުވި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބުނި ގޮތުގައި, މި ދައުރުގައި ހުށަހަޅަން ނިންމާފައިވާ ބިލްތަކުގެ ތެރެއިން ލިސްޓުގައި ހިމެނޭ ނުވަ ބިލެއް މަޖިލީހަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާނެ އެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅަން ގަސްދުކުރާ ބިލްތަކުގެ ބޮޑު ބައެއް އަދި ފޮނުވާފައި ނުވާ އިރު މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް މިހާރު ކުރިއަށް ގެންދަނީ ކޮންމެ ދުވަހަކު ވެސް ވަރަށް ކުރުކޮށެވެ. މިދިޔަ ދެ ހަފްތާގައި ވެސް ޖަލްސާތައް ކުރުކޮށްލި އިރު ސަބަބެއްގެ ގޮތުގައި ރިޔާސަތުން ވިދާޅުވީ ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތުމެވެ.

މަޖިލީހަށް ކުރިން ފޮނުވާފައިވާ ގިނަ އަދަދެއްގެ ބިލްތައް ހުރީ ކޮމިޓީ މަރުހަލާގަ އެވެ.