Advertisement

ޕެސެންޖަރު ދާން ބޭނުންވާ ތަން ކުރިން އަންގަން ނުޖެހޭ ގޮތަށް ޓެކްސީ އެޕްތައް ބަދަލުކުރަން އަންގައިފި

24 މޭ 2022 - 11:04 2

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ޓެކްސީއެއް މަގެއްގެ މަތިން ދަތުރުކޮށްފައި ދަނީ. ޓެކްސީތަކަށް އަރާ ޕަސެންޖަރު ދާން ބޭނުންވާތަން ކުރިން އަންގަން ނުޖެހޭ ގޮތަށް އެޕްލިކޭޝަންތައް ބަދަލުކުރަން މިހާރު ވަނީ އަންގާފައި ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ޕެސެންޖަރު ދާން ބޭނުންވާ ތަން ކުރިން އަންގަން ނުޖެހޭ ގޮތަށް ޓެކްސީ އެޕްތައް ބަދަލުކުރަން އަންގައިފި

24 މޭ 2022 - 11:04 2

ޓެކްސީގެ ހިދުމަތް ހޯދާ ޕެސެންޖަރުން ދާން ބޭނުންވާ ތަން ކުރިން އަންގަން ނުޖެހޭ ގޮތަށް އެޕްލިކޭޝަންތައް ބަދަލުކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީ ސެންޓަރުތަކަށް އަންގައިފި އެވެ.

ރާއްޖޭގައި މިހާރު ޓެކްސީގެ ހިދުމަތްދޭ އެޕްލިކޭޝަންތައް ހުންނަނީ ޕެސެންޖަރު ދާން ބޭނުންވާ ތަން އިޚުތިޔާރު ނުކޮށް، ހިދުމަތަށް ނޭދެވޭ ގޮތަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް، ލިއުމުން ޖަވާބު ހޯއްދަވާ ގޮތަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ކުރެއްވި ސުވާލަކަށް އޭނާ ދެއްވި ޖަވާބުގައި ވިދާޅުވީ ޓެކްސީގެ ހިދުމަތް ރަނގަޅަށް ނުދޭ މައްސަލަ ހައްލުކުރަން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. ދާން ޖެހޭ ތަން ކުރިން ނޭނގޭ ގޮތަށް އެޕްލިކޭޝަންތައް ބަދަލުކުރަން އެންގުމަކީ އޭގެ އެއް ފިޔަވަޅެވެ.

"އަދި އޮންލައިން އެޕް މެދުވެރިކޮށް އަގުބޮޑުކޮށް ދަތުރުކޮށްފައިވާކަން މި މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާތީ މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ވެސް މި މިނިސްޓްރީގެ ފަރާތުން ބަލަމުންދާ ކަމުގައި ދަންނަވަމެވެ. އަދި ފަސިިންޖަރުން ދާން ބޭނުންވާ ތަން ޓެކްސީ ޑްރައިވަރަށް، ދަތުރު ނެގުމުގެ ކުރިން ނޭނގޭނެ ގޮތަކަށް އެޕްލިކޭޝަންގެ ޑިޒައިން ބަދަލުކުރަން، އޮންލައިން އެޕްލިކޭޝަން މެދުވެރިކޮށް ހިދުމަތްދެމުންދާ ފަރާތްތަކަށް މި މިނިސްޓްރީން ވާނީ އަންގައިފަ އެވެ،" މަޖިލީހަށް ލިއުމުން ފޮނުއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވި އެވެ.

ޓެކްސީތަކާ ގުޅޭ ގިނަ ޝަކުވާތަކެއް

ތިމަރަފުށި ދާއިރާގެ މެމްބަރު ރިޔާޒް، ޓްރާންސްޕޯޓް މިނިސްޓަރާ ކުރެއްވި ސުވާލުގައި އެއްސެވީ މާލޭގައި މިހާރަށް ވުރެެ ފަސޭހައިން ޓެކްސީ ހިދުމަތް ލިބޭ ގޮތް ހަދަން ސަރުކާރުން ގެންގުޅޭ ވިސްނުމަކީ ކޮބައިތޯ އެވެ. އެ ސުވާލަށް ދެއްވި ޖަވާބުގައި ވިދާޅުވީ ޓެކްސީ ހިދުމަތް ހޯދުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކުގެ ޝަކުވާ ހުށަހަޅާނެ ހޮޓްލައިނެއް ގާއިމްކޮށްފައިވާ ކަމަށެވެ. އަދި އެގޮތުން ހުށަހަޅާ ޝަކުވާތައް ބަލައި ފިޔަވަޅު އަޅަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަހުލާ ވިދާޅުވި ގޮތުގައި ޓެކްސީ ހިދުމަތާ ގުޅޭ ޖުމްލަ 57 ޝަކުވާއެއް ހުށަހަޅާފައި ވާއިރު އެ ހުރިހާ މައްސަލައެއް ދިރާސާކޮށް، 15 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މިނިސްޓްރީއަށް ހުށަހަޅާފައި ވަނީ އަގުބޮޑުކޮށް ދަތުރުކުރިކަމުގެ ޝަކުވާތަކެކެވެ.

ޝަކުވާތައް ބެލުމުގެ ގޮތުން ޝަކުވާ ހުށަހެޅި ފަރާތްތަކާއި ޑްރައިވަރުންގެ ބަޔާން ވެސް ނަގާފަައިވާ ކަމަށާއި ޑްރައިވަރުންނަށް ފިޔަވަޅު އަޅަން ޓެކްސީ ސެންޓަރުތަކަށް އަންގާފައިވާ ކަމަށް ވެސް ނަހުލާ ވިދާޅުވި އެވެ.

ޓެކްސީ ހިދުމަތާ ގުޅޭ ގޮތުން ހުށަހެޅި ޝަކުވާތަކުގެ ތެރޭގައި އެޕްލިކޭޝަންތައް ޑައުންކުރި ކަމުގެ ޝަކުވާ ވެސް ހިމެނެ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ޝަކުވާއާ ގުޅިގެން އެޅި ފިޔަވަޅަކީ ނަސޭހަތް ދިނުމެވެ.

"...އަދި މާލެސިޓީގައި ސަރުކާރުން އަންގާފައިވާ އަގަށްވުރެ ބޮޑުކޮށް ދަތުރުތައް ކުރަން ފެށުމާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވާ މައްސަލައަށް ހައްލު ހޯދުމަށް ޓަކައި، ގަވައިދާ ހިލާފަށް ދެމުންދާ ހިދުމަތް ހުއްޓުމަކަށް ގެނައުމަށް ޓަކައި މިފަދަ ފަރާތްތަކާ މެދުގައި ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅާނެކަން ވާނީ އެންގިފަ،" ނަހުލާ ވިދާޅުވި އެވެ.

ޓެކްސީގެ ހިދުމަތް ފަސޭހައިން ލިބޭނެ ގޮތެއް ހަދަން، ސަރުކާރުން ގެންގުޅޭ އާ ވިސްނުމެއް އޮތް ކަމަކަށް އޭނާ ވިދާޅެއް ނުވެ އެވެ.