މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ކުޅެމުން އަންނަ ރާއްޖޭގެ ގައުމީ ޓީމުގެ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ނާއިޒު ހަސަން (ދާދު) އަދި ސަމޫހު އަލީ (ސަމުއްޓެ) އަށް އިންޑިއާގެ ކޮންމެ ލީގެއްގައި ވެސް މޮޅަށް ކުޅެވޭނެ ކަމަށް އިންޑިއާގެ އައި ލީގުގެ ޗެމްޕިއަންކަން މިދިޔަ ދެ އަހަރު ހޯދި ގޯކުލަމް ކެރަލާގެ ކޯޗު ވިންޗެންޒޯ އަލްބާޓޯ ބުނެފި އެވެ.
ގޯކުލަމް އިން ވަނީ އިންޑިއާގެ ކަލްކަތާގައި ކުރިއަށްދާ އޭއެފްސީ ދެކުނު އޭޝިއާގެ ޓީމުތައް ވާދަކުރާ ގްރޫޕް ޑީގެ ފުރަތަމަ މެޗުގައި އިންޑިއަން ސުޕަ ލީގުގެ ޓީމު އޭޓީކޭ މޯހަން ބަގާން 4-2 އިން ބަލިކޮށްފަ އެވެ. ދެ ވަނަ މެޗުގައި ގޯކުލަމް ވަނީ 1-0 އިން މާޒިޔާ އަތުން ބަލިވެފަ އެވެ.
ގްރޫޕްގެ ފަހު މެޗުތައް މާދަމާ ކުޅޭއިރު، އެ މެޗުތަކުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ގޯކުލަމް ކޯޗު ވިންޗެންޒޯ ވަނީ މާޒިޔާގެ ކުޅުންތެރިންނަށް ތައުރީފުކޮށްފަ އެވެ. މާޒިޔާގައި ތިބީ ގިނައިން ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިން ކަމަށާއި ކޮންމެ ކުޅުންތެރިއަކީ ބައިނަލްއަގުވާމީ ތަޖުރިބާ ލިިބިފައިވާ މޮޅު ކުޅުންތެރިން ކަމަށް ވިންޗެންޒޯ ވަނީ ބުނެފަ އެވެ.
"ރާއްޖޭގެ (މާޒިޔާ)ގެ ކުޅުންތެރިންގެ އެބަހުރި ކޮލިޓީ އިންޑިއާގެ ކޮންމެ ލީގެއްގައި ވެސް ކުޅެވޭނެ، ކުޅުންތެރިންގެ ނަންތަކަށް ބަލަންޏާ، ހަމްޒާ، އޭނަ އަކީ ރާއްޖޭގެ ފުޓްބޯޅައިގެ ލެޖެންޑެއް. އޭނަ ކުޅެނީ ވެސް ބިދޭސީ ލެވަލްގެ ކުޅުންތެރިއެއްގެ ކުޅުން. ވަރަށް މޮޅު. މާޒިޔާގެ 11 ނަމްބަރު (ދާދު) ވެސް މޮޅު، ދެން، ޓީމުގެ ކެޕްޓަނަކަށް ހުރި 17 ނަމްބަރު (ސަމޫހު) އެއީ ވެސް ވަރަށް ހުނަރުވެރި ކުޅުންތެރިއެއް، ސްޕީޑު އެބަހުރި، މޮޅަށް ޑިފެންސްކުރޭ، މީގެއިން ކޮންމެ ކުޅުންތެރިއަކަށް ވެސް އިންޑިއާގައި ކުޅެވޭނެ،" ގޯކުލަމްގެ ކޯޗު ވިންޗެންޒޯ ބުންޏެވެ.
ގޯކުލަމް ކޯޗު ވިންޗެންޒޯ އަލްބާޓޯ: އޭނާ ވަނީ މާޒިޔާގެ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައި.
ރާއްޖޭގެ ކޯޗަކަށް ހުރީ އިޓަލީގެ ގައުމީ ޓީމާއި އިންޓަ މިލާނަށް ކުރިން ކުޅުނު ފްރެންޗެސްކޯ މޮރިއޭރޯ އެވެ. ވިންޗެންޒޯ ބުނީ މޮރިއޭރޯ ފަދަ މޮޅު ކޯޗެއް ރާއްޖޭގެ ކުޅުންތެރިންނަށް އިރުޝާދުދޭން ހުރުމަކީ އެ ކުޅުންތެރިންގެ ލެވަލް މައްޗަށް ޖައްސާލަން ލިބޭ ފުރުސަތެއް ކަމަށެވެ.
"މޮރިއޭރޯއާ އެކު ރާއްޖޭގެ ކުޅުންތެރިން ކުރިއަރާނެކަމުގެ ޔަގީންކަން އަހަންނަށް އެބައޮތް، އެއީ މޮރިއޭރޯގެ މަސައްކަތް އަހަންނަށް ފެނިފައި ހުރީ،" ވިންޗެންޒޯ ބުންޏެވެ.
އިންޑިއާ އައި ލީގުގައި ކުޅޭ ބިދޭސީ ކުޅުންތެރިންގެ މުސާރަ އުޅެނީ މަހަކު އެވްރެޖްކޮށް 5000-15000 ޑޮލަރުގަ އެވެ. ސުޕަ ލީގުގެ ގިނަ ބިދޭސީ ކުޅުންތެރިންނަށް މުސާރަ އެވްރެޖްކޮށް 15000 ޑޮލަރަށް ވުރެ ބޮޑު ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އޭޓީކޭ މޯހަން ބަގާން އަށް ކުޅޭ އިންޑިއާ ގައުމީ ޓީމުގެ ޑިފެންޑަރު ޕްރިތަމް ކޯޓާލް ވެސް ވަނީ ރާއްޖޭގެ ކުޅުންތެރިންގެ ހުނަރު އެބަހުރި ކަމަށާއި ބޭނުންނަަމަ މަތީ ލެވަލްގައި ކުޅެވޭނެ ކަމަށް ބުނެފަ އެވެ.
ކަލްކަތާގައި މިހާރު ކުރިއަށްދާ އޭއެފްސީ ކަޕްގެ މެޗުތަކުގައި ކޮންމެ ޓީމެއް މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު، ގްރޫޕް ޑީގެ އެއް ވަނައިގައި އޭޓީކޭ މޯހަން ބަގާން އޮތީ ތިން ޕޮއިންޓާއި ފައިދާ ދެ ގޯލާ އެކު އެވެ. ގޯކުލަމް ދެ ވަނައިގައި އޮތީ ތިން ޕޮއިންޓާ އެކު ފައިދާ އެއް ގޯލު އޮތުމުންނެވެ. ތިން ވަނައިގައި އޮތް މާޒިޔާ އަށް ތިން ޕޮއިންޓް ލިބުނަސް ފައިދާ ގޯލެއް ނެތެވެ. ބަޝުންދަރާ ފުލުގައި އޮތީ ތިން ޕޮއިންޓާ އެކު ގެއްލުން ތިން ގޯލުއާ އެކު އެވެ.
ދެ ޓީމެއް ޕޮއިންޓުގެ ގޮތުން އެއްވަރުވެއްޖެނަމަ ބަލަނީ ހެޑް ޓު ހެޑް ގަވާއިދަށެވެ. އެކަމަކު، ދެ ޓީމަށް ވުރެ ގިނަ ޓީމު ޕޮއިންޓުން އެއްވަރުވެއްޖެނަމަ ދެން ބަލާނީ ފައިދާ ގޯލަށެވެ. މާދަމާ ހަވީރު ކުޅޭ މެޗުން ގޯކުލަމް އަތުން ބަޝުންދަރާ މޮޅުވެއްޖެނަމަ މާޒިޔާ އަށް އަނެއް ބުރުގެ ދޮރު ބަންދުވާނެ އެވެ. އެކަމަކު، މާދަމާ ހަވީރު ގޯކުލަމް އާއި ބަޝުންދަރާ ކުޅޭ މެޗު އެއްވަރުވެއްޖެނަމަ ނޫނީ ގޯކުލަމް އިން ބަޝުންދަރާ ބަލިކޮށްފިނަމަ، އޭޓީކޭ ބަލިކޮށްގެން މާޒިޔާ އަށް އަނެއް ބުރަށް ދެވޭނެ އެވެ.
Comment