Advertisement

މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވޭތީ މީޑިއާ ކައުންސިލް ރައީސްގެ މައްސަލަ މަޖިލީހުގެ ކޮމިޓީއަށް

22 މޭ 2022 - 19:54 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

އެމްއެމްސީގެ ރައީސް ޝަހުބާން ފަހުމީ-- ފޮޓޯ: އެމްއެމްސީ


މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވޭތީ މީޑިއާ ކައުންސިލް ރައީސްގެ މައްސަލަ މަޖިލީހުގެ ކޮމިޓީއަށް

22 މޭ 2022 - 19:54 1

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ޝަހުބާން ފަހުމީއާ ގުޅޭ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާގެ ކޮމިޓީއަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ ކޮމެޓީ އަށް ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމެވެ.

އެކަމާ ގުޅިގެން އުޝާމް "އަދަދު"އަށް ވިދާޅުވީ މީޑިއާ ކައުންސިލްގެ ގާނޫނުގައި ބަޔާންކޮށްފައިވާ، އެންމެ އަސާސީ ސިފަތަކުގެ ތެރެއިން އެއް މާއްދާގައި މުޖުތަމައު ގަބޫލުކުރާ މިންގަނޑުން އަބުރުވެރި އަހްލާގް ރަގަޅު މީހެއްކަށް ވުން ހިމެނޭ ކަމަށެވެ.

"މަނީ ލޯންޑަރިންގެ ތުހުމަތަކީ ވަރަށް ސީރިއަސް ތުހުމަތެއް. ގާނޫނުގަ ބުނާ ސިފައެއް އުނިވުމަކީ މަގާމުން ވަކިވާނެ ހާލަތެއް. ނަމަވެސް ދެން އޭގަ އަމަލު ކުރަން ޖެހޭ ގޮތެއް ގާނޫނުގައި ނެތް،" އުޝާމް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޝަހުބާންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީލޯންޑަރިންގެ މައްސަލާގައި މިހާތަނަށް އަމަލު ކޮށްފައި ހުރި ގޮތްތަކަށް ބަލާއިރު ހާއްސަކޮށް މީޑިއާގައި ރިޕޯޓު ކޮށްފައި ހުރި ގޮތްތަކަށް ބަލާއިރު އެ ގާނޫނުގައި އެ ބުނާ ޝަރުތުތައް ޝަހުބާންގެ ކިބައިގައި ފުރިހަމަ ވާ ކަމަކަށް އަޅުގަނޑު ނުދެކެން،" އޭނާ ވިދާޅުވި އެވެ.

އެހެންކަމުން އެ މައްސަލަ މަޖިލީހުގެ ކޮމިޓީއަށް މިއަދު ހުށަހަޅާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޝަހުބާނަށް ކުރެވޭ ތުހުމަތު

ޝަހުބާނާއި އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ އަލްހާން ފަހުމީ ވަނީ "ކިންގްސް ފޮރެކްސް ޓްރޭޑިން" ކިޔާ ކުންފުންޏެއް މެދުވެރިކޮށް އާއްމުންގެ އަތުން ފައިސާ ނަގައިގެން އޮންލައިން ޓްރޭޑިން ކުރިޔަށް ގެންގޮސްފަ އެވެ.

މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހު، އެމްއެމްއޭ އިން ނުސީދާކޮށް ކިންގްސް ފޮރެކްސްއާ ދެކޮޅަށް ބަޔާން ނެރެ، ބީއެމްއެލްގައި ހުޅުވާފައިވާ ކިންގްސް ކެޕިޓަލް ހޯލްޑިންސްގެ އެކައުންޓްތައް ފްރީޒް ކުރީ، ކުޑަ މުއްދަތެއްގައި ބޮޑު ފައިދާއެއް ހޯދައިދޭނެ ކަމަށް ބުނެ މީހުންގެ އަތުން ފައިސާ ނަގައިގެން ބޮޑު ފްރޯޑެއް ހިންގަމުން އަންނަ ކަމަށް ތުހުމަތު ކޮށްފަ އެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު ޝަހުބާނާއި އަލްހާނު ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލު ކޮށްފަ އެވެ.

މަނީ ލޯންޑާގެ ތުހުމަތާ ގުޅިގެން ރާއްޖޭގެ ގިނަ ނޫސްވެރިންވެސް އަންނަނީ ޝަހުބާން އިސްތިއުފާ ދޭން ޖެހޭ ކަމަށް ބުނަމުންނެވެ. ނަމަވެސް އޭނާ ވިދާޅުވެފައި ވަނީ މަގާމުން އިސްތިއުފާ ދެއްވުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށެވެ.