އޮއްފު އެފްސީ އާއި ވެމްކޯ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އަދަދު
ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ ޕްރިލިމިނަރީ ބުރުގައި އޮއްފު އެފްސީ ބަލިކޮށް ކުލަބު ވެމްކޯ އިން ހޯދި ދެވަނަ މޮޅާ އެކު އެސޯސިއޭޝަން ކަޕް ފައިނަލް ބުރަށް ކޮލިފައިވެއްޖެ އެވެ.
އެސޯސިއޭޝަން ކަޕްގެ ކޮލިފައިން ބުރުގައި ވާދަކުރަނީ ހަތަރު ޓީމެކެވެ. އެއީ އޮއްފު އެފްސީ އާއި ވެމްކޯގެ އިތުރުން އައްޑޫ ސްޕޯޓްސް ކުލަބާއި އިންސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކުލަބް (އާއި ސްޕޯޓްސް ކުލަބް) އެވެ. މި ހަތަރު ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށްފަހު މުބާރާތަށް ކޮލިފައިވާނީ ދެ ޓީމެކެވެ.
ކޮންމެ ޓީމަކުން މިހާތަނަށް ދެ މެޗު ކުޅުނުއިރު، ވެމްކޯ އިން ވަނީ ކުޅުނު ދެ މެޗު ކާމިޔާބުކޮށްފަ އެވެ. އޮއްފު އެފްސީ އެއް މޮޅު ހޯދިއިރު، އައްޑޫ ސްޕޯޓްސް އަށް ވެސް ހޯދިފައިވަނީ އެއް މޮޅެކެވެ. ދެ މެޗުން ވެސް އާއި ސްޕޯޓްސް ކުލަބް ވަނީ ބަލިވެފަ އެވެ.
ޕްރިލިމިނަރީ ބުރަށް އެންމެ ވަރުގަދަ އަށް ތައްޔާރުވި ދެ ޓީމު ކަމަށްވާ ވެމްކޯ އާއި އޮއްފު އެފްސީ ގެ ކުރިމަތިލުން ވެމްކޯ އިން ކާމިޔާބު ކުރީ ތިން ސެޓު އެއް ސެޓުންނެވެ. ފޯރިގަދަ އަދި ވާދަވެރި މެޗުގެ ފުރަތަމަ ސެޓު ވެމްކޯ އިން ކާމިޔާބުކުރީ 25-19 އިންނެވެ.
ޖެހިގެން އައި ސެޓު، އޮއްފު އެފްސީން ވާދަވެރިކޮށް ކުޅެ ފަހު ވަގުތު މޮޅުވީ 22-25 އިންނެވެ. ފަހު ދެ ސެޓުގައި ވެމްކޯ އިން ތަފާތު ގޭމަކަށް ނުކުމެ މޮޅު ކުޅުމެއް ދެއްކި އެވެ. އެ ގޮތުން ޑިފެންސް ރަނގަޅުކޮށް މެޗު އަނބުރާލި އެވެ. މި ދެ ސެޓު އެ ޓީމުން ކާމިޔާބު ކުރީ 25-20 އަދި 25-18 އިންނެވެ.
އެސޯސިއޭޝަން ކަޕަށް ކޮލިފައިވުމުގެ އުއްމީދު އައްޑޫ ސްޕޯޓްސް އިން ދެމެހެއްޓީ އާއި ސްޕޯޓްސްގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައިގެންނެވެ. ސީދާ ތިން ސެޓުން ބަލިވި ކަމުގައިވިޔަސް އާއި ސްޕޯޓްސް އިން މި މެޗުގައި ރަނގަޅު ފައިޓެއް ދިނެވެ. މެޗުގެ ސެޓުތައް ނިމުނީ 20-25، 23-25 އަދި 23-25 ންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އައްޑޫ ސްޕޯޓްސްގެ ސެޓަރު މުޙައްމަދު އަމްރާދެވެ.
ޕްރިލިމިނަރީ ބުރުން އެސޯސިއޭޝަން ކަޕަށް މިހާރު ވެމްކޯ ކޮލިފައިވެފައި ވާއިރު، އަނެއް ޓީމް އެނގޭނީ މާދަމާރޭ އޮއްފު އެފްސީ އާއި އައްޑޫ ވާދަކުރާ މެޗުންނެވެ. މި މެޗުން މޮޅުވާ ޓީމަކަށް އެސޯސިއޭޝަން ކަޕުން ޖާގަ ލިބޭނެ އެވެ. އަދި ގައުމީ ލީގުންގައި ވެސް ވާދަކުރާނީ މިހާރު ކުރިއަށްދާ ކޮލިފައިން އިން ހޮވޭ ދެ ޓީމާއި، މިދިޔަ އަހަރުގެ ގަދަ ހަތަރު ޓީމެވެ. އެއީ ދިވެހި ސިފައިންގެ ކުލަބު، ޕޮލިސް ކުލަބު، ގުޑީސް އަދި ސްޕޯޓްސް ކުލަބު ސިޓީ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment